ބުނެދޭން ނޭނގުނަސް... 30

މީހެއްގެ ހިލަން ވިހެން ހީވެގެން ސަމީރާ އުނދަގޫގޮތަކަށް ލޯ ހުޅުވައިލިއެވެ. ކައިރީގައި ހުރީ ކާކުކަން އޭނާގެ ވަހުން އެކަނިވެސް އެނގޭފަދައިންނެވެ. ސައީދު ފެނުމުން، ސަމީރާގެ ދެލޮލުން ކަރުނަ އޮހެރެން ފެށިއެވެ. ބުނަން ބޭނުންވާ އެތައް ހާސް ވާހަކައެއް ހުރި ނަމަވެސް، ސަމީރާގެ ދޫ ހަރަކާތެއް ނުކުރިއެވެ. އަތްފައި ގުޑުވައެއް ނުލެވުނެވެ. ވާހަކަ ދައްކަން ސަމީރާ ކުރަމުންދިޔަ މަސައްކަތް ކައިރީގައި ހުންނަ މީހަކަށް ސިއްރެއް ނުވާނެއެވެ.

"ސަމީރާ..." ސައީދަށް ހުރެވުނު ތަންވެސް ނޭނގުނެވެ.

********

ބިންޔާއާއި މިޒްޔަލް އިށީނދެލައިގެން ތިބީ އަތިރިމަތީގައި ހެދިފައިވާ ކުރެދިގަސްތަކުގެ ހިޔަލުގައެވެ. މާޔޫސްވެފައި އިން ބިންޔާގެ އަތްމަތީގައި މިޒްޔަލް އޭނާގެ އަތް ބާއްވައިލިއެވެ. ކޮންމެ ކަހަލަ ހާލަތެއް ދިމާވިޔަސް، ބިންޔާ ދޫކޮށްނުލާނަމޭ ބުނާ ފަދައިންނެވެ. މިޒްޔަލްގެ އެ އަމަލުން ބިންޔާގެ ތުންފަތަށް ވެރިވީ ލުއި ހިނިތުންވުމެކެވެ.

"އަހަރެން ބިންޔާއާ ކައިވެނިކުރަން މިއުޅެނީ، އަހަރެން ބިންޔާދެކެ ލޯބިވާތީ... ބިންޔާ އުފާކޮށްދޭން ބޭނުންވާތީ... ކޮންމެ މީހެއްގެވެސް މާޒީއެއް އޮންނާނެ.... ބިންޔާގެ މާޒީ ކޮންމެ ގޮތަކަށް އޮތަސް، އަހަރެން މިވާ ލޯތްބަށް ބަދަލެއް ނާންނާނެ..." މިޒްޔަލް ޔަގީންކަން ދިނެވެ.

"ނޫން... އެނގިއްޖެއްޔާ މިޒްޔަލް ބޭނުމެއް ނުވާނެ..." ބިންޔާގެ އަތްފައި ފިނިވިއެވެ.

"ކިހިނެއް ހެދީމަ ބިންޔާ އަހަންނަށް ޓްރަސްޓް ކުރާނީ؟..." މިޒްޔަލް ވަރަށް ލޯބިން ސުވާލުކުރިއެވެ. "އޯކޭ... އެހެންވީމަ ހިނގާ ދެމީހުންގެ ސީކްރެޓްތައް ޝެއާކުރަމާ... މެރީކުރާއިރު، ދެމީހުންގެ މެދުގަ އެއްވެސް ސިއްރެއް އޮވެއްޖެއްޔާ، ފަހުން ކުށްހީއެއް ކުރެވިދާނެ..."

"މިޒްޔަލްވެސް..." ބިންޔާ ހައިރާންވެފައި މިޒްޔަލްގެ މޫނަށް ބަލައިލިއެވެ. މިޒްޔަލް އޭނާއަށް ސިއްރުކުރީ ކޮން ކަމެއް ހެއްޔެވެ؟ ބިންޔާ ހީކުރީ މިޒްޔަލް އޭނާއަށް އެއްވެސް ކަމެއް ނުފޮރުވާ ކަމަށެވެ. އެކަމަކު، ފަހުވަގުތު މިޒްޔަލްވެސް އޭނާ ހީކުރި ކަހަލަ މީހަކަށް ނުވިއެވެ.

