ބުނެދޭން ނޭނގުނަސް... 28

ބިންޔާ އާފުރެމުން ދެއަތް ދަމައިލިއެވެ. އޭނާ ލޯ ހުޅުވައިލީ އޭގެ ފަހުގައެވެ. ބިންޔާއަށް ފުރަތަމަ ފެނުނީ ކައިރީގައި ހުރި މިޒްޔަލެވެ. އޭގެ ފަހުގައި ސޯފާގައި ތިބި ދެމީހުންނެވެ. ބިންޔާގެ ދެލޯ ބޮޑުވިއެވެ. ހުރެވުނީ ކޮންތާކުކަން އެނގޭ ފަދައިން އޭނާ ދުވެފައި ގޮސް ކޮޓަރިއަށް ވަދެ، ދޮރު ޖެހިއެވެ.

********

މިޒްޔަލް ހުރީ ހިތް ހުއްޓޭވަރުވެފައެވެ. ނިދިން ހޭލާއިރުވެސް ބިންޔާ އެހާ ލޯބީ ކީއްވެ ހެއްޔެވެ؟ އެހާ ނިވާކަން ކުޑަ ހެދުމެއްގައި ބިންޔާ ހުއްޓާ، އޭގެ ކުރިން މިޒްޔަލަށް ފެނިފައެއް ނުވެއެވެ. ޔަގީނުންވެސް މިޒްޔަލްގެ ހިތް އިތުރަށް ދީވާނާކޮށްލައިފިއެވެ. ރޭގެ ހާދިސާމަތިން ހަނދާންވެ، މިޒްޔަލް އަވަހަށް ގޮސް ކޮޓަރިއަށް ވަނެވެ. އެނދުގައި އޮށޯވެލުމަށްފަހު، މޭގައި އަތް ޖައްސައިލިއެވެ. ހިތް ތެޅޭވަރުން އޭނާގެ މޭފަޅާފައި ނުކުމެދާނެފަދައެވެ.

"ކައުންސިލްގެ ރައީސް ފެނުނީމަ އެކުއްޖާ ބިރުން އެދިޔައީ..." ޒަޔާނުގެ ކައިރީގައި އިން އޭނާގެ އެކުވެރިޔާ އަހުނަފު ހީގަތެވެ. "އާނ، އެހެންނު ވާނީ.... ރަސްމީ ދަތުރެއްގަ އަޔަސް، މިހާ ހެނދުނާ ބެގީކޮށްގެން ހުންނާނީ ކާކުތަ؟..."

"ޝްޝްޝްޝް..." ޒަޔާން އޭނާގެ އެކުވެރިޔާގެ އަނގަމަތީގައި އަތް އެޅިއެވެ. "ބޭބެއޭ އެއީ...."

"ތިހާ ވަރުން އުޅެގެން ގާތް ގުޅުމެއް ނޫފެއްދޭނެ... އަހަންނާ އަހަރެންގެ ބޭބެ ތިހެނެއް ނުވާނެ... ތަޅައިގަންނަން ޖެހުނިއްޔާ އެކަންވެސް ކުރަން...." އަހުނަފު އިނީ މަޖާވެފައެވެ. "ދެން ބުނެބަލަ... އެއީ ކޮން ކަމެއް؟... އަހަންނަށް އެބަ ހާދަ ހީވެޔޭ ކަމެއް އުޅޭހެން..."

"ކޮންކަމެއްތަ؟..." އަހުނަފު ބުނީ ބިންޔާގެ ވާހަކަ ކަން އެނގުނު ނަމަވެސް، ޒަޔާން އެނގޭ ކަމަކަށް ނުހެދިއެވެ.

"އެމަންޖެއަށް ތި ބަލާގޮތް ކަމަކުނުދޭ..." ޒަޔާނުގެ ކޮނޑުގައި ޖަހައިލަމުން އަހުނަފު ބުންޏެވެ. "އެކަމާ އުޅެން ހިނގާ... އަހަރެން ތިކަން ކޮށްދީފާނަމޭ..."

