9/11ގައި ގެއްލުން ލިބުނު އެމެރިކާ މީހުންނަށް އަފްޣާން ރައްޔިތުންގެ ފައިސާ ނުދެވޭނެ ކަމަށް ނިންމައިފި

އަފްޣާނިސްތާނުގެ ރައްޔިތުންނަށް ވަނީ 2021 ވަނަ އަހަރުގެ އޮގަސްޓް މަހު ތާލިބާނުން ވެރިކަމަށް އައުމާ ގުޅިގެން ފަގީރުކަމާއި ކާބޯތަކެތީގެ ދަތިކަން ފަދަ މައްސަލަތަކާ ކުރިމަތިލާން ޖެހިފަ -- ފައިލް ފޮޓޯ/ އޭއެފްޕީ

ދެހާސް އެއް ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 11 ވަނަ ދުވަހު އެމެރިކާގައި ދިން ޓެރަރިސްޓް ހަމަލާތަކުގައި ގެއްލުން ލިބުނު މީހުންގެ އާއިލާތަކަށް، އަފްޣާނިސްތާނުގެ މަރުކަޒީ ބޭންކުން ފައިސާ ނުދެވޭނެ ކަމަށް އެމެރިކާގެ ފަނޑިޔާރަކު ނިންމަވައިފިއެވެ.

އެމެރިކާގެ ފަނޑިޔާރެއް ކަމަށްވާ ޖޯޖް ޑެނިއަލްސް އެހެން ނިންމެވީ، އަފްޣާނިސްތާނުގެ މަރުކަޒީ ބޭންކު ޑީއޭބީއިން އެމެރިކާގެ ބޭންކުތަކުގައި ރައްކާކޮށްފައިވާ 7.1 ބިލިއަން ޑޮލަރުގެ ތެރެއިން އެއްބައި، 9/11ގައި ގެއްލުން ލިބުނު އެމެރިކާ މީހުންނަށް ދޭން އެމެރިކާގެ ރައީސް ޖޯ ބައިޑެން މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ރިޔާސީ އަމުރެއް ނެރުއްވުމާ ގުޅިގެންނެވެ.

އެ އަމުރުގެ މައްސަލައިގައި ފަނޑިޔާރު ޑެނިއަލްސް ވިދާޅުވީ، ޑީއޭބީގެ ފައިސާ އެމެރިކާގެ އާއިލާތަކަށް ދޭން ނަގާނަމަ، ތާލިބާނަކީ އަފްޣާނިސްތާނުގެ ގާނޫނީ ސަރުކާރުކަން ބަލައިގަންނަން ޖެހޭނެ ކަމަށެވެ. އަދި އެއީ ގާނޫނު އަސާސީން ފަނޑިޔާރަށް ތަންދޭ ކަމެއް ނޫން ކަމަށާއި އެފަދަ ކަމެއް ނިންމޭނީ އެމެރިކާގެ ރައީސަށް ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ އެ ހަމަލާގައި ތާލިބާންގެ އަތެއް އޮތުމުން، އެމެރިކާގެ އާއިލާތަކަށް ބަދަލު ދޭން ޖެހޭނީ އެ ޖަމާއަތުން ކަމަށެވެ. އަދި އޭގެ ޒިންމާ ނަގަން ޖެހޭނީ އަފްޣާނިސްތާނުން ނުވަތަ އެގައުމުގެ ރައްޔިތުން ނޫން ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.

ހަމައެއާއެކު އަފްޣާނިސްތާނުގެ މަރުކަޒީ ބޭންކުގެ ފައިސާއިން އެކަން ނުކުރެވޭނެ ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

އެ ނިންމުމާ ގުޅިގެން، އެ ފައިސާ ހޯދަން އެދުނު އާއިލާތަކުން ވަނީ އެއީ ގޯސް ނިންމުމެއް ކަމަށް ބުނެ އެ މައްސަލަ އިސްތިއުނާފު ކުރާނެ ކަމަށް ބުނެފައެވެ.

ސެޕްޓެމްބަރު 11ގެ ހަމަލާތަކުގައި ސީދާ ތާލިބާނުން ބައިވެރި ނުވި ނަމަވެސް، އެ އާއިލާތަކުގެ ވަކީލުން ވަނީ އެ ހަމަލާ ދިން އަލްގައިދާއަށް އަފްޣާނިސްތާނުން އެހީތެރިވި ކަމަށް ބުނެފައެވެ.

އަފްޣާން އެކްޓިވިސްޓެއް ކަމަށްވާ ބިލާލް އަސްކަރިޔާރު އަލްޖަޒީރާއަށް ވިދާޅުވި ގޮތުގައި، އަފްޣާނިސްތާނުގެ ރައްޔިތުންނާ ސެޕްޓެމްބަރު 11ގެ ހަމަލާއާ އެއްވެސް ގުޅުމެއް ނެތެވެ. އަދި އަފްޣާން ރައްޔިތުންގެ ފައިސާ އެހެން ބަޔަކަށް ދޭން ނިންމުމަކީ "ނިކަމެތި ގައުމަކަށް ނިސްބަތްވާ އާންމު ރައްޔިތުންގެ ފައިސާ ވަގަށް ނެގުން" ކަމަށް އޭނާ ވަނީ ސިފަކުރައްވާފައެވެ.

ތާލިބާނުން 2021 ވަނަ އަހަރުގެ އޮގަސްޓު މަހު އަފްޣާނިސްތާނުގެ ވެރިކަން ހޯދީ، 2001 ވަނަ އަހަރު އެ ޖަމާއަތުގެ ސަރުކާރު ވައްޓާލި އެމެރިކާ ސިފައިން އެގައުމުން ފޭބުމާ އެއްކޮށެވެ. އަދި އެ ޖަމާއަތުން އޮގަސްޓު މަހުގެ 15ގައި ކާބުލްއަށް އެރުމާ އެކު އޭރުގެ ރައީސް އަޝްރަފް ޣަނީ ގައުމު ދޫކުރައްވާ ވަޑައިގަތުމުންނެވެ.

ސެޕްޓެމްބަރު 11ގައި ދިން ހަމަލާއަކީ އެމެރިކާގެ ތާރީޚުގައި ވެސް ދިން އެންމެ ނުރައްކާތެރި ޓެރަރިސްޓް ހަމަލާއެވެ.

އަލްގައިދާއިން އެ ހަމަލާ ދިނީ އެމެރިކާގައި ހަތަރު ފްލައިޓެއް ހައިޖެކް ކުރުމަށްފަހު އެ ފްލައިޓުތައް އެ މީހުން ގޮއްވާލުމަށް އަމާޒުކޮށްފައިވާ ބޮޑެތި އިމާރަތްތަކުގައި ޖައްސާ ގޮއްވައިލައިގެންނެވެ.

އެ ހަމަލާގައި 2،976 މީހުން މަރުވެފައިވާއިރު 25،000 އަށްވުރެ ގިނަ މީހުންނަށް އެކި ވަރުގެ އަނިޔާތައް ލިބިފައެވެ.

comment ކޮމެންޓް