"މިކުއްޖާ ހާސްވާވަރުގެ ސީކްރެޓެއް ނޫނޭ..." މިޒްޔަލް ވަރަށް ލޯބިން ބުނެލިއެވެ.

ބިންޔާ އިނީ ހިތުގައި ޖެހިފައެވެ. މިޒްޔަލް އެއްވެސް ކަމެއް ބިންޔާއަށް ސިއްރުކުރަންޖެހޭ ސަބަބެއް އޭނާއަށް ގަބޫލެއް ނުކުރެވުނެވެ. ހަމައެއާއިއެކު، ބިންޔާގެ ހިތުގައި ވަނީ ބިރުވެރިކަމެއް އުފެދިފައެވެ. ދުލަށް ނުގެންނަން އުޅޭ މާޒީ، އެ ދުލުން އެންމެ ލޯބިވާ މީހާގެ ކުރިމަތީގައި ހާމަކުރާނެ ހިތްވަރު ބިންޔާއަށް ލިބިދާނެ ހެއްޔެވެ؟

"އަހަރެން ބިންޔާއަށް ކަމެއް އޮޅުވާލާފަ އޮވެއްޖެއްޔާ، ބިންޔާ އަހަންނަށް މާފުކުރާނަންތަ؟..." މިޒްޔަލްގެ މޫނުން ފެނުނީ ކަންބޮޑުވުމުގެ އަސަރެވެ.

"އަހަރެންގެ އަތުގަ މިޒްޔަލަށް ދޭނެ މާ ބޮޑު އެއްޗެއް ނެތް..." ބިންޔާގެ އަޑު ކުރެހުނެވެ. "ކުޑައިރު އަހަންނަކީ ރޭޕްގެ..."

"ޝްޝްޝް..." މިޒްޔަލް ވަގުތުން ބިންޔާގެ ވާހަކަ ހުއްޓުވިއެވެ.

ބިންޔާގެ އެފަދަ މާޒީއެއް އޮވެދާނެކަމަށް މިޒްޔަލް ފަހަރެއްގައިވެސް ހިއެއް ނުކުރެއެވެ. މާޒީގައި ބިންޔާ ތަހަންމަލް ކުރާނޭ ވޭން އޭނާއަށް އިހުސާސްކުރެވުނެވެ. އެކަމަކު، އެކަމުގައި ބިންޔާގެ އެއްވެސް ކުށެއް ނެތެވެ. ވީއިރު، އޭނާ ބިންޔާދެކެ ފޫހިވާންވީ ކީއްވެ ހެއްޔެވެ؟ މިޒްޔަލްގެ ހިތުގައި ބިންޔާއާއިމެދު އޮތް ލޯބި އިތުރުވެއްޖެއެވެ. އެކުއްޖާއަށް ރައްކާތެރިކަމާއި ހިމާޔަތް ދޭން އޭނާ އިންތިހާއަށް ބޭނުންވިއެވެ.

"އައި ލަވް ޔޫ... ލަވް ޔޫ..." މިޒްޔަލް ބިންޔާގެ ގައިގައި ބައްދާލިއެވެ. "އަހަރެން ބޭނުން ވަރަށް އަވަހަށް މެރީކުރަން... އަހަރެންގެ ހިމާޔަތުގެ ދަށަށް ބިންޔާ ގެންނަން ބޭނުން... އަހަންނަށް ބިންޔާ ބޭކާރެއް ނުވާނެ... ބިންޔާ އަހަންނަށް ބޭވަފާތެރި ނުވާހާ ހިނދަކު، އަހަރެންގެ މީހެއްގެ ގޮތުގަ ބިންޔާ އަބަދުވެސް ބަހައްޓާނަން..."

*********

ޕްރައިވެޓް ވޯޑުގެ ދޮރު ހުޅުވާލާފައި އެތެރެއަށް ވަން ސަރަފިއްޔާގެ ދެލޯ ވަނީ ބޮޑުވެފައެވެ. ސައީދު ގުޅާފައި ދިން ހަބަރަކުން އޭނާ ހަސްފަތާލަށް އައީ އަވަސްއަރުވާލައިގެންނެވެ. ފައިވާނަށް އަރާކަށްވެސް ސަރަފިއްޔާ ހަނދާނެއް ނުވިއެވެ. އެނދުގައި އޮތް ސަމީރާ ފެނި، ސަރަފިއްޔާގެ ދެލޯ ކަރުނުން ފުރުނެވެ.