ބިންޔާ ތައްޔާރުވެލައިގެން ނުކުތީ އަމިއްލަ ނަފުސު ހަމައަކަށް އަޅުވަމުންނެވެ. އެހެން މީހުންގެ ކުރިމަތީގައި ލަދުގަތުމަކީ އޭނާގެ އާދައެއް ނޫނެވެ. ހަގީގަތަކީ ކަންތައްވީގޮތުން އޭނާ ހުރީ ލަދުންކަމެވެ. ސޯފާގައި މިޒްޔަލާއި ޒަޔާނާއި އަހުނަފު އިނެވެ. އަހުނަފު ދިޔައީ ހުއްޓާނުލައި މިޒްޔަލާއި ދިމާކުރަމުންނެވެ. އެހާ ހެނދުނާ މިޒްޔަލް ތައްޔާރުވެލައިގެން ހުރިލެއް ފުރިހަމަ ކަމުންނެވެ. އަހުނަފަކީ ސަކަ މިޒާޖެއްގެ މީހެކެވެ. ކޮންމެ އުމުރެއްގެ މީހަކާއި ދިމާކުރާކަށްވެސް އޭނާ ފަހެއް ނުޖެހޭނެއެވެ.

ބިންޔާއަށް މިޒްޔަލް ރަނގަޅަށް ފެނުނީ ދެނެވެ. އަހުނަފު ބުނީ ދޮގެއް ނޫނެވެ. މިޒްޔަލް ތައްޔާރުވެލައިގެން ހުރީ އެހާވެސް ފުރިހަމައަށެވެ. ސަބަބު އެނގުމުން، ބިންޔާގެ ތުންފަތަށް ވެރިވީ ރަކި ހިނިތުންވުމެކެވެ.

"މަހީކުރީ ކައުންސިލުން ރައްޔިތުންނާ ބައްދަލުކުރަން އުޅެނީކަމަށް..." އަހުނަފް ހީގަތެވެ.

ބިންޔާ އައުމުން، އަހުނަފު ހުއްޓުވަން މިޒްޔަލް ބޭނުންވިއެވެ. ސައިބޯން ދާން އެދުމުންވެސް އަހުނަފު ތެދުވާކަށް ނޫޅުނެވެ. އޭނާ އިންތަނުން ގުޑިލީވެސް މިޒްޔަލް އުޅުނު ހުރިހާ ގޮތެއް ކިޔައިދީފައެވެ. ސެންޓުޖެހިވަރާއި، ލާނެ އެއްޗެއް ނޭނގިގެން، ފަހަރަކު އެއްޗެއް އިސްތިރިކޮށްފައި އުޅުނުގޮތެވެ.

********

ހެނދުނުގެ ސަޔަށް އިންސާފުކުރުމަށް އެންމެން މޭޒު ކައިރިއަށް ޖަމާވިއިރު، މީރާ އިނީ ފާޑަކަށެވެ. ބިންޔާ އަލަމާރިން ފެންފުޅި ނަގައިގެން އައިސް އެންމެންގެ ތަށްޓަށް ފެން އަޅައިދިނެވެ. ބިންޔާ އިށީނުމުން، އެހެން މީހުންނަށް ނުފެންނާނޭހެން މިޒްޔަލް ބިންޔާގެ އަތުގައި ހިފެހެއްޓިއެވެ.

"ނުކަނީތަ؟..." ބިންޔާ ނުކައި އިނުމުން ޒަޔާން އަހައިލިއެވެ.

ބިންޔާ ދޭނެ ޖަވާބެއް ނޭނގިފައި އިންނަން ފެށުމުން، މިޒްޔަލްގެ ކައިރިއަށް ހިނި އައެވެ. އޭނާ ބިންޔާގެ އަތުން ދޫކޮށްލުމުން، ބިންޔާ އަވަސް އަވަހަށް ކާން ފެށިއެވެ.

"އިނގޭތަ ރޭގަ ގެއަށް ވަގަކު ވަންކަން؟..." މީރާ އާއި ދިމާއަށް ފާޑަކަށް ބަލައިލުމަށްފަހު، ޒަޔާން ބުނެލިއެވެ.

މީރާ ވަގުތުން ކޮށި އެރިއެވެ. ޒަޔާން ފެންތަށި ދިއްކޮށްލުމުންވެސް މީރާ ތެދުވެގެން ދިޔައީ ކޮޓަރިއަށެވެ. ބިންޔާ މީރާގެ ފަހަތުން ދާން އުޅުމުން، މިޒްޔަލް އެކަން މަނާކުރިއެވެ. އެންމެން ކައިގެން ފޭބިއިރުވެސް މީރާ ކޮޓަރިން ނުނުކުމެއެވެ.

