ރާއްޖޭން ހައްޖަށް ގެންދިއުމަށް 1،000 ކޯޓާ ލިބިއްޖެ

8 އޯގަސްޓް، 2017: ބަރަކާތްތެރި ހައްޖުގެ އަޅުކަން ފުރިހަމަ ކުރުމަށް ރާއްޖޭން ހައްޖަށްދާ ހައްޖުވެރިން ފުރަންފެށުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިއަހަރުގެ ހައްޖުގެ އަޅުކަމަށް ރާއްޖޭން ސައުދީއަށް ދިއުމަށް 1،000 ކޯޓާ ހަމަޖެހިއްޖެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

ކޮވިޑްގެ ކުރިން އާންމުކޮށް ރާއްޖޭން ކޮންމެ އަހަރަކު ވެސް ހައްޖަށް ދިއުމަށް ފުރުސަތު ލިބެނީ ހާހެއްހާ މީހުންނަށެވެ. ނަމަވެސް ކޮވިޑާއެކު ސައުދީން އެޅި ހަރުކަށި ފިޔަވަޅުތަކާއެކު އެ އަދަދު ވަރަށް ބޮޑަށް ދަށަށް ދިޔައެވެ. އެގޮތުން މިދިޔަ އަހަރު ހައްޖަށް ދިއުމަށް ފުރުސަތު ލިބުނީ 453 ދިވެހިންނަށެވެ.

އިސްލާމިކް މިނިސްޓަރު އަޙްމަދު ޒާހިރު އަލީ، ދެންމެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރަސްމީ ހައްޖު ކޯޓާގެ ގޮތުގައި 1000 ޖާގަ ރާއްޖެއަށް މިހާރު ލިބިފައިވާ ކަމަށެވެ.

"އިތުރު ކޯޓާ ހޯދުމުގެ މަސައްކަތް މިގެންދަނީ ކުރަމުން،" މިނިސްޓަރު ވިދާޅުވިއެވެ.

މިދިޔަ އަހަރު ލިބުނު ކޯޓާއިން ދިވެހިން ހައްޖަށް ގެންދިޔައީ ހައްޖު ކޯޕަރޭޝަންއާ ހަވާލު ކޮށްގެންނެވެ. މިއަހަރު އަމަލު ކުރާނެ ގޮތެއް އަދި އިސްލާމިކް މިނިސްޓްރީން ހާމައެއް ނުކުރެއެވެ.

މިއަހަރު ޙައްޖުގެ މަތިވެރި އަޅުކަމަށް ފުރުސަތު ދިނުމުގައި ސައުދީ އަރަބިއްޔާއިން އަމަލުކުރާނީ ކޮވިޑް19ގެ ބަލިމަޑުކަމުގެ ކުރިން އަމަލުކުރަމުން އައި ގޮތަށްކަން އެގައުމުގެ ސަރުކާރުން ވަނީ ހާމަކޮށްފައެވެ.

ކޮވިޑްގެ ކުރިން ހައްޖުގެ އަޅުކަމުގައި 2.4 މިލިއަން މީހުން ބައިވެރިވިއެވެ. އެކަމަކު، 2019ވަނަ އަހަރު ކޮވިޑްގެ ބަލިމަޑުކަން ފެތުރުމަށްފަހު ހައްޖަށް މީހުން ގެންދަމުން އައި އަދަދުތަކަށް ސައުދީ ސަރުކާރުން ވަނީ ބަދަލު ގެނެސްފައެވެ.

މައްކާގައި ކޮވިޑް ފެތުރެން ފެށުމުން ބަލި ކޮންޓްރޯލްކުރުމަށް ޓަކައި އެޅި ވަރުގަދަ ފިޔަވަޅުތަކާއެކު، އެ އަހަރުގެ ހައްޖުގައި ބައިވެރިވުމުގެ ފުރުސަތު ދިނީ ސައުދީގައި ދިރިއުޅެމުންދާ މީހުންގެ ތެރެއިން 10،000 މީހުންނަށެވެ.

އެއަށްފަހު 2021ވަނަ އަހަރު ހައްޖުގައި ބައިވެރިވުމުގެ ފުރުސަތު ދީފައި ވަނީ 60،000 މީހުންނަށެވެ. އަދި، ކޮވިޑާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ބޮޑެތި ލުއިތަކެއް ދިނުމަށްފަހު، މިދިޔަ އަހަރުގެ ހައްޖުގެ އަޅުކަމުގައި އެއް މިލިއަން މީހުންނަށް ބައިވެރިވުމުގެ ފުރުސަތު ސައުދީ ސަރުކާރުން ދީފައިވެއެވެ.

comment ކޮމެންޓް