ބޮޑު ތަރުހީބެއް ލިބުނު ''ބީވީމާ''ގެ ފަހު ޝޯތައް އަންނަ މަހު

ދިވެހި ފިލްމް "ބީވީމާ" --- ފޮޓޯ/ ޑާކްރެއިން އެންޓަޓެއިންމެންޓް

ބޮޑު މަރާމާތަކަށް ފަހު އޮލިމްޕަސް ހުޅުވުމަށް ފަހު އެޅުވި ފުރަތަމަ ފިލްމު "ބީވީމާ" އަށް މިހާތަނަށް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށާއި އެ ފިލްމުގެ ވަދާއީ ޝޯތައް އޮންނާނީ މި ފެށޭ މަހު ކަމަށް ޑާކްރެއިން ޕްރޮޑަކްޝަން އިން ބުނެފިއެވެ.

ޑާކް ރެއިން އެންޓަޓެއިންމަންޓްގެ "ބީވީމާ" ފިލްމު އޮލިމްޕަހުގައި އަޅުވާފައި ވަނީ މި މަހުގެ ހަ ވަނަ ދުވަހުއެވެ.

އެ ފިލްމާ ގުޅޭ ގޮތުން ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) "ސަން" އަށް ބުނީ، ފިލްމު އެޅުވި ފަހުން 15 ޝޯގެ ހައުސްފުލް ވެފައިވާ ކަމަށެވެ. އަދި އެކަން ގަބޫލު ކުރަނީ ލިބުނު ބޮޑު ތަރުޚީބެއްގެ ގޮތުގައި ކަމަށް އޭނާ ބުންޏެވެ.

މޮގާ ބުނި ގޮތުގައި މި ފިލްމުގެ ވަދާއީ ޝޯތައް އެޅުވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 2، 3 އަދި ހަތަރު ވަނަ ދުވަހުއެވެ. އަދި މިހާރުވެސް އެ ޝޯތަކަށް ޓިކެޓު ނެގުމުގެ ފުރުސަތު އެބައޮތް ކަމަށް އޭނާ ބުންޏެވެ.

"ފިލްމު ދެއްކުން މެދު ކަނޑާލާފަ އަންނަ މަހުގެ ފެށޭ ކޮޅު ފިލްމުގެ ވަދާއީ ޝޯތައް އަޅުވަން ނިންމީ ބެލުންތެރިންނަށް ވިސްނާލާފަ. މާލީ ގޮތުން ފަސޭހަ ވާނީ މަހުގެ ފެށޭ ކޮޅަށް ވީމާ،" މޮގާ ބުންޏެވެ.

އާއްމުންގެ ބޮޑު މަގުބޫލު ކަމެއް ހޯދާފައިވާ "ބީވީމާ"ގެ ލީޑް ރޯލުން ފެންނާނީ މަރިޔަމް އަޝްފާ، އައިމިނަތު ރަޝްފާ, އިސްމާޢީލް ރަޝީދު (ކޮޕީ އިއްސެ) އަދި އާދަމް ޒިދާން (ނާނަ) އެވެ.

މި ފިލްމު ލިޔެ ޑައިރެކްޓް ކޮށްފައި ވަނީ މަޝްހޫރު ސްކްރީން ރައިޓާ އަހުމަދު ޒަރީރެވެ. ފިލްމުގެ ޕްރޮޑިއުސަރުންނަކީ މުހައްމަދު އަލީ މޮގާގެ އިތުރުން ޢާއިޝަތު ފުއާދު ތަޢުފީޤްއެވެ. ކެމެރާކޮށްފައި ވަނީ ސިނަމޮޓޮގްރާފަރު އިބްރާހީމް ވިޝާން (ކަނޑި)އެވެ. އަދި ޕޯސްޓްޕްރޮޑަކްޝަން ހަދާފައިވަނީ ޑައިރެކްޓަރު ޢަލީ ޝިފާޢު (ޗިއްޕެ)އެވެ.

މި ފިލްމަކީ ސައުތު އިންޑިއަން ފިލްމް '96' އިންސްޕިރޭޝަނަކަށް ބަލައިގެން އުފައްދާފައިވާ ފިލްމެކެވެ. މޮގާ މީގެ ކުރިން ބުނެފައިވަނީ 'ބީވީމާ' އަކީ މީހުން ގަޔާވާ ފިލްމަކަށް ވާނެ ކަމަށެވެ. އެގޮތުން ތިއޭޓަރުން ނުކުންނައިރު، ފިލްމުގެ ޑައިރެކްޓަރު ބޭނުންވާ އަސަރު ބެލުންތެރިންނަށް ތަޖުރިބާ ކުރެވޭނެ ކަމަށް ޑާކް ރެއިންއިން މީގެ ކުރިން ވަނީ ބުނެފައެވެ.

comment ކޮމެންޓް