ގޯލްޑެން ފުޓްސަލް ޗެލެންޖު 2023 ގެ ޒޯނު ބުރުގައި ކިނބިދޫ ބަލިކޮށް ކުޑަހުވަދޫ ޒޯނު ފަހެއްގެ ފައިނަލަށް ދަތުރުކޮށްފިއެވެ.
ހުޅުމާލެ ރެހެނދި ފުޓްސަލް ދަނޑުގައި ރޭ ކުޅުނު އެ މެޗު ކުޑަހުވަދޫން ކާމިޔާބުކުރީ 3-0 ގެ ނަތީޖާއަކުންނެވެ.
އެ މެޗުގައި ކުޑަހުވަދޫގެ ގޯލުތައް ޖެހީ ކެޕްޓަން ޖުމައިލް ޖަމީލާއި، ހާރޫން އިބްރާހީމްގެ އިތުރުން މާޔިޒް ވަހީދެވެ.
އަށް ޒޯނަކަށް ބަހާލައިގެން ކުރިއަށް ގެންދާ އެ މުބާރާތުގެ ޒޯން ފަހެއްގައި ހިމެނެނީ ދ. އަތޮޅުގެ ޗެމްޕިއަން ކުޑަހުވަދޫއާއި ފ. އަތޮޅުގެ ޗެމްޕިއަން މަގޫދޫގެ އިތުރުން ތ. އަތޮޅުގެ ޗެމްޕިއަން ކިނބިދޫއާއި އެ އަތޮޅުގެ ރަނަރަޕް ތިމަރަފުއްޓެވެ.
އެ މެޗުން މޮޅުވެ ކުޑަހުވަދޫ ވަނީ ޒޯނު ފައިނަލްގެ ޖާގަ ކަށަވަރުކޮށްފައެވެ. އެ ޓީމުން ޒޯނު ބުރުގެ ފުރަތަމަ މެޗުގައި 4-2 ގެ ނަތީޖާއަކުން ވަނީ މަގޫދޫ ބަލިކޮށްފައެވެ. އަދި ޒޯނު ބުރުގެ ފުރަތަމަ މެޗުގައި ކިނބިދޫ ވަނީ ތިމަރަފުށި އަތުން 8-0 ގެ ނަތީޖާއަކުން ބަލިވެފައެވެ. އެހެންކަމުން އެ ޓީމު ވަނީ މުބާރާތުން ކަޓައިފައެވެ.

ކުޑަހުވަދޫއާއި ކިނބިދޫ ބައްދަލުކުރި މެޗުގެ ތެރެއިން--- ފޮޓޯ/ ގޯލްޑެން ފުޓްސެލް އެސޯސިއޭޝަން
ގޯލްޑަން ފުޓްސަލް ޗެލެންޖަކީ މީހުން ދިރިއުޅޭ ކޮންމެ ރަށަކުން ވެސް އެ ރަށަކަށް ނިސްބަތްވާ އެއް ޓީމަށް ހުޅުވާލައިގެން ކުރިއަށްގެންދާ މުބާރާތެކެވެ. ނަމަވެސް މާލެއާއި ފުވައްމުލަކުގެ ކޮންމެ އަވަށަކުން ޓީމެއް ބައިވެރިކުރުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލައިފައެވެ. މި އަހަރުގެ ގޯލްޑެން ފުޓްސަލް ޗެލެންޖުގައި 102 ޓީމު ވަނީ ބައިވެރިވެފައެވެ.
ގޯލްޑެން ފުޓްސަލް ޗެލެންޖުގެ މި އަހަރުގެ ބްރޯޑްކާސްޓިން ޕާޓްނަރެއްގެ ގޮތުގައި ހަމަޖައްސާފައި ވަނީ ސަން ސިޔާމް މީޑިއާއެވެ. ގޯލްޑެން ފުޓްސަލް ޗެލެންޖު 2023 ގެ ހުރިހާ މެޗެއް "އެސްއެސް ޓީވީ"ގެ ފޭސްބުކް ޕޭޖުންނާއި "އެސްއެސް ޓީވީ"އިން ލައިވް ކުރާނެއެވެ.