އިޙްސާންތެރިކަމަކީ ތިމާގެ ނަފްސާ އެހެން މީހުންގެ ނަފްސު ނުރައްކަލަށް ހުށަނޭޅުން: ޚުތުބާ

ބަޔަކު ހުކުރަށް ދަނީ-- ސަން ފައިލް ފޮޓޯ

އިޙްސާންތެރިކަމުގެ ތެރޭގައި ތިމާގެ ނަފްސާ އެހެން މީހުންގެ ނަފްސު ރައްކާތެރިކުރުމާއި، ނުރައްކަލަށް ހުށަނޭޅުން ހިމެނޭކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

ނަފްސު ރައްކާތެރި ކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލާ މިއަގެ ޚުތުބާގައި ބުނީ، ނަފްސަކީ ވަރަށް އަގުބޮޑު އެއްޗެއް ކަމަށެވެ. އެހެންކަމުން އެއީ ހަލާކުވުމުން މަރާމާތުކުރެވޭނެ އެއްޗެއް ނޫންކަމަށާއި އިންސާނުންނަށް އުފެއްދޭނެ އެއްޗެއް ނޫންކަމަށް ޚުތުބާގައި ބުންޏެވެ.

އެގޮތުން މަގުމަތީގައި ދުއްވަން ކަނޑައަޅާފައިވާ ބާރުމިނާ ޚިލާފަށް އެއްގަނމު އުޅަނދު ދުއްވުމަކީ ނަފްސު ހަލާކަށް އެއްލައިލުން ކަމަށް ޚުތުބާގައި ބުންޏެވެ. އަދި މަގުމަތީގައި ނުވަތަ ކަނޑުމަތީގައި އެކަކު އަނެކަކާ ވާދަކޮށް ރޭސް ޖެހުމަކީ ވެސް ނަފްސު ހަލާކަށް ހުށަހެޅުންކަމަށް ޚުތުބާގައި ބުންނެވެ.

"ވަރުބަލިވެ، ނިދިއައިސް، ތާއްޔާ ޖެހެމުންދާ ހިނދު، ނުވަތަ ތިމާގެ ނަފްސު ކޮންޓްރޯލް ނުކުރެވޭ ހާލަތުގައި މަގުމައްޗަށް ނުކުމެ ނުކުމެ އުޅުމަކީ ވެސް ނަފްސު ހަލާކަށް އެއްލައިލުމެވެ،" ޚުތުބާގައި ބުންޏެވެ.

މިފަދަ އަމަލުތަކުގެ ނަތީޖާއެއްގެ ގޮތުގައި އެއްބަޔަކު ދުނިޔެއާ ވަކިވެދާއިރު އަނެއްބަޔަކު ނުކުޅެދުންތެރިވެ، ބަޔަކު އުފުއްލަށްޖެހޭ ބުރައަކަށް ވާކަމަށް މިއަދުގެ ޚުތުބާގައި ބުންޏެވެ. އަދި ވިސްނާނުލާ ގަވާއިދާ ޚިލާފަށް ސައިކަލް ނުވަތަ ކާރު ދުއްވުމުގެ ސަބަބުން ގެއްލުމާއި ހަލާކު ކުރިމަތި ވަނީ ހަމައެކަނި ތިބާއަކަށް ނޫންކަމަށް ވެސް ޚުތުބާގައި ބުންޏެވެ.

އެހެންކަމުން މީހެއްގެ ފަރުވާ ކުޑަކުވުމުން ނުވަތަ އަވަސް އަރުވާލައިގެން އުޅެން ހަދައިގެން ފުރާނައެއް ނެތިދިއުމަކީ ކުޑަކަމެއް ނޫންކަމަށް ޚުތުބާގައި ބުންޏެވެ. އެެހެންކަމުން ތިމާގެ ރައްކާތެރިކަމަށާއި އެހެން މީހުންގެ ރައްކާތެރިކަމަށް ބެލުމަށް ޚުތުބާގައި ވަނީ އިލްތިމާސްކޮށްފައެވެ.

comment ކޮމެންޓް