"މިއަދު އޮތީ ކަރާދަނޑަށް ދިއުން... ދެތިން މީހަކާ ވާހަކަ ދައްކާފަ އޮންނާނީ ގަޑިވެސް ހަމަޖައްސާފަ... މާ އަވިބާރު ނުވަނީސް ދެވިއްޖެއްޔާ ހުރިހާ ތަނެއް ބަލާލެވޭވަރު ވާނީ..." މިޒްޔަލް ބުނެލިއެވެ. "ވަރަށް ދުރުދޯ އެއީ... ކިހިނެއް އެހިސާބަށް ދާން ވިސްނާފަ އޮތީ؟..."

"ދެ ސައިކަލު ހޯދާފަ އިންނާނީ..." ޒަޔާން ބުންޏެވެ.

"ބަރާބަރު..." ޒަޔާންގެ ކޮނޑުގައި ޖަހައިލަމުން މިޒްޔަލް ބުނެލިއެވެ.

ޒަޔާނެކޭ އެއްވަރަށް ބިންޔާވެސް ހުރީ ހައިރާންވެފައެވެ. ބިންޔާއަށް އެނގިފައި އޮތްގޮތުން ރެސްޓޯރެންޓްގެ ވެރިއަކީ ޒަޔާނެވެ. އެކަމަކު މިޒްޔަލް އުޅޭގޮތުންނާއި، ޒަޔާނަށް ވާހަކަ ދައްކާ ގޮތުން މިޒްޔަލް ހީވަނީ ޒަޔާނުގެ ބޭބެ ހެންނެވެ. ބިންޔާ ހުރީ ހައިރާންވެފައެވެ. މުވައްޒަފަކު ވެރިއަކާއިމެދު އެފަދަ ގޮތަކަށް އަމަލުކުރާނެ ހެއްޔެވެ؟ ވެރިއަކަށްވުރެ މުވައްޒަފަކު ބާރުގަދަވެދާނެ ހެއްޔެވެ؟

ބިންޔާ ހުރީ މިޒްޔަލްގެ ސައިކަލު ފަހަތަށް އަރަން ނުކެރިފައެވެ. ސައިކަލުގައި ދާ ވާހަކަ ބުނީއްސުރެ އޭނާ ހުރީ ބޮލުގައި ރިއްސާފައެވެ.

********

އަމަން ހުރީ ފުލުހުންގެ ރަސްމީ ޔުނީފޯމުގައެވެ. މޭޒުގައި ލެނގިލައިގެން ހުރިއިރު، ކުރިމަތީގައި ހުރި ސޯފާގައި ޝިމާޢު އިނީ ބޮލުގައި ދެއަތުން ހިފަހައްޓާލައިގެންނެވެ.

"ދެން ކިހިނެއް ހެދޭނީ؟... އަހަރެން ބިރުން އުޅުނު ދުވަސް މިއޮތީ އައިއްސަ... އޭރުވެސް އަހަރެން ނުބުނަންތަ މިހެން ވާނެއޭ..." އަމަން ހުރީ ހިތްހަމަނުޖެހިފައެވެ.

"އަމަންއަށް ކެރޭނެތަ ބުނަން ބިންޔާގެ މަންމައަކީ ގޭންގްސްޓާރއެކޭ؟... ކެރޭނެތަ ބުނަން މިޒްޔަލްގެ މަންމައަށް އެހެން ދިމާވީ ބިންޔާގެ މަންމަގެ ސަބަބުންނޭ؟..." ޝިމާޢު ކޮޅަށް ތެދުވިއެވެ. "އަހަރެންވެސް ބޭނުމެއް ނޫނޭ ސިއްރު ކުރާކަށް... އެކަމަކު ބައެއް ކަންކަމަކީ، ހާމަކުރުމަށްވުރެ ސިއްރުކުރުން ރަނގަޅު ކަންކަން... އެހެން ނޫނަސް، މިހާރު އޭނަ ދުނިޔެއަކުވެސް ނެތް... ދުނިޔޭގަ ނެތް މީހުންގެ ވާހަކަ ދެއްކުމަކީ ރަނގަޅު ކަމެއް ނޫން..."

"މިޒްޔަލްގެ މަންމަ ދުނިޔޭގަ އެބަހުއްޓޭ... އިންސާފު ހޯދުމަކީ މުހިއްމު ކަމެއް ނޫންތަ؟..." އަމަން ބުނެލިއެވެ. "މިހާރު ދެން މިޒްޔަލް ކިހާ ދެރަވާނެ... އެހާ ދުވަހު ހުސްކޮށް ހުރެފަ މީހަކު ހޯދިއިރު އެމީހާ މިވީ..."

