ގއ. ވިލިނގިލީގައި ބަގީއަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި އަންހެނަކާއި ކުޑަ ކުއްޖަކަށް ބޮޑެތި އަނިޔާތަކެއް ވެއްޖެއެވެ.
މިދިޔަ ހޮނިހިރު ދުވަހު އިރުއޮއްސުނު ވަގުތު ހިނގި މި އެކްސިޑެންޓުގައި އަނިޔާވީ ސައިކަލު ދުއްވަން އިން އަންހެން މީހާއަށާއި އޭނާގެ ދަރިފުޅަށެވެ. އެކްސިޑެންޓުގައި އަންހެން މީހާގެ ފައި ވަނީ ބިނދިފައެވެ. އަދި ކުޑަ އަންހެން ކުއްޖާއަށް ވެސް ވަނީ އެކި ވަރުގެ އަނިޔާތައް ލިބިފައެވެ.
މި އެކްސިޑެންޓާ ގުޅިގެން "ސަން"އާ ވާހަކަ ދައްކަމުން އަނިޔާވި އަންހެން މީހާ ބުނީ، އޭނާގެ ހަތަރު އަހަރުގެ އަންހެން ދަރިފުޅު ގއ. އަތޮޅު ހޮސްޕިޓަލަށް ދެއްކުމުން އެއްވެސް މައްސަލައެއް ނެތްކަމަށް ބުނެ ގެއަށް ފޮނުވާލި ކަމަށެވެ.
"އޭރު ވެސް ލޭ އާދޭ. ޕެނެޑޯލް އެއްހާ ހިސާބު ވެސް ނުދީ ގެއަށް ފޮނުވާލީ،" އޭނާ ކިޔައިދިނެވެ.
އެއަށްފަހު، ދަރިފުޅުގެ އަނގަމަތި ވަރަށް ބޮޑަށް ދުޅަވި ކަމަށް ބުންޏެވެ. އެހެންކަމުން، ދަތުގެ ޑޮކްޓަރަކަށް ދެއްކުމުން ދަރިފުޅަށް ބޮޑެތި އަނިޔާތަކެއް ލިބިފައި ވާކަން އެނގުނުކަމަށް އޭނާ ބުންޏެވެ.

އަނިޔާގައި އެކްސިޑެންޓްވި ކުޑަ ކުއްޖާއަށް ލިބިފައިވާ އަނިޔާތައް
"ކުރިމަތީ އިން ދަތުގަ އިނީ ރެނދުލާފަ ދެން ހިރުގަނޑުގަ އިން ނާރެއް އިނީ ބުރިވެފަ. ކޯ ވަރަށް ބޮޑަށް ދުޅަވެ ރަނގަޅަށް ނުފެންނާތީ ކޮލަށް ލިބިފަ ހުރި ގެއްލުންތައް އަދި ނޭންގެ،" އޭނާ ބުންޏެވެ.
މީގެ އިތުރުން، އޭނާގެ ފައި ބިންދައިގެން ގޮސްފައި ވާކަމަށާއި އެކަމަށް ވެސް އެކަށީގެންވާ ފަރުވާ ނުލިބޭކަން އޭނާ ފާހަގަ ކުރިއެވެ. އަދި ގއ. އަތޮޅު ހޮސްޕިޓަލުގައި ކަށީގެ ޑޮކްޓަރެއް ނެތުމުން މަސައްކަތްކުރީ ގދ. ތިނަދޫއަށް ފޮނުވަން ކަމަށާއި ނަމަވެސް ތިނަދޫން ވެސް އޮޕަރޭޝަން ކުރެވެން ނެތްކަން އޭނާ ފާހަގަކުރިއެވެ.

އެކްސިޑެންޓުގައި އަނިޔާވި އަންހެން މީހާއަށް ލިބިފައިވާ އަނިޔާތައް
އެތައް އިރަކަށް ފަހު، އިތުރު ގޮތެއް ނެތިގެން ފައިގައި ޕްލާސްޓަރު އެޅިއިރު، ޕްލާސްޓަރު ވެސް ފުރަތަމަ އެޅީ ނުބައިކޮށް ކަމަަށް އޭނާ ބުންޏެވެ.
"އާސަންދަގެ ކަންތައް ވެސް އެހިސާބުން ލަސްވެގެން ދިޔަ،" އޭނާ ބުންޏެވެ.
ނަމަވެސް، މިހާރު ވަނީ ހުރިހާ ކަމެއް ހަމަޖެހި މާލެ ދިއުމުގެ އިންތިޒާމު ވެސް ހަމަޖެހިފައެވެ.
ހޮސްޕިޓަލްގެ އިހުމާލާ ގޮތުން އެ އަންހެން މީހާ ކުރި ތުހުމަތުތަކަށް ހޮސްޕިޓަލްގެ ބަހެއް ހޯދަން ގުޅިނަމަވެސް އަދި ވަނީ ބަހެއް ލިބޭގޮތް ނުވެފައެވެ.
މި ހާދިސާގައި އޭނާ ފާހަގަކުރީ ގއ. އަތޮޅު ހޮސްޕިޓަލުން ވެސް އެކަށީގެންވާ ފަރުވާ ނުލިބޭކަމެވެ. އަދި ފަރުވާ ދިނުމުގައި ފަރުވާކުޑަ ކޮށްފައިވާކަން އޭނާ ފާހަގަ ކުރިއެވެ.
މި ހާދިސާގައި އަނިޔާވެފައި ވަނީ ކުޑަ ތިން ކުދިން ބެލުމުގެ ޒިންމާއާ ހަވާލުވެގެން ހުރި އެކަނިވެރި މަޔަކަށެވެ.