އިނގިރޭސި އެފްއޭކަޕް ކުއާޓާ ފައިނަލުގެ ޖާގައެއް މެންޗެސްޓާ ސިޓީ ހޯދައިފި

އެފްއޭކަޕްގައި ރޭ ބްރިސްޓޯލް އާ ސިޓީ ބައްދަލުކުރިމެޗްގެ ތެރެއިން--- ފޮޓޯ/ސިޓީ

އިނގިރޭސި އެފްއޭ ކަޕް ކުއާޓާ ފައިނަލުގެ ޖާގައެއް މެންޗެސްޓާ ސިޓީ ހޯދައިފިއެވެ.

އެފްއޭކަޕް ކުއާޓާ ފައިނަލުގެ ޖާގައެއް މެންޗެސްޓާ ސިޓީން ހޯދީ، ފަސްވަނަ ބުރުގައި އަންގާރަ ދުވަހުގެ ރޭ ބްރިސްޓޯލް އާ ދެކޮޅަށް ކުޅުނު މެޗް ފަސޭހަކަމާއިއެކު 0-3 ގެ ނަތީޖާއިން ކާމިޔާބުކޮށްގެންނެވެ. ބްރިސްޓޯލްގެ ދަނޑުގައި ކުޅުނު މި މެޗްގައި ތަރިއަކަށްވީ ސިޓީގެ މިޑްފީލްޑަރު ފިލް ފޯޑެން އެވެ. ފޯޑެން ވަނީ މި މެޗްގައި ސިޓީއަށް ދެ ލަނޑު ޖަހައިދީފައެވެ.

މެންޗެސްޓާ ސިޓީން މޮޅަށް ކުޅުނު މި މެޗް ފެށުމާއިއެކު ސިޓީން ވަނީ ބްރިސްޓޯލްގެ ގޯލަށް ނުރައްކާ ކޮށްފައެވެ. ސިޓީން ޖެހި ފުރަތަމަ ލަނޑު ފޯޑެން ކާމިޔާބުކުރީ، މެޗް ފަށައިގެން 7 ވަނަ މިނެޓް ތެރޭގައެވެ. މިއީ ޕެނަލްޓީ އޭރިއާ ތެރެއިން މާރޭޒް ހުރަސްކޮށްލި ބޯޅައަކުން ފޯޑެން ޖެހި ލަނޑެކެވެ.

ފުރަތަމަ ލަނޑަށް ފަހު ވެސް ސިޓީން ވަނީ ފުލުފުލުގައި ބްރިސްޓޯލްގެ ގޯލަށް އަމާޒުކޮށް ނުރައްކާތެރި ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ. މީގެ ތެރެއިން ބައެއް ހަމަލާތައް ބްރިސްޓޯލްގެ ކީޕަރު ދިފާއުކުރިއިރު، އަނެއްބައި ހަމަލާތައް ދިޔައީ ގޯލް ދަނޑިކައިރިން ބޭރަށެވެ.

ރޭގެ މެޗްގައި ސިޓީއަށް ދެ ލަނޑު ޖެހި ފޯޑެން--- ފޮޓޯ/ ބީބީސީ

މެޗްގައި ސިޓީން ޖެހި ދެވަނަ ލަނޑު ފޯޑެން ކާމިޔާބުކުރީ، 74 ވަނަ މިނެޓް ތެރޭގައި އަލްވަރޭޒް ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ. މެޗްގައި ފެނިގެންދިޔަ ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ މުޅި މެޗްގައިވެސް މޮޅު ކުޅުމެއް ދެއްކި ކެޕްޓަން ޑި ބްރޭނާއެވެ. އޭނާ މި ލަނޑު ޖެހީ ގޯލާ 25 ޔާޑް ދުރުންނެވެ.

އިނގިރޭސި އެފްއޭ ކަޕްގައި ރޭ ކުޅުނު އިތުރު މެޗްތަކުގެ ނަތީޖާތަކަށް ބަލާއިރު، ސްޓޯކް ސިޓީ އާ ބްރައިޓަން ބައްދަލުކުރިމެޗް 0-1 ގެ ނަތީޖާއިން ކާމިޔާބުކުރީ ބްރައިޓަންއެވެ. ލެސްޓާ ސިޓީ އާ ބްލެކްބާން ރޯވާސް ބައްދަލުކުރި މެޗް ކުރިން ހީކުރިގޮތާއި ހިލާފަށް ކާމިޔާބުކުރީ ބްލެކްބާން އެވެ. އަދި ފުލަމް އާ ލީޑްސް ބައްދަލުކުރި މެޗް ކާމިޔާބުކުރީ ފުލަމްއެވެ.

comment ކޮމެންޓް