އާ ޚިދުމަތަކާއެކު ޓްރީޓޮޕްގެ ކްލިނިކެއް މާލޭގައި ހުޅުވައިފި

ޓްރީޓޮޕްގެ ކްލިނިކް މާލޭގައި ހުޅުވުން -- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ

މުޅީން އާ ޚިދުމަތަކާއެކު ޓްރީޓޮޕް ހޮސްޕިޓަލުގެ ކްލިނިކެއް މާލޭގައި މިއަދު ހުޅުވައިފިއެވެ.

މި ކްލިނިކް ހުޅުވައިދެއްވީ ހެލްތު މިނިސްޓަރު އަހްމަދު ނަސީމެވެ. އެ ހަފުލާގައި އެ ހޮސްޕިޓަލްގެ ސީއީއޯ އާދިލް މޫސާއާއި މެނޭޖިން ޑިރެކްޓަރު އަހްމަދު ނަޒީރު ވެސް ބަައިވެރިވެލެއްވިއެެވެ.

ސީއީއޯ އާދިލް ވިދާޅުވީ، މިއީ ޓްރީޓޮޕުން ދޭ ޚިދުމަތް މާލޭގައި ފުޅާކުރުމުގެ މަގުސަދުގައި އެ ހޮސްޕިޓަލުގެ ބޯޑުން ނިންމި ނިންމުމާ އެއްގޮތަށް ހުޅުވި ކްލިނިކެއް ކަމަށެވެ.

މި ކްލިނިކުން ދޭ ޚިދުމަތްތަކަކީ ހުޅުމާލޭގައި ހުންނަ ހޮސްޕިޓަލުން ދޭ ޚިދުމަތާ އެއް ފެންވަރަކަަށް އެއް އަގެއްގައި ދޭނެ ޚިދުމަތްތަކެއް ކަމަށް ވެސް އާދިލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި މި ކްލިނިކުން މައިގަނޑު ގޮތެއްގައި ދޭނީ ފިޒިއޮތެރަޕީއާއި ރިހެބިލިޓޭޝަންގެ އިތުރުން ލެބޯޓްރީގެ ބައެއް ޚިދުމަތްތަކެވެ.

ޓްރީޓޮޕްގެ ކްލިނިކް މާލޭގައި ހުޅުވުމުގެ ހަފްލާގައި އެ ހޮސްޕިޓަލްގެ ސީއީއޯ އާދިލް ވާހަކަދައްކަވަނީ -- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ

"އޭގެ އިތުރުން މި ވަގުތު މި ތަނުން ޓްރީޓޮޕް ހޮސްޕިޓަލުން ނުދޭ ޚިދުމަތެއްގެ ގޮތުގައި ސްޕޯޓްސް ތެރަޕީ މި ތަނުން އަޅުގަނޑުމެން މި އިނީޝިއޭޓް ކުރެވިގެންދާނެ. މިއީ އަޅުގަނޑުމެން ޓްރީޓޮޕް ހޮސްޕިޓަލުން އަދި މި ވަގުތު ފަށައިފައިނުވާ ޚިދުމަތެއް. އެހެންވީމާ އަޅުގަނޑު ދަންނަވާނީ ޓްރީޓޮޕް ހޮސްޕިޓަލުގެ ރިހެބިލިޓޭޝަން ސާވިސް، ފިޒިއޮތެރަޕީ ޑިޕާޓްމަންޓުން މި ދެމުން ގެންދާ ހުރިހާ ޚިދުމަތަކާ އޭގެ އިތުރުން ވެސް ޚިދުމަތްތައް މި ތަނުން ލިބިގެން ގޮސް އާންމުންނަށް އަދި ހޮސްޕިޓަލުން ޚިދުމަތް ހޯދާ ފަރާތްތަކަށް އިތުރު ލުއި ފަސޭހައެއް ލިބިގެންދާނެކަމަށް،" އާދިލް ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ އެ ކްލިނިކުން ކުޑަކުދިންގެ ސްޕީޗު ތެރަޕީއާއި އޮކިއުޕޭޝަނަލް ތެރަޕީ ވެސް ލިބޭނެކަމަށެވެ. އަދި މައިގަނޑު ބޭނުމަކީ މާލޭގައި ދިރިއުޅޭ ޕޭޝަންޓުންނަށް ވީހާ ވެސް ލުއިކޮށްދިނުން ކަމަށް އޭނާ ވިދާޅުވިއެވެ.

އެ ހަފުލާގައި މެނޭޖިން ޑިރެކްޓަރު ނަޒީރު ވިދާޅުވީ މިއީ ސިއްޙީ ދާއިރާއަށް ޓްރީޓޮޕުން ކުރާ މަސައްކަތަށް ލިބުނު ކުރިއެރުމެއް ކަމަށެވެ. އަދި އަމިއްލަ ކުންފުނިތަކުން ކުރާ މިފަދަ މަސައްކަތްތަކުގައި ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ލިބެންޖެހޭ އެއްބާރުލުން ފަސޭހައިން ލިބޭނެ އިންތިޒާމެއް މިހާރަށްވުރެ ފަހިވުން މުހިންމު ކަމަަށް ނަޒީރު ވިދާޅުވިއެވެ.

ޓްރީޓޮޕްގެ ކްލިނިކް މާލޭގައި ހުޅުވުމުގެ ހަފްލާގައި އެ ހޮސްޕިޓަލްގެ އެމްޑީ ނަޒީރު ވާހަކަދައްކަވަނީ -- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ

މީގެ އިތުރުން މި ހަފުލާގައި މިނިސްޓަރު ނަސީމް ދެއްކެވި ވާހަކަފުޅުގައި ވަނީ ޓްރީޓޮޕް ހޮސްޕިޓަލުން ސިއްހީ ދާއިރާއަށް ކޮށްދެމުން އަންނަ ޚިދުމަތަށް ޝުކުރު އަދައިކުރައްވައިފައެވެ. އަދި ސަރުކާރުގެ ތެރެއިން އަމިއްލަ ފަރާތްތަކަށް ސިއްޙީ ޚިދުމަތް ފޯރުކޮށްދިނުމުގައި ހުރި ދަތިތައް ހައްލުކޮށްދެއްވާނެކަމުގެ ޔަގީންކަން ވެސް މިނިސްޓަރު ދެއްވިއެވެ.

ޓްރީޓޮޕްގެ ކްލިނިކް މާލޭގައި ހުޅުވުމުގެ ހަފްލާގައި މިނިސްޓަރު އަހްމަދު ނަސީމް ވާހަކަދައްކަވަނީ -- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ

"އެއީ ވަރަށް މުހިންމު ކަމެއް. އަޅުގަނޑުމެންގެ ސަރުކާރުން ކަންތައްތައް ހުންނަންޖެހޭނީ އަޅުގަނޑު ދެކޭ ގޮތުގައި ޕްރައިވެޓް ސެކްޓަރަށް ކަންތައްތައް ކުރެވޭ ގޮތަށް ވަރަށް ފަސޭހައިން ލުއިކޮށް ހުއްދަތަކާ އެއްޗެހި ލިބޭ ގޮތަށް. އެގޮތުން އަޅުގަނޑުމެން އެބަ ބަލަން ކޮންކަހަލަ އިންތިޒާމުތަކެއްތޯ އަޅުގަނޑުމެންގެ ލައިސަންސް ދިނުމުގައި ނޫނިއްޔާ އޮޕަރޭޓް ކުރުމުގައި ހުރި ދަތިތަކާ ގުޅޭ ގޮތުން އަޅުގަނޑު ގަސްތުކުރަނީ މި އަހަރުގެ މެދެއްހާ ހިސާބުގައި އަޅުގަނޑުމެން ޕްރައިވެޓް ސެކްޓަރުން ހުރިހާ ސިއްހީ ފަރާތްތަކާ އެކީ މަޝްވަރާ ބައްދަލުވުމެއް ބާއްވަން،" މިނިސްޓަރު ވިދާޅުވިއެވެ.

ޓްރީޓޮޕް ހޮސްޕިޓަލުގެ ޚިދުމަތް ހުޅުމާލޭގައި ފެށީ 2018ވަނަ އަހަރުގެ މާޗް އެއްވަނަ ދުވަހެވެ. ޒަމާނީ ވަސީލަތްތަކާއެކު ޚިދުމަތްދޭ އެ ހޮސްޕިޓަލަކީ 210 އެނދުގެ ކެޕޭސިޓީއާއެކު ހިންގާ މަތީ ފެންވަރުގެ ޕްރައިވެޓް ހޮސްޕިޓަލެކެވެ.

comment ކޮމެންޓް