ދުބާއީގައި މިހާރު ކުރިއަށްދާ ދުބާއީ ޓެނިސް ޗެމްޕިއަންޝިޕް ކުއާޓާ ފައިނަލުގެ ޖާގައެއް ސާބިއާގެ ނޯވަކް ޖޯކޮވިޗް ހޯދައިފިއެވެ.
މުބާރާތުގެ ކުއާޓާ ފައިނަލުގެ ޖާގައެއް ދުނިޔޭގެ އެއްވަނަ ޓެނިސް ކުޅުންތެރިޔާގެ ގޮތުގައި މި ވަގުތު ހުރި ޖޯކޮވިޗް ހޯދާފައިވަނީ، ނެދަލޭންޑްސްގެ ޓެލޮން ގްރޭކްސްޕޯ އާ ދެކޮޅަށް ކުޅުނުމެޗް ސީދާ ދެސެޓުން މެޗް ކާމިޔާބުކޮށްގެންނެވެ.
މެޗްގެ ސެޓްތައް ޖޯކޮވިޗް ގެންގޮސްފައިވަނީ، ފަސޭހަކަމާއެކު، ފުރަތަމަ ސެޓް 7-2 ދެވަނަ ސެޓް 6-3 ގެ ނަތީޖާއިންނެވެ. މި މެޗަށް ޖޯކޮވިޗް ނިކުތީ އޭނާގެ ފަޔަށް ލިބިފައިވާ އަނިޔާ އަދި މުޅިން ރަނގަޅުނުވާތީވެ، ކޮންމެވެސް ވަރެއްގެ ޝައްކެއްގެ މަތީގައި ހުރެގެންނެވެ.

ދުބާއީ ޓެނިސް ޗެމްޕިއަންޝިޕް ގައި ޖޯކޮވިޗް އާއި ޓެލޮން ގްރޭކްސްޕޯރ ބައްދަލުކުރި މެޗްގެ ތެރެއިން --- ފޮޓޯ/ ރޮއިޓާސް
މެޗަށްފަހު ވާހަކަދައްކަމުން ޖޯކޮވިޗް ބުނީ، މެޗްގައި ދެއްކުނު ކުޅުމާމެދު ވަރަށްބޮޑަށް ހިތްހަމަ ޖެހޭ ކަމަށާއި، އެންމެ ފަހުން ކުޅުނު ތިން ހަތަރު މެޗަށްވުރެ މި މެޗުގައި ދެއްކުނު ކުޅުމާމެދު މާބޮޑަށްވެސް ހިތްހަމަ ޖެހޭކަމަށެވެ.
"މެޗު ނިމިގެން މި ދިޔައީ ވަރަށް ރަނގަޅަށް. މިއީ ކުރިއަށްއޮތް މެޗަށް ދިއުމަށް ކޮށިގެންދިޔަ ވަރަށް ރަނގަޅު މަގެއްކަމަށް އަހަރެން ދެކެނީ،" ޖޯކޮވިޗް ބުންޏެވެ.
ދުބާއީ ޓެނިސް ޗެމްޕިއަންޝިޕް ކުއާޓާ ފައިނަލުގައި ޖޯކޮވިޗް ނިކުންނާނީ ޕޮލޭންޑްގެ ހޫބެޓް ހުރުކާޗް އާ ދެކޮޅަށެވެ. މި މުބާރާތުގެ ކުއާޓާ ފައިނަލުގެ ޖާގައެއް ހުރުކާޗް ހޯދީ ރަޝިއާގެ ޕަވެލް ކޮޓޯވް އާ ބައްދަލުކުރި މެޗު ސީދާ ދެސެޓުން މެޗް ކާމިޔާބުކޮށްގެންނެވެ. މެޗުގެ ސެޓްތައް ހުރުކާޗް ގެންގޮސްފައިވަނީ 7-5، 6-1 ކުންނެވެ.

ހޫބެޓް ހުރުކާޗް---
ކުއާޓާ ފައިނަލުގައި ޖޯކޮވިޗާ ހޫބެޓް ހުރުކާޗް ބައްދަލުކުރާ މެޗް ފަށާނީ މިރޭ ރާއްޖެ ގަޑިން 20:00 ގައެވެ.
މިއަހަހަރަށް ބަލާއިރު، ޖޯކޮވިޗް ވަނީ އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތް ކާމިޔާބުކޮށްފައެވެ. ދުބާއީ ޓެނިސް ޗެމްޕިއަންޝިޕަށް ބަލާއިރު، މި މުބާރާތުގެ އެންމެ ކާމިޔާބު ކުޅުންތެރިޔަކީ ސްވިޒަރލެންޑްގެ ރޮޖާ ފެޑްރާއެވެ. އޭނާ ވަނީ މި މުބާރާތުގެ ޗެމްޕިއަންކަން އަށް ފަހަރު ހޯދާފައެވެ.
މުބާރާތުގައި ދެވަނައަށް އެންމެ ކާމިޔާބު ކުޅުންތެރިޔަކީ ޖޯކޮވިޗެވެ. ޖޯކޮވިޗް ވަނީ މި މުބާރާތުގެ ޗެމްޕިއަންކަން ފަސް ފަހަރު ހޯދާފައެވެ.