ފްރާންސްގެ ފުޓްބޯޅަ ލެޖެންޑް ޖަސްޓް ފޮންޓެއިން އުމުރުން 89 އަހަރުގައި މިއަދު މަރުވެއްޖެއެވެ.
ޖަސްޓް ފޮންޓެއިން މަޝްހޫރުވެފައިވަނީ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތެއްގައި އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާގެ ގޮތުގައެވެ. ސްވިޑެންގައި 1958 ވަނަ އަހަރު ބޭއްވި ވޯލްޑްކަޕް މުބާރާތުގައި ފޮންޓެއިން ކުޅުނު ހަ މެޗްގައި އޭނާ ވަނީ 13 ގޯލް ޖަހައި، ރެކޯޑެއް ހަދާފައެވެ.
އެފަހަރުގެ ވޯލްޑްކަޕްގައި ފްރާންސަށް ލިބުނީ ތިން ވަނައެވެ. އެ މުބާރާތުގައި ފޮންޓެއިން ވަނީ ފީފާއިން ދޭ ރަން ބޫޓު ހޯދާފައެވެ.
މީގެ އިތުރުން، ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގައި މިހާތަނަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިންގެ ތެރޭގައި މިހާރުވެސް ފޮންޓެއިން ހިމެނެއެވެ. މި ލިސްޓްގެ ހަތަރުވަނައިގައި ފޮންޓެއިން އާއެކު އާޖެންޓީނާގެ ލިއޮނެލް މެސީ ވެސް ހިމެނެއެވެ.
ވޯލްޑްކަޕްގައި ކުޅުނު ހަ މެޗްގައި ފޮންޓެއިން 13 ގޯލް ޖަހާފައިވާއިރު، މެސީ އެ އަދަދަށް ލަނޑުޖަހާފައިވަނީ 26 މެޗް ކުޅެގެންނެވެ.

ފޮންޓެއިން 1958 ގެ ވަރލްޑްކަޕްގައި-- ފޮޓޯ/ އޭއެފްޕީ
ޖަސްޓް ފޮންޓެއިން ފްރާންސްގެ ގައުމީ ޓީމަށް ކުޅެފައިވަނީ 1953 އިން 1960ގެ ނިޔަލަށެވެ. އެ މުއްދަތުގައި ފްރާންސްގެ ގައުމީ ޓީމަށް ކުޅެދިން 31 މެޗްގައި އޭނާ ވަނީ 30 ގޯލް ޖަހައިދީފައެވެ.
ފޮންޓެއިންގެ ކްލަބް ކެރިއަރަށް ބަލާއިރު، އޭނާ ވަނީ، މޮރޮކޯގެ ކަސަބްލަންކާ، ފްރާންސްގެ ނީސް، އަދި ރެއިމްސްއަށް ކުޅެފައެވެ. ފޮންޓެއިން އެންމެ ފާހަގަވެފައިވަނީ ރެއިމްސްއަށް ކުޅުނު ދުވަސްވަރެވެ. ރެއިމްސްއަށް ކުޅެދިން 131 މެޗްގައި އޭނާ ވަނީ 122 ލަނޑު ޖަހާފައެވެ.
ކުޅުން ހުއްޓާލުމަށްފަހު ފޮންޓެއިން ވަނީ ފްރާންސްގެ ޕީއެސްޖީ، ޓޮލޫސް، އަދި މޮނާކޯއަށް ކޯޗެއްގެ ގޮތުގައި އިރުޝާދު ދީފައެވެ.