ޓެކްނިކަލް މައްސަލައެއް ދިމާވެ ހޯރަފުށީ އެއާޕޯޓުގެ އޮޕަރޭޝަން ވަގުތީ ގޮތުން ހުއްޓުމަކަށް

ހޯރަފުށީ އެއާޕޯޓަށް ފްލައިޓު ޖައްސާފައި -- ފޮޓޯ: އެމްޓީސީސީ

ޓެކްނިކަލް މައްސަލައެއް ދިމާވެ، ހއ. ހޯރަފުށީ އެއާޕޯޓަށް ފްލައިޓު ޖެއްސުން ވަގުތީ ގޮތުން މެދުކަނޑައިލައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެއާޕޯޓުގެ އޮޕަރޭޝަން ވަގުތީ ގޮތުން މެދުކަނޑައިލީ، އެ އެއާޕޯޓުގައި ބޭނުންކުރާ ފަޔާ ވެހިކަލް ހަލާކުވުމުންނެވެ.

މި ކަމާ ގުޅޭ ގޮތުން "ސަން"އާ ވާހަކަދައްކަވަމުން ހޯރަފުށީ އެއާޕޯޓް ހިންގާ ރީޖަނަލް އެއާޕޯޓުގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒްވީ ވިދާޅުވީ އެއާޕޯޓް ބޭނުންކުރުން ވަގުތީ ގޮތުން މެދުކަނޑައިލައިފައިވަނީ ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެންކަމަށެވެ.

މިހާރު އެ މައްސަލަ ހައްލުކުރުމަށް ޓަކައި އިންސްޕެކްޓުކޮށް މަސައްކަތް ކުރަމުން އަންނަކަމަށް ރިޒްވީ ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިހާރު އިންސްޕެކްޝަންގެ މަސައްކަތް ފަށައިފިން. ވީ އެންމެ އަވަހަކަށް މި ޓެކްނިކަލް މައްސަަލަ ހައްލުކޮށް އޮޕަރޭޝަނަށް ގެނެވޭތޯ މި މަސައްކަތް ކުރަނީ. ދެން ސީދާ ތާރީޚެއް އަދި ނޭނގޭ،" ރިޒްވީ ވިދާޅުވިއެވެ.

ހޯރަފުށީ އެއާޕޯޓުގެ އޮޕަރޭޝަން ހުއްޓައިލައިފައި ވުމާއެކު އެ އެއާޕޯޓަށް ޖައްސާ ފްލައިޓުތައް ޑައިވާޓްކުރާނީ ހދ. ހަނިމާދޫ އެއާޕޯޓަށެެވެ.

މޫސުން ގޯސްވެ ރަންވޭ މައްޗަށް ރާޅުއަރައި ފެންބޮޑުވުމުގެ ސަބަބުން ހޯރަފުށީ އެއާޕޯޓް މީގެ ކުރިން ވެސް ވަނީ ބަންދުކޮށްފައެވެ.

comment ކޮމެންޓް