"ކާމް ޑައުން... ހަމަޖެހިބަލަ..." ޝިމާޢު ތެދުވެގެން ގޮސް އަމަންގެ ކޮނޑުގައި މަޑުމަޑުން ޖަހައިލިއެވެ. "ތީގަ އެބައޮތް ދެކޮޅު... ބިންޔާގެ ބައްޕަ ނިޔާވީ މިޒްޔަލްގެ މަންމަ ސަލާމަތްކުރަން އުޅެނިކޮށް..."

"އެހީ ފުލުހުންގެ ޒިންމާއެކޭ... މީހުން ސަލާމަތްކުރުމަކީ...." އަމަން ވަރަށް ބާރަށް މޭޒުގައި ޖަހައިލިއެވެ. "ބިންޔާގެ ބައްޕައަކީ ޕޮލިހެއް... އެމީހުން އަބަދުވެސް އިސްކަމެއް ދޭންޖެހޭނީ މީހުންގެ ފުރާނަ ސަލާމަތްކުރަން..."

"އަމަން ތިބުނީ އެމީހުންގެ އާއިލާއެއް ނުތިބޭނެއޭތަ؟... އެއީވެސް އިންސާނުންނޭ... ތީގަ ދެކޮޅު ހަމަހަމައެއްވެސް ނޫން... ބިންޔާގެ ބައްޕަ ނިޔާވީ... ބިންޔާ އޭނަގެ ބައްޕަގެ ލޯބިން މަހުރޫމުވީ... މިޒްޔަލްގެ މަންމަ ދުނިޔޭގަ އެބަހުރި... އެ ހިތްހަމަޖެހުންވެސް އޭނައަށް އެބައޮތް... އެކަމަކު، ބިންޔާގެ ހުރީ ކާކު؟... އެއީ ނިކަމެތި ކުއްޖެކޭ..." ޝިމާޢު މަސައްކަތްކުރީ އަމަންއަށް ވިސްނައިދޭށެވެ.

"އެ ދެމީހުންނަށްވެސް ފަސޭހައެއްނުވާނެ މިކަންތައް އެނގުނީމަ އެކަކު އަނެކަކާ ފޭސްކުރާކަށް..." އަމަން ހުރީ ގޮތްދޫކުރާގޮތަކަށް ނޫނެވެ. "އަހަރެން ނުހުންނާނަން މަޑަކުން.... ރައްޓެހިންނަކީ އެކަކު އަނެކަކަށް ދިމާވާ ކަންތަކުގަ އެހީވާން ތިބޭ ބައެއް... އެ ދެމީހުން ގުޅިގެން ނުވާނެ...."

********

ވަކި ހިސާބަކަށް ގޮސްފައި ޒަޔާން ސައިކަލު އަނބުރައިލިއެވެ. ގެއިން ނުކުތީއްސުރެ އޭނާ ހުރީ ދެފިކުރެއްގައެވެ. ޒަޔާން ބެލީ ރަނގަޅު ދަނޑިވަޅަކަށެވެ.

"ތި ދެމީހުން ނައްޓާލާ..." ޒަޔާން ސައިކަލުން ފައިބައިގެން ގެއާއި ދިމާއަށް ހިނގައިގަތެވެ. "އަހަރެން އެބަ އަންނަން ވަރަށް އަވަހަށް ގެއަށް ވަދެލާފަ... ވަރަށް މުހިއްމު ކަމެއް ހަނދާންވެއްޖެ...."

ޒަޔާން ހަލުވި ފިޔަވަޅުތަކެއްގައި ގޮސް ގެއަށް ވަނެވެ. އޭރު ކާގެ ތެރޭގައި އައިސްއަލަމާރި ހުޅުވައިގެން މީރާ ކޮންމެވެސް އެއްޗެއް ހޯދަނީއެވެ.

"ލުކިން ފޮރ ދިސް؟..." އަތުގައި އޮތް ފެންފުޅި ދައްކައިލަމުން ޒަޔާން ސުވާލުކުރިއެވެ. "މިތަ ތި ހޯދަނީ؟..."

