މާމެންދޫ ބަލިކޮށް ވާދޫ ވެސް ޒޯން ފައިނަލަށް

ގދ. ވާދޫއާއި ގއ. މާމެންދޫ ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ/ ގޯލްޑްން ފުޓްސަލް އެސޯސިއޭޝަން

ގޯލްޑެން ފުޓްސަލް ޗެލެންޖު 2023 ގެ ޒޯން ބުރުގައި ގއ. މާމެންދޫ ބަލިކޮށް ގދ. ވާދޫން ޒޯން ހައެއްގެ ފައިނަލަށް ދަތުރުކޮށްފިއެވެ.

ރޭ ހުޅުމާލެ ރެހެންދި ފުޓްސަލް ދަނޑުގައި ކުޅުނު އެ މެޗު ވާދޫން ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ.

ދެ ޓީމުގެ ފަރާތުން ފޯރިގަދަ ކުޅުމެއް ފެނުނު އެ މެޗުގައި ވާދޫން ޖެހި ހަމައެކަނި ގޯލު ޖެހީ މުސައްނިފު މުހައްމަދެވެ.

އެ މެޗުން މޮޅުވެ ވާދޫ އެ ޒޯނުގެ ފައިނަލް މެޗުގައި ވާދަކުރަން ޖެހޭނީ ލ. ގަމާއެވެ. ޒޯން ބުރުގައި އެންމެ ފަހުން އެ ދެ ޓީމުގެ ކުރިމަތިލުން ނިމުނީ 2-2 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ.

އަތޮޅު ފައިނަލްގައި ކުޅުނު ޓީމުތައް އަށް ޒޯނަކަށް ބަހާލައިގެން ކުރިއަށް ގެންދާ އެ މުބާރާތުގެ ޒޯން ހައެއްގައި ހިމެނެނީ ލ. އަތޮޅުގެ ޗެމްޕިއަން ގަމާއި ގދ. އަތޮޅު ޗެމްޕިއަން ވާދޫގެ އިތުރުން ގއ. އަތޮޅުގެ ޗެމްޕިއަން މާމެންދޫ އަދި އެއަތޮޅުގެ ރަނަރަޕް ނިލަންދޫއެވެ. އެ ގްރޫޕްގެ ކުޅުން ކުރިއަށް ގެންދިޔައީ ލީގު އުސޫލުންނެވެ.

ގދ. ވާދޫއާއި ގއ. މާމެންދޫ ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ/ ގޯލްޑްން ފުޓްސަލް އެސޯސިއޭޝަން

ގޯލްޑަން ފުޓްސަލް ޗެލެންޖަކީ މީހުން ދިރިއުޅޭ ކޮންމެ ރަށަކުން ވެސް އެ ރަށަކަށް ނިސްބަތްވާ އެއް ޓީމަށް ހުޅުވާލައިގެން ކުރިއަށްގެންދާ މުބާރާތެކެވެ. ނަމަވެސް މާލެއާއި ފުވައްމުލަކުގެ ކޮންމެ އަވަށަކުން ޓީމެއް ބައިވެރިކުރުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލައިފައެވެ. މި އަހަރުގެ ގޯލްޑެން ފުޓްސަލް ޗެލެންޖުގައި 102 ޓީމު ވަނީ ބައިވެރިވެފައެވެ.

ގޯލްޑެން ފުޓްސަލް ޗެލެންޖުގެ މި އަހަރުގެ ބްރޯޑްކާސްޓިން ޕާޓްނަރެއްގެ ގޮތުގައި ހަމަޖައްސާފައި ވަނީ ސަން ސިޔާމް މީޑިއާއެވެ. ގޯލްޑެން ފުޓްސަލް ޗެލެންޖު 2023 ގެ ހުރިހާ މެޗެއް "އެސްއެސް ޓީވީ"ގެ ފޭސްބުކް ޕޭޖުންނާއި "އެސްއެސް ޓީވީ"އިން ލައިވް ކުރާނެއެވެ.

comment ކޮމެންޓް