ކޮވިޑާ ބެހޭގޮތުން ދެއްކި ވާހަކަތަކާ ގުޅިގެން ޗައިނާއިން މަސްކްއަށް އިންޒާރުދީފި

އީލޯން މަސްކް ކޮވިޑް-19 ވައިރަހާ ބެހޭ ގޮތުން ދެއްކި ވާހަކަތަކާ ގުޅިގެން ޗައިނާއިން ވަނީ ނުރުހުންވެފަ -- ފޮޓޯ/ އޭޕީ

ކޮވިޑް-19 ވައިރަސް ލީކުވީ ޗައިނާގެ ލެބަކުން ކަމަށް ދައްކާ ވާހަކަތައް ޕްރޮމޯޓް ނުކުރުމަށް އެގައުމުން ބިލިއަނަރު އީލޯން މަސްކްއަށް އަންގައިފިއެވެ.

ޗައިނާއިން އެގޮތަށް އެންގީ، އެގައުމުގެ ވެރިކަން ކުރާ ކޮމިއުނިސްޓް ޕާޓީގެ ދަށުން ހިންގާ ނޫހެއް ކަމަށްވާ ގްލޯބަލް ޓައިމްސް މެދުވެރިކޮށެވެ. އެ ނޫހުގެ ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވަނީ، ކޮވިޑަކީ ޗައިނާއިން ލީކުވި ވައިރަހެއް ކަމަށް ދޭހަވާ މޭރުމަކުން ވާހަކަދައްކާ ނަމަ ޓެސްލާއާ އެގައުމާ އޮންނަ ގުޅުން ގޯސްވެދާނެ ކަމަށެވެ.

ގްލޯބަލް ޓައިމްސްގެ ޕޯސްޓުގައިވާ ގޮތުން، ކޮވިޑް-19 އުފެދުނީ ޗައިނާގެ ވޫހާންގެ ލެބެއްގައި ކަމަށް އެމެރިކާގެ ޑިޕާޓްމަންޓް އޮފް އެނާޖީން ނިންމާފައިވާ ކަމަށް ބުނެފައިވާ ޓްވީޓަކަށް މަސްކް ވަނީ ކޮމެންޓުކޮށްފައެވެ.

މަސްކްއާއި އެމެރިކާގެ މިވާހަކަތައް ޗައިނާގެ އޮފިޝަލުންގެ ސަމާލުކަމަށް އައިސްފައި ވާއިރު، ބަލިމަޑުކަމާ ގުޅިގެން ޗައިނާގެ އޮފިޝަލުން ގެންގުޅޭ ސިޔާސަތުތަކަކީ ހަރުދަނާ ސިޔާސަތުތަކެއް ކަމަށް އެގައުމުގެ ސަރުކާރުންވަނީ ބުނެފައެވެ. އަދި ޗައިނާ ސަރުކާރުން ވަނީ މި ވައިރަސް އުފެދުނީ ލެބަކުން ކަމަށް ބުނާ ވާހަކަ ދޮގުކޮށް، އެމެރިކާއިން ބަލިމަޑުކަމާ ބެހޭ ގޮތުން "ބުހުތާން ދޮގު ވާހަކަތައް" ފަތުރަމުންދާ ކަމަށް ތުހުމަތުކޮށްފައެވެ.

މަސްކްގެ މި ވާހަކަތަކަށް ރައްދު ދެމުން ޗައިނާގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ވައިރަހުގެ އަސްލާ ބެހޭ ވާހަކަތައް ސިޔާސީ ކުރަން ކުރާ ކޮންމެ މަސައްކަތަކީ ބަލިމަޑުކަމުން އަރައިގަތުމަށް މުޅި ދުނިޔެއިން ކުރަމުންދާ މަސައްކަތަށް ބުރޫ އަރާނެ ކަމެއް ކަމަށެވެ.

"ހަގީގަތާއި ސައިންސަށް އިހުތިރާމް ކުރުމަށާއި، އަސާސެއް ނެތް ތުހުމަތެއް ނުކުރުމަށާއި، އެހެން މީހުން ބަދުނާމު ނުކުރުމަށް ކަމާ ބެހޭ ފަރާތްތަކަށް އިލްތިމާސް ކުރަމެވެ،" ބަޔާނުގައި ބުނެފައިވެއެވެ.

ޗައިނާ ސަރުކާރުގެ އިންޒާރަށް މަސްކް އަދި ޖަވާބެއް ނުދެއެވެ. ނަމަވެސް ޓްވިޓާގައި އޭނާ ދެއްކި ވާހަކަތައް ސާފުކޮށްދެމުން ބުނީ، ލެބަކުން ވައިރަސް ދޫކުރީ ގަސްތުގައި ކަމަށް ގަބޫލު ނުކުރާ ކަމަށާއި ނަމަވެސް ވައިރަސް ލީކުވި ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމުގެ އަސްލާމެދު އުފެދިފައިވާ ޚިޔާލުތަފާތުވުންތައް އަދިވެސް ހޫނުވަމުން އަންނައިރު، ސައިންސްވެރިންނާއި ސިޔާސީ ފަރާތްތަކުން ވެސް ވަނީ ވައިރަހުގެ ހަގީގީ އަސްލު ދެނެގަތުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ނަމަވެސް މަސްކްގެ މި ވާހަކަތަކާ އެކު ޗައިނާ ސަރުކާރުގެ އިސްއޮފިޝަލުންގެ ނުރުހުން އޭނާއަށް އަމާޒުވެފައިވާއިރު، އޭގެ ސަބަބުން ޗައިނާގައި އޭނާގެ ވިޔަފާރީގެ މުއާމަލާތްތަކަށް ވަރަށް ބޮޑު އަސަރެއްކުރާނެކަމަށް ކަމާބެހޭ މާހިރުން ދެކެވަޑައިގަންނަވައެވެ.

comment ކޮމެންޓް