އައްޑޫ ސިޓީ ހުޅުދޫއަށް ނިސްބަތްވާ މީހަކު މާލެއިން ގެއްލިގެން ހޯދަމުންދާކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ، އައްޑޫސިޓީ ހުޅުދޫ ސަނީލޮޖް، އުމުރުން 46 އަހަރުގެ ޢަލީ އާރިފް ގެއްލިގެން ފުލުހުންނަށް ރިޕޯޓް ކުރުމާއިއެކު އޭނާ ހޯދުމުގެ މަސައްކަތް ފަށާފައިވާކަމަށެވެ.
އަލީ އާރިފް ވީނުވީއެއް ނޭނގި ގެއްލިފައިވާ ކަމަށް އޭނާގެ އާއިލާއިން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ ފެބުރުވަރީ 16 ވަނަ ދުވަހުގެ ވަގުތެއްގައި ކަމަށް ފުލުހުން ބުނެއެވެ. ގެއްލުނުއިރު، އޭނާ ދިރިއުޅެނީ މާލޭގައި ކަމަށާއި އެންމެ ފަހުން އާއިލާއަށް ހަބަރުވެފައިވަނީ 2022 ޑިސެމްބަރު މަހުގެ ތެރޭގައިކަމަށް ފުލުހުން ބުނެއެވެ.
އޭނާއަކީ ކަންނެލި މަސްވެރިކަމަށް ގޮސްއުޅޭ މީހެއްކަމަށް އޭނާގެ އާއިލާއިން ފުލުހުންނަށް މަޢުލޫމާތު ދެއެވެ.
އަލީ އާރިފް ގެއްލިގެން ރިޕޯޓްކުރުމާއި ގުޅިގެން ފުލުހުންގެ ކަމާ ގުޅުންހުރި އެންމެހާ ބަހާތަކަށް އެކަމުގެ މަޢުލޫމާތު ފޯރުކޮށް، އަލީ އާރިފް ހޯދުމުގެ މިހާރުވެސް ކުރަމުންދާކަމަށް ފުލުހުން ބުނެއެވެ. ނަމަވެސް މިހާތަނަށް ފުލުހުންގެ އެކި ބަހާތަކުން ކުރެވުނު މަސައްކަތުން އާރިފް ހޯދިފަ ނުވާކަމަށްވެސް ފުލުހުން ބުނެއެވެ.