ރައީސްގެ މަގާމުގައި ހުރީ ކާކުކަން ޔަގީން ނުވާކަމަށް ބުނެ އަނެއްކާވެސް ސުޕްރީމް ކޯޓަށް

ދުސްތޫރީ މައްސަލަ ހުށަހެޅުމަށް ޕީޕީއެމްގެ ގާނޫނީ ވަކީލުން ސުޕްރީމް ކޯޓަށް ވަދެވަޑައިގަންނަވަނީ --- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ

ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގައި މިވަގުތު ހުންނެވި ބޭފުޅެއް ވަކި ނުވާ ކަމަށް ބުނެ އިދިކޮޅު ޕީޕީއެމް, ޕީއެންސީ ކޯލިޝަނުން އަނެއްކާވެސް ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅައިފިއެވެ.

ރައީސް އިބްރާހީމް މުހައްމަދު ޞާލިޙް ތައިރޮއިޑް އޮޕަރޭޝަނެއް ކުރައްވަން ހޭނައްތަވާލެއްވި ވަގުތުކޮޅަށް ނައިބު ރައީސް ފައިސަލް ނަސީމް ވަނީ މިދިޔަ އަހަރު ވަގުތީ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތަކާ ހަވާލުވެވަޑައިގެންފައެވެ. އެ މަސްއޫލިއްޔަތާ ހަވާލުވެވަޑައިގަތުމަށް ފައިސަލް ވަނީ ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރައްވާފައެވެ.

އެ އޮޕަރޭޝަނަށް ހޭދަވި ތިން ގަޑިއިރަށް ފަހު ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތަކާ ރައީސް ޞާލިޙް އަލުން ހަވާލުވެވަޑައިގެންނެވި ކަމަށާއި، އެކަން ކޮށްފައިވަނީ ގާނޫނުއަސާސީގެ 123 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހުގެ ރައީސް އެ ކަން ލިޔުމުން އެންގެވުމަށް ފަހުގައި ކަމަށް ވެސް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

އެ މައްސަލަ ޕީޕީއެމް ލީޑަޝިޕްގެ ފަރާތުން މިއަދު ސުޕްރީމް ކޯޓަށް ހުށަހެޅުމަށްފަހު މީޑިއާތަކާ ވާހަކަދައްކަމުން ޕީޕީއެމްގެ ގާނޫނީ ޓީމްގައި ހިމެނިވަޑައިގަންނަވާ އަހުމަދު ސިއްދީގު ވިދާޅުވީ ފައިސަލް ނަސީމް ކުރެއްވި ހުވަޔަކީ ގާނޫނު އަސާސީގައި ކުރައްވަން އޮތް ހުވަޔެއްތޯ ސާފުކުރުމުގެ ގޮތުން ގާނޫނު އަސާސީ މާނަކުރުމަށް އެމައްސަލައިގައި އެދިފައިވާނެ ކަމަށެވެ.

ޕީޕީއެމްގެ ގާނޫނީ ވަކީލު އަހްމަދު ސިއްދީގު ވާހަކަދައްކަވަނީ --- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ

އަދި މިކަމަކީ ގާނޫނީ ގޮތުން ބޮޑެތި ފުށުއެރުންތަކެއް ހުރި ކަމެއް ކަމަށާއި، މިއީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު، ރައީސް ޞާލިޙްއަށް "ލަނޑެއް" ދިނުމުގެ ނިޔަތުގައި އުއްތަމަ ފަނޑިޔާރުގެ ބައިވެރިވުމާއެކު ކުރެއްވި ކަމެއް ކަމަށްވެސް ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފް ވަނީ ތުހުމަތު ކުރައްވާފައެވެ.

ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފް ވާހަކަދައްކަވަނީ --- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ

މީގެއިތުރުން، އިދިކޮޅުން ވަނީ ރައީސް ކަމުގެ މަގާމުގައި މިވަގުތު ހުރީ ރައީސް ޞާލިޙް ކަމުގައި ގަބޫލުކުރުމާ ދެކޮޅު ހަދާފައެވެ. އަދި، މިއަހަރަށް ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރު ހުޅުވުމުގެ ގޮތުން ރައީސް ދެއްވި ރިޔާސީ ބަޔާނަށް އިދިކޮޅުން ޖަވާބު ނުދިނީވެސް އެސަބަބާ ހުރެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް