ޓެކްސީ ތަކުގައި ކެމެރާ ހަރުކުރުން ލާޒިމު ކުރާ ގަވާއިދަށް އަމަލުކުރުން ފަސްކޮށްފި

ޓެކްސީ --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގައި ދުއްވާ ހުރިހާ ޓެކްސީއެއްގައި ކެމެރާ ހަރުކޮށް، ހަތް ދުވަހުގެ ވީޑިއޯ އާއި އަޑު ބަހައްޓަން ލާޒިމު ކުރާ ގަވާއިދަށް އަމަލުކުރުން ފަސްކޮށްފިއެވެ.

ބުރާސްފަތި ދުވަހު، ޓްރާންސްޕޯޓު މިނިސްޓްރީން އާންމުކުރި ޓެކްސީ ގަވާއިދުގެ އެއްވަނަ އިސްލާހުގައި ވަނީ ކެމެރާ ހަރުކޮށް، ހަތް ދުވަހުގެ ވީޑިއޯ ބަހައްޓަން ލާޒިމު ކުރާ ގަވާއިދަށް އަމަލުކުރަން ޖެހޭ މުއްދަތު ފަސްކޮށްފައެވެ. އެގޮތުން، އެ ގަވާއިދަށް އަމަލު ކުރަން ޖެހޭނީ ގަވާއިދު ގެޒެޓު ކުރި މުއްދަތުން ފެށިގެން ތިން މަސް ފަހުންނެވެ.

އެ ގަވާއިދުގައި ބުނާ ގޮތުން ޓެކްސީތަކުގައި ޑޭޝް ކެމެރާ ހަރުކޮށް, ޓެކްސީ ޚިދުމަތް ފޯރުކޮށްދޭ ހުރިހާ ވަގުތެއްގައި ވެސް އެ ކެމެރާއިން ރިކޯޑްކޮށްފައި ހުންނަން ޖެހޭނެއެވެ. ކެމެރާއިން ކުރާ ރެކޯޑިންތައް މަދުވެގެން ހަތް ދުވަސް ވަންދެން ބަހައްޓަން ޖެހެއެވެ.

ޓެކްސީގައި ހަރުކޮށްފައިވާ ކެމެރާގެ ހާޑް ޑްރައިވްގައި ވީޑިއޯ އެންކްރިޕްޓްކޮށް ރައްކާ ކުރެވޭނެ ހެން ހުންނަންވާނެ ކަމަށް ވެސް ގަވާއިދުގައި ވަނީ ބުނެފައެވެ. އެކަމަކު، އެ ވީޑިއޯ އެހެން ޑިވައިސް އަކަށް އެޅުމާއި އެހެން މީހަކަށް ދިނުން ވަނީ މި ގަވާއިދުގެ ދަށުން މަނާކޮށްފައެވެ.

މި އިސްލާހުގައި ވާގޮތުން ޓެކްސީގެ ބިއްލޫރި ކަޅު ކުރެވޭނީ މަގުގެ އަރިމަތީ ހުންނަ މީހަކު އުޅަނދަށް ބަލާއިރު ދަތުރުކުރާ ފަސިންޖަރު ފެންނަން ހުންނަ ވަރަށެވެ.

ޓެކްސީތަކުގެ ގަވާއިދުގައި ސައިކަލް ޓެކްސީ އަދި ޕްރައިވެޓް އުޅަނދުތަކުގައި ޓެކްސީ ކުރަން ޖެހޭނެ އުސޫލުތަކެއް ވެސް ހިމަނާފައިވެއެވެ.

comment ކޮމެންޓް