މީރާގެ ދެލޯ ބޮޑުވީ ފެނުނު މަންޒަރުންނެވެ. ޒަޔާންގެ އަތުގައި އޮތީ، ރޭގައި އޭނާ އައިސްއަލަމާރިއަށް ލީ ފެންފުޅިއެވެ. ޒަޔާންގެ މޫނުގެ އަސަރުތަކުން، ހުރިހާ ކަމެއް އެނގި ހާމަވެފައިވާކަން މީރާއަށް އެނގުނެވެ. މީރާގެ އަތްފައި ފިނިވިއެވެ. ޒަޔާންވީ ނުރައްކާތެރި މީހަކަށެވެ. އެއީ އޭނާ ހީކުރި ކަހަލަ ވިސްނުންތޫނު މީހެކެވެ.

"ހީކުރީތަ އަހަރެން މީ ގަމާރެކޭ؟... އޭނ؟...." ޒަޔާންގެ އަޑު މުޅި ކާގެތެރޭގައި ގުގުމައިލިއެވެ. "ކިރިޔާވެސް ޝައްކުވާ ކަހަލަ ކަމެއް ފެނިއްޖެއްޔާ އަހަންނަކީ އެކަމެއް ހޯދާފަ ނޫނީ ހުއްޓާނެ މީހެއް ނޫން..."

"ސޮ..ސޮ..ރީ..." މީރާ ހުއްޓަމުން ކަހަލަ ގޮތަކަށް ބުނެލިއެވެ. ހެނދުނު ސައިބޯން އެރީއްސުރެ މީރާ އިނީ ނުތަނަވަސްވެފައެވެ. ކޮންމެވެސް ކަމެއް ގޯސްވާހެން އޭނާއަށް ހީވިއެވެ. ކުރެވުނު ކަންތަކާއި ދެރަވި ނަމަވެސް، ހެނދުނު ސައިބޯން އެރުމުގެ ކުރިން ފެންފުޅި އަލަމާރިން ނަގާނެ ވަގުތު އޭނާއަށް ނުލިބުނީއެވެ.

"ސޮރީއޭ؟... މީރާ ތިހުރީ ހަމަހޭގަތަ؟... މާފަށް އެދެންޖެހޭނީ ކުރި ކަންތައް ފަޅާއެރީމަތަ؟... މިއަދު ހެނދުނު މި ބޮއެގެން އެންމެން މަރުވިނަމަ ތިގޮތަށް މާފަށް އެދޭނަންތަ؟..." ޒަޔާންގެ ރުޅި ފިންޏެއް ނުވިއެވެ.

"ތި ބޮއެގެން މަރެއް ނުވާނެ... ހަބަރު ހުސްވާނީ..." ޒަޔާންގެ ވާހަކަ އަޑު އިވި، ކުޑަކޮށް ސިހިފައި މީރާ ބުނެލިއެވެ.

"މީރާއަށް އެނގޭތަ މީ ކޯއްޗެއްކަން؟..." ޒަޔާން މީރާގެ ކައިރިއަށް ގޮސް ފުޅީގެ މަތި ނެގިއެވެ. "މީ ޒަހަރު... މީގެ ކުޑަ އެތިކޮޅެއް ހަށިގަނޑުގެ ތެރެއަށް ދިޔަސް އެމީހަކު މަރުވާނެ... ކެރޭނެތަ މި ބޯން؟..."

"ނޫން..." ހާސްވެގެން މީރާގެ ނިތްކުރިމަތިން ދާހިއްލާލިއެވެ. އޭނާއަށް ފަހަތަށް ޖެހިލެވުނެވެ. ދެލޮލަށް ކަރުނަ ޖަމާވެ، އިސާހިތަކު މީރާގެ ނިތްކުރިމަތިން ދާހިއްލާލިއެވެ. ނާޒިރާ އޭނާއަށް އޮޅުވާލީ ހެއްޔެވެ؟ އެފުޅީގައި ހުރީ މީހަކު މަރުވާނެވަރުގެ ނުރައްކާތެރި އެއްޗެއް ނޫންކަމަށް ނާޒިރާ ބުންޏެވެ. އެކަމަކު، އެވަރުގެ ދޮގެއް ނާޒިރާ ހެދީ ކީއްވެ ހެއްޔެވެ؟ ނާޒިރާއަކީ މީހަކު މަރާހާ ނުރައްކާތެރި މީހެއް ހެއްޔެވެ؟

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު