އިންޓަމިލާން ހަނިގޮތަކަށް މޮޅުވިއިރު، މެންޗެސްޓާ ސިޓީ މެޗު އެއްވަރު

އިންޓަރ މިލާނާއި ޕޯޓޯ ބައްދަލުކުރިމެޗަށްފަހު އިންޓަރ މިލާނުގެ ކުޅުންތެރިން ސަޕޯޓަރުންނަށް ޝުކުރު އަދާކުރަނީ--- ފޮޓޯ/އިންޓަރ

ޔުއެފާ ޗެމްޕިއަންސް ލީގްގައި ރޭ މެންޗެސްޓާ ސިޓީއާ ލައިޕްޒިގް ބައްދަލުކުރި މެޗް އެއްވަރުވެގެން ނިމުނުއިރު، މެޗްގެ އެންމެ ފަހު ވަގުތުކޮޅު ރޮމެލޫ ލުކާކޫ ޖެހި ގޯލާއެކު އަމިއްލަ ދަނޑުގައި އިންޓަމިލާނުން ހަނިގޮތަކަށް ސަލާމަތްވެއްޖެއެވެ.

ޗެމްޕިއަންސްލީގްގައި ރޭ އިންގްލެންޑްގެ މެންޗެސްޓާ ސިޓީއާ ޖަރުމަނުވިލާތުގެ ލައިޕްޒިގް ބައްދަލުކުރިމެޗް ނިމުނީ 1-1ގެ ނަތީޖާއިން ދެ ޓީމް އެއްވަރުވެގެންނެވެ. ޖަރުމަނުވިލާތުގައި ކުޅުނު މި މެޗްގައި އެންމެ ފުރަތަމަ ލަނޑެއް ޖަހައި ކުރިހޯދާފައިވަނީ، މެންޗެސްޓާ ސިޓީންނެވެ. މެޗުގެ 27 ވަނަ މިނެޓްގައި ގުންޑޯގަން ތަނަވަސްކޮށްދިން ފުރުސަތެއްގައި މި ލަނޑު ސިޓީއަށް ކާމިޔާބުކޮށްދިނީ ރިޔާދް މާރޭޒެވެ.

މެންޗެސްޓާ ސިޓީގެ ލަނޑަށްފަހު ލައިޕްޒިގުން ވަނީ ކުޅުން ރަނގަޅުކޮށް ސިޓީގެ ޑިފެންސް ލައިނަށް ބާރުބޮޑުކޮށްފައެވެ. އެއްވަރުކުރި ލަނޑު އެޓީމަށް ޖަހައިދިނީ 70 ވަނަ މިނެޓް ތެރޭގައި ޖޮސްކޯ ގްވާޑިއޮލް އެވެ.

ލައިޕްޒިގާ ދެކޮޅަށް ރޭ ކުޅުނު މެޗްގައި ސިޓީގެ ހާލާންޑް--= ފޮޓޯ/ގެޓީ

ޗެމްޕިއަންސްލީގް ދެވަނަ ބުރުގެ ދެވަނަ ލެގްގައި މިދެޓީމް ބައްދަލުކުރާ މެޗް އޮންނާނީ، މެންޗެސްޓާ ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި އަންނަ މަހުގެ 15 ގައެވެ.

ޔުއެފާ ޗެމްޕިއަންސްލީގްގައި ރޭ އިޓަލީގެ އިންޓަ މިލާނާއި ޕޯޗްގަލްގެ އެފްސީ ޕޯޓޯ ބައްދަލުކުރިމެޗް 0-1ގެ ނަތީޖާއިން ކާމިޔާބުކުރީ އިންޓަމިލާނެވެ. މިލާނޯގައި ކުޅުނު މިމެޗްގައި ފެނުނު ހަމައެކަނި ލަނޑު އިންޓަމިލާނަށް ކާމިޔާބުކޮށްދިނީ 86 ވަނަ މިނެޓް ތެރޭގައި ލުކާކޫ އެވެ. މެޗްގައި މޮޅަށް ކުޅެ ގިނަ ހަމަލާތައް އުފައްދާފައިވަނީވެސް އިންޓަމިލާނެވެ.

އިންޓަރ މިލާނާއި ޕޯޓޯ ބައްދަލުކުރިމެޗްގައި އިންޓަރގެ ލުކާކޫގެ ހަމަލާއެއް ޕޯޓޯގެ ގޯލަށް ފޮނުވާލަނީ--- ފޮޓޯ/އިންޓަރ

މެޗްގައި ޕޯޓޯގެ އޮޓާވިއޯއަށް 78 ވަނަ މިނެޓްގައި ދެވަނަ ރީނދޫ ކާޑާއެކު ދެއްކި ރަތްކާޑުގެ ސަބަބުން މެޗްގެ ބާކީ ބައި ޕޯޓޯ ކުޅުނީ 10 ކުޅުންތެރިންނާ އެކުއެވެ.

މުބާރާތުގައި މި ދެ ޓީމް ބައްދަލުކުރާ ދެވަނަ ލެގްގެ މެޗް އޮންނާނީ އަންނަމަހުގެ 15 ގައި ޕޯޓޯގެ އަމިއްލަ ދަނޑުގައެވެ.

comment ކޮމެންޓް