މަތިވެރީގެ މައްޗަށް ކުރި ހޯދައި އއ. އަތޮޅުގެ ޗެމްޕިއަންކަން ބޮޑުފޮޅުދުއަށް

ބޮޑުފޮޅަދޫން އއ. އަތޮޅުގެ ތަށި އުފުލާލަނީ--- ފޮޓޯ/ ސިޑިބަރި

ގޯލްޑެން ފުޓްސަލް ޗެލެންޖު 2023ގެ އއ. އަތޮޅުގެ ޗެމްޕިއަންކަން ބޮޑުފޮޅުދުއިން ހޯދައިފިއެވެ.

މިއަދު ހަވީރު ހުޅުމާލެ ރެހެނދި ދަނޑުގައި ކުޅުނު އއ. އަތޮޅުގެ ފައިނަލް މެޗު ބޮޑުފޮޅަދޫން ކާމިޔާބުކުރީ 5-2ގެ ނަތީޖާއަކުންނެވެ.

ފޯރިގަދަ ކުޅުމެއް ފެނުނު އެ ފައިނަލް މެޗުގައި ފުރަތަމަ ގޯލު ޖަހައި ލީޑު ނެގީ ވެސް ބޮޑުފޮޅުދޫންނެވެ. މެޗުގެ 11 ވަނަ މިނެޓުގައި އަލީ ސަނީޒް ޖައްސާލި ޕާހަކުން އެ ގޯލު ޖެހީ ޖާދުﷲ އަހުމަދެވެ.

މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ބޮޑުފޮޅުދޫން ވަނީ އިތުރު ގޯލެއް ޖަހައި މެޗުގެ ލީޑު ފުޅާކޮށްފައެވެ. ފުރަތަމަ ހާފު ނިމެން ތިން މިނެޓަށްވެފައި ވަނިކޮށް ޖާދުﷲ ފޮނުވާލި ހަމަލާ މަތިވެރީގެ ގޯލަށް ވަނީ އެ ޓީމުގެ ކުޅުންތެރިއެއްގެ ގައިގައި ޖެހިފައެވެ.

މެޗުގެ ދެވަނަ ހާފު ފަށައިގެން ފުރަތަމަ މިނެޓުގެ ތެރޭގައި ބޮޑުފޮޅުދޫން ވަނީ އެ ޓީމުގެ ތިންވަނަ ގޯލު ޖަހައިފައެވެ. އެ ގޯލަކީ މަތިވެރީގެ ކުޅުންތެރިއެއްގެ ކައިރިން ނައްޓާލުމަށްފަހު އަހުމަދު ރިޔުޝާން ކާމިޔާބުކުރި ގޯލެކެވެ.

ނަމަވެސް މަތިވެރި ޓީމުގެ ކުޅުން ރަނގަޅުކޮށް ދެވަނަ ހާފުގެ ހަވަނަ މިނެޓުގައި އެ ޓީމުން ވަނީ ގޯލެއް ޖަހައިފައެވެ. އެ ގޯލަކީ ބޮޑުފޮޅުދޫ ހާފު މެދުތެރެއިން އަލީ އަލްސަން ފޮނުވާލި ބާރު ހަމަލާއަކުން ވަތް ގޯލެކެވެ. އޭގެ މިނެޓެއްފަހުން އަނެއްކާ ވެސް މަތިވެރިން ވަނީ ގޯލެއް ޖަހައި މެޗުގެ ނަތީޖާގެ ފަރަގު ހަނިކޮށްފައެވެ. އެ ގޯލަކީ ބޮޑު ފޮޅަދޫ އޭރިއާ ބޭރުން މުހައްމަދު އިމްރާން ކާމިޔާބުކުރި ގޯލެކެވެ.

މެޗުގެ ދެވަނަ ހާފުގެ 14 ވަަނަ މިނެޓުގައި ބޮޑުފޮޅުދޫން ވަނީ އެ ޓީމުގެ ހަތަރު ވަނަ ގޯލު ޖަހައިފައެވެ. ހުސައިން ޒަޔާން ހަސަން ތަނަވަސްކުރި ފުރުސަތަކުން އެ ގޯލު ޖެހީ ހުސައިން ނަވާޒްއެވެ. ބޮޑުފޮޅުދޫގެ ފަސް ވަނަ ގޯލަކީ މެޗުގެ އެންމެ ފަހު މިނެޓުގައި ސަނީޒް ކާމިޔާބުކުރި ގޯލެކެވެ.

ގޯލްޑެން ފުޓްސަލް ޗެލެންޖު 2023 ގެ ހުރިހާ މެޗެއް "އެސްއެސް ޓީވީ"ގެ ފޭސްބުކް ޕޭޖުންނާއި "އެސްއެސް ޓީވީ"އިން ލައިވް ކުރާނެއެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖަކީ މީހުން ދިރިއުޅޭ ކޮންމެ ރަށަކުން ވެސް އެރަށަކަށް ނިސްބަތްވާ އެއް ޓީމަށް ހުޅުވާލައިގެން ކުރިއަށްގެންދާ މުބާރާތެކެވެ. ނަމަވެސް މާލެއާއި ފުވައްމުލަކުގެ ކޮންމެ އަވަށަކުން ޓީމެއް ބައިވެރިކުރުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލައިފައެވެ.

މިއަހަރުގެ ގޯލްޑެން ފުޓްސަލް ޗެލެންޖުގައި 102 ޓީމު ވަނީ ބައިވެރިވެފައެވެ. އެ މުބާރާތުގައި މި އަހަރު 242 މެޗު ކުޅުމަށް ވަނީ ހަމަޖެހިފައެވެ.

މި ފަހަރުގެ މުބާރާތްވެސް ކުރިއަށްދާނީ ކުރިންވެސް މުބާރާތް ކުރިއަށް ގެންދިޔަ އުސޫލުންނެވެ. ފުރަތަމަ އެ އަތޮޅެއް ނިސްބަތްވާ އަތޮޅު ބުރެއް ކުޅެން ޖެހޭއިރު އެ ބުރުން އެންމެ މޮޅު ޓީމުތައް ވާދަކުރަން ޖެހޭނީ ޒޯން ބުރުގައެވެ. ޒޯން ބުރުން އެންމެ މޮޅު 16 ޓީމު ދެން ވާދަކުރަން ޖެހޭނީ މުބަރާތުގެ ގަދަ 16ގައެވެ. އަދި އެ ބުރުން ކާމިޔާބު ހޯދާ ޓީމުތައް ކުއާޓާ، ސެމީ އަދި ފައިނަލް ކުޅެ މުބަރާތުގެ އެންމެ މޮޅު ޓީމެއް ހޮވޭނެއެވެ. އެ މުބާރާތުގެ ހުރިހާ މެޗެއް ކުޅޭނީ ހުޅުމާލެ ރެހެންދި ޓާފު ދަނޑުގައެވެ.

މިއަހަރު ކުޅޭ ގޯލްޑެން ފުޓްސަލް ޗެލެންޖުގެ ބްރޯޑްކާސްޓިން ޕާޓްނަރެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ ސަން ސިޔާމް މީޑިއާއެވެ.

comment ކޮމެންޓް