ފީފާއިން ހޮވާ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ފުޓުބޯޅަ ރަސްގެފާނު ލިއޮނަލް މެސީ ހޯދައިފިއެވެ.
މެސީއަށް އެ އެވޯޑް ލިބިފައި ވަނީ ރޭ ބޭއްވި ބެސްޓް ފީފާ ފުޓްބޯލް އެވޯޑްސް 2022 ގައެވެ. މި ހަފްލާގައި އަންހެން އަދި ފިރިހެން ކެޓަގަރީން އެންމެ މޮޅު ކުޅުންތެރިޔާގެ އިތުރުން، އެންމެ މޮޅު ގޯލްކީޕަރާއި، ކޯޗާއި، ފީފާ ޕުސްކާސް އެވޯޑާއި، ފެއާ ޕްލޭ އެވޯޑް އަދި ފީފާ ޓޮޕް ފޭން އެވޯޑް ވެސް ވަނީ ހަވާލުކޮށްފައެވެ.
މެސީއަށް އެ މަގާމު ލިބިފައިވަނީ ނިމިދިޔަ ވޯލްޑްކަޕްގައި އޭނާ ހޯދި ރަން ކާމިޔާބީގެ ސަބަބުންނެވެ. މެސީގެ ކެޕްޓަން ކަމުގެ ދަށުން 36 އަހަރަށް ފަހު އާޖެންޓީނާއިން ވަނީ މިދިޔަ އަހަރުގެ ވޯލްޑްކަޕްގެ ތަށި އުފުލާލައިފައެވެ.
އެ މުބާރާތުގައި މެސީ ވަނީ ހަތް ގޯލު ޖަހައިފައެވެ. އެއާއެކު އޭނާ ވެފައިވަނީ އެ މުބާރާތުގައި ދެވަނައަށް އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިއާއަށެެވެ. އެހެންނަމަވެސް އާޖެންޓީނާ މޮޅުވުމުގައި މެސީގެ ޖާދުވީ ކުޅުން ވަނީ ފެނިފައެވެ. އެ ވޯލްޑްކަޕްގެ އެންމެ މޮޅު ކުޅުންތެރިއާގެ މަގާމު ވެސް ހޯދައިފައިވަނީ މެސީއެވެ.
ބެސްޓް ފީފާ މެންސް ޕްލެޔަރުގެ މަގާމް މިދިޔަ އަހަރު ލިބުނީ ބާސެލޯނާގެ ފޯވާޑު ރޮބާޓް ލެވަންޑޯސްކީއަށެވެ. މި އަހަރުގެ އެވޯޑް މެސީ ހޯދައިފައިވަނީ ފްރާންސް އަދި ރެއާލް މެޑްރިޑްގެ ތަރި ކަރީމް ބެންޒެމާއާއި، ފްރާންސް އަދި ޕީއެސްޖީގެ ޒުވާން ފޯވާޑް ކީލިއަން އެމްބާޕޭއާ ވާދަކޮށެވެ.
ބެސްޓް ފީފާ ފުޓްބޯލް އެވޯޑްސްގައި މި އަހަރުގެ އެންމެ މޮޅު އަންހެން ކުޅުންތެރިއަކަށް ހޮވުނީ ބާސެލޯނާގެ ސްޕެއިން މިޑްފީލްޑަރު އެލްކްސިއާ ޕުޓެލަސްއެވެ.
އަހަރުގެ އެންމެ މޮޅު ގޯލު ކީޕަރަކަށް ހޮވުނީ ވޯލްޑްކަޕްގައި އާޖެންޓީނާގެ ގޯލު ބެލެހެއްޓި އެމިލިއާނޯ މާޓިނޭޒްއެވެ. އޭނާއާ އެ މަގާމަށް ވާދަކޮށްފައިވަނީ މޮރޮކޯ އަދި ސެވިއްޔާގެ ކީޕަރު ޔަސިން ބޯނޯއާއި ބެލްޖިއަމްއާއި ރެއާލް މެޑްރިޑްގެ ގޯލު ބަލަހައްޓަމުން އަންނަ ތިބައު ކޯޓޮއިސްއެވެ.
އަހަރުގެ އެންމެ މޮޅު އަންހެން ގޯލު ކީޕަރަކަށް ހޮވުނީ މެންޗެސްޓާ ޔުނައިޓެޑަށް ކުޅޭ އިނގިރޭސި ގޯލްކީޕަރު މެރީ އާޕްސްއެވެ.
މި އަހަރުގެ ފީފާ ބެސްޓް މެންސް ކޯޗަކަށް ހޮވިފައި ވަނީ މިދިޔަ އަހަރު އާޖެންޓީނާއަށް ވޯލްޑްކަޕާއި ކޮޕައެމެރިކާ ކާމިޔާބުކޮށްދިން ޒުވާން ކޯޗު ލިއޮނެލް ސްކޮލެނީއެވެ. އަދި އަންހެން އެންމެ މޮޅު ކޯޗުގެ މަގާމު ލިބިފައިވަނީ އިނގިރޭސި ގައުމީ ޓީމުގެ ކޯޗު ސެރީނާ ވިއެގްމަންއަށެވެ.
މި އަހަރުގެ ފީފާއިން ހޮވި އެންމެ މޮޅު ސަޕޯޓަރުންނަށް ހޮވިފައިވަނީ ވޯލްޑްކަޕްގައި އާޖެންޓީނާއަށް ސަޕޯޓުކުރި ސަޕޯޓަރުންނެވެ.