މިދިޔަ މަހު އެންމެ ގިނައީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ޖަލަށް ލި މީހުން

މާފުށި ޖަލު -- ފޮޓޯ/ ވީނިއުސް

މިދިޔަ މަހު އެންމެ ގިނައީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ޖަލަށް ލި މީހުން ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ތަފާސްހިސާބުން ދައްކައިފިއެވެ.

ކަރެކްޝަންސް އިން ހާމަކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އެކި މައްސަލަތަކާ ގުޅިގެން ޖުމުލަ 52 މީހަކު ވަނީ ޖަލަށް ގެންގޮސްފައެވެ. އޭގެ ތެރެއިން 43 މީހަކަށް ހުކުމް ކޮށްފައިވާއިރު، 19 މީހެއްގެ ޝަރީއަތް ދަނީ ކުރިއަށެވެ.

މިދިޔަ މަހު ޖަލަށް ގެންދިޔަ މީހުންގެ ތެރެއިން އެންމެ ގިނަ މީހުން ގެންގޮސްފައިވަނީ މަސްތުވާތަކެއްޗާ ގުޅޭ މައްސަލަތަކުގައެވެ. އެގޮތުން 55.8 ޕަސެންޓް މައްސަލަތަކަކީ މަސްތުވާތަކެއްޗާ ގުޅޭ މައްސަލަތަކެވެ.

ދެވަނަ އަށް އެންމެ ގިނަ މީހުން ޖަލަށް ގެންގޮސްފައިވަނީ ވައްކަމާއި ފޭރުމުގެ މައްސަލަތަކުގައެވެ. އަދި ހުއްދަ ނެތި ތަންތަނަށް ވަނުމުގެ ގިނަ މައްސަލަތަކެއްގައި ވެސް މިދިޔަ މަހު ވަނީ މީހުން ޖަލަށް ލާފައެވެ.

ކަރެކްޝަންސްގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ މަހު ވަނީ 59 މީހުން ދޫކޮށްލާފައެވެ. އޭގެ ތެރެއިން ގިނަ މީހުންނަކީ ޖަލު ހުކުމް ތަންފީޒު ކުރުމަށްފަހު ދޫކޮށްލި މީހުންނެވެ. އެއީ 24 މީހުންނެވެ. އަދި 16 މީހަކު ދޫކޮށްލާފައި ވަނީ ވަކި ޝަރުތުތަކެއްގެ މަތިންނެވެ.

މަސްތުވާތަކެތީގެ މައްސަލަތަކަކީ ރާއްޖޭގައި މިހާރު އާއްމު މައްސަލައެކެވެ. އަދި ހަށިގަނޑުގައި ފޮރުވައިގެން ޖަލަށް މަސްތުވާތަކެތި ވައްދާ މައްސަލަތަކަކީ ވެސް ފާހަގަކޮށްލެވޭ މައްސަލަތަކެކެވެ.

އެގޮތުން ދާދި ފަހުން ވެސް މާފުށީ ޖަލަށް ގެންދިޔަ ގައިދީއަކު ހަށިގަނޑުގައި ފޮރުވައިގެން ޖަލަށް ވައްދަން އުޅުނު މަސްތުވާތަކެތި ވަނީ އަތުލައިގެންފައެވެ.

ޖަލަށް މަސްތުވާތަކެތި ވައްދާ މައްސަލަ އަކީ އާއްމު މައްސަލައަކަށް ވާއިރު، އެކަމަށް އަދިވެސް މުޅިން ހައްލު ނުލިބޭ ކަމަށް ޕްރިޒަންސް ކޮމިޝަނަރު އަހްމަދު މުހައްމަދުފުޅު މީގެ ކުރިން "ސަން"އަށް ވަނީ ވިދާޅުވެފައެވެ.

comment ކޮމެންޓް