"އަހަރެންގެ ދަރި..." ސަމީރާގެ ކައިރީގައި އިށީންނަމުން ސަރަފިއްޔާ ބުނެލިއެވެ.

"މަންމާ... ސަމީރާ އަދިވެސް ހޭނާރާ... ގިނައީ ހޭނެތިފަ އޮންނަ ވަގުތުތައް..." ސައީދު ވާހަކަ ދެއްކީ ރޮމުންނެވެ.

އެތައް އިރަކު ސަމީރާގެ ގައިގައި ފިރުމަން އިނދެފައި ސަރަފިއްޔާ ތެދުވިއެވެ. ސައީދު ގޮވައިގެން ތަންކޮޅެއް ދުރަށް ޖެހިލިއެވެ.

"މަންމަ އޭރުވެސް ބުނީމެއްނު މިކަހަލަ ކަމެއްހެން ހީވެޔޭ..." ސަރަފިއްޔާގެ އަޑު ވަނީ ކުރެހިފައެވެ. "ހަމަ ރީތިކޮށް ދިރިއުޅެމުން އައި މީހަކު، އެގޮތަށް ހުރިހާ އެއްޗެއް ދޫކޮށްފަ ނުދާނެއެއްނު... ބަލާބަލަ ސަމީރާ އޮތް ހާލު... އެދުވަހު ސަމީރާ ނުހުއްޓުވުނީތީ އަމިއްލަ ނަފުސު ކުށްވެރި ކުރެވޭ..."

"މަންމާ... އަހަންނަށް މާފުކުރޭ..." ސައީދަށް ރޮވޭގޮތްވިއެވެ. "އަހަރެން ހިއެއް ނުކުރަން ނާޒިރާއަކީ އެހާ ނުބައި އަންހެނެއް ކަމަކަށް..."

"މީހުންގެ ގޮތް އެނގޭނީ އެކީ އުޅެލީމައޭ ދަރިފުޅާ..." ސަރަފިއްޔާ ބުންޏެވެ.

"ނާޒިރާ ކީއްވެތަ އެހެން އެ ހެދީ؟... ނާޒިރާއަށް ކޮން ކަމެއް އުނިވަނީ؟... އަހަރެން ކޮން ކަމެއް ނުކޮށްދެނީ؟... މިހުރިހާ ކަމެއްވެސް މިވީ ހަމަ އަހަރެންގެ ސަބަބުން... އަހަންނަށް މާ ބޮޑަށް ނާޒިރާއަށް މިނިވަންކަން ދެވުނީމަ...." ސައީދަށް އަމިއްލަ ނަފުސު ކުށްވެރިކުރުން ހުއްޓައެއް ނުލެވުނެވެ.

"މީ އަމިއްލަ ނަފުސު ކުށްވެރި ކުރަންވީ ވަގުތެއް ނޫނޭ ދަރިފުޅާ... މިވަގުތު ވިސްނަންވީ ސަމީރާއާ ދޭތެރޭ... ސަމީރާއަށް ފަރުވާކުރަން އަވަސްކުރަންވީ..." ސަރަފިއްޔާ ބުނެލިއެވެ.

"ދެން ނުކެރޭނެ އެމީހުން ބޭނުންހާ ގޮތެއް ހަދާކަށް... މީ އަހަރެންގެ ބާރު ހިނގާ ހޮސްޕިޓަލެއް... މިތާ ސަމީރާ އޮތްކަން އެއިން އެކަކަށްވެސް އެނގުނަކަ ނުދޭނަން... އަހަރެން ހުއްޓާނީ އެމީހުން އިންސާފުގެ ކުރިމައްޗަށް ގެނެއްސަ..." ސައީދުގެ ނޭވާ އަވަސްވިއެވެ. "ސަމީރާއަށް އެހެން ހެދި އެކަކަށްވެސް ސަލާމަތެއް ނުވެވޭނެ..."

"މިވަގުތު ދަރިފުޅު ތިހުރީ ހަމަހެއަކު ނޫން... ތިހާ ރުޅިގަދަވެފަ ހުރެގެން ގޯސް ފިޔަވަޅެއް އެޅިދާނެ... އިހަށް ހަމަޖެހިލާ... އޭގެ ފަހުގަ އެހެން ކަމަކާ ވިސްނާނީ..." ސަރަފިއްޔާ ނަސޭހަތްތެރިވިއެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު