ފަހަތުން އަރައި މޮޅުވެ، ރެއާލުން ލިވަޕޫލް ލަދުގަންނުވާލައިފި

ގޯލު ޖެހުމަށްފަހު ވިނީޝިއަސް އުފާ ފާޅުކުރަނީ---

ޔޫއެފާ ޗެމްޕިއަންސްލީގްގައި ރޭ ސްޕެއިންގެ ރެއާލް މެޑްރިޑާއި، އިނގިރޭސިވިލާތުގެ ލިވަޕޫލް ބައްދަލުކުރިމެޗު، ދެ ލަނޑުގެ ލީޑަކުން ލިވަޕޫލް މޮޅުވެފައިވަނިކޮށް ފަހަތުން އަރައި ރެއާލް މެޗު ކާމިޔާބުކޮށް އެޓީމްގެ ފެންވަރު ދައްކާލައިފިއެވެ.

ލިވަޕޫލްގެ އެންފީލްޑްގައި ކުޅުނު މިމެޗް، ރެއާލް މެޑްރިޑް ކާމިޔާބުކުރީ ކުރިން ހީކުރިގޮތާ ޚިލާފަށް 5-2 ގެ ނަތީޖާއިންނެވެ. މެޗުގެ ކުރިން ހީކުރެވިފައި އޮތީ ލިވަޕޫލް މި މެޗަށް ނިކުތްއިރު އެޓީމުގެ ފޯމް މިހާރު އޮތްގޮތުން ރެއާލް މެޑްރިޑާ ދެކޮޅަށް ރަނގަޅު ނަތީޖާއެއް ނެރޭނެ ކަމަށެވެ.

މެޗުގެ ކުރިން ލިވަޕޫލްގެ ކޯޗު ކްލޮޕް ވެސް ބުނެފައިވަނީ ރޭގެ މެޗަށް ނިކުތްއިރު އެޓީމްގެ ހާލަތު ވަރަށްބޮޑަށް ރަނގަޅުވެފައިވާކަމަށެވެ. ނަމަވެސް ރޭގެ ނަތީޖާއަކީ ޗެމްޕިއަންސް ލީގްގެ ތާރީހުގައިވެސް ލިވަޕޫލްގެ ދަނޑުގައި ފެނުނު އެންމެ ލަދުވެތި ނަތީޖާއެވެ.

މެޗުގައި އެންމެ ފުރަތަމަ ލަނޑެއް ޖަހައި ކުރި ހޯދީ ލިވަޕޫލްއެވެ. އެއީ މެޗުގެ ހަތަރުވަނަ މިނެޓް ތެރޭގައި މުހައްމަދު ސަލާހް ތަނަވަސްކޮށްދިން ފުރުސަތެއްގައި ޑާވިން ނުނޭޒް ޖަހައިދިން ހިތްގައިމް ލަނޑުންނެވެ.

ފުރަތަމަލަނޑު ޖެހުމަށްފަހު ލިވަޕޫލްގެ ނުނޭޒް-- ފޮޓޯ/ލިވަޕޫލް

މި ލަނޑަށްފަހު، ސަލާހް ވަނީ ރެއާލްގެ ކީޕަރަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި 14 ވަނަ މިނެޓް ތެރޭގައި އިތުރު ލަނޑެއް ޖަހައި ލިވަޕޫލްގެ ލީގް ފުޅާކޮށްދީފައެވެ. މިއީ ޗެމްޕިއަންސް ލީގްގައި ސަލާހް ޖެހި 42 ވަނަ ލަނޑެވެ. ރޭގެ މެޗްގައި ސަލާހް ޖެހި ލަނޑާއެކު އޭނާ ހިމެނިފައިވަނީ ޔޫއެފާ މުބާރާތުގައި މިހާތަނަށް ލިޕަވޫލުން އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާއަށެވެ.

މެޗުގައި ލިވަޕޫލުން ދެ ލަނޑުގެ ލީޑެއް ނަގައި ރަނގަޅަށް ހަމަޖެހި ނުލެވެނީސް، ރެއާލްގެ ވިނީޝިއަސް ވަނީ 21 ވަނަ މިނެޓް ތެރޭގައި ލަނޑެއް ޖަހައި އެޓީމަށް އުއްމީދު އާކޮށްދީފައެވެ.

މެޗުގައި ރެއާލްގެ ލަނޑުތައް ފެންނަން ފެށީ ދެނެވެ. ރެއާލްއަށް މެޗު އެއްވަރުކޮށްދިން ލަނޑުވެސް ޖަހައިދިނީ، ވިނީޝިއަސްއެވެ. އޭނާ މި ލަނޑު ޖަހާފައިވަނީ 36 ވަނަ މިނެޓް ތެރޭގައެވެ.

މެޗުން ފުރަތަމަ ފަހަރަށް ރެއާލް އަށް ލީޑް ނަގައިދިނީ 47 ވަނަ މިނެޓް ތެރޭގައި ލޫކާ މޮޑްރިޗް ތަނަވަސްކޮށްދިން ފުރުސަތެއްގައި އެޑާ މިލިޓާއޯއެވެ. އޭގެ އަށް މިނެޓް ފަހުން ރެއާލްގެ ކެޕްޓަން ކަރީމް ބެންޒީމާ ވަނީ އިތުރު ލަނޑެއް ޖަހައި މެޗުގެ ނަތީޖާ 4-2 އަށް ބަދަލުކޮށްފައެވެ. މެޗުގައި ރެއާލް އިން ޖެހި ފަސްވަނަ ލަނޑުވެސް ޖަހާފައިވަނީ ބެންޒީމާއެވެ.

ޔޫއެފާ ޗެމްޕިއަންސްލީގްގައި ރެއަލް އަދި ލިވަޕޫލް ބައްދަލުކުރި މެޗްގެ ތެރެއިން--- ފޮޓޯ/ ގެޓީ

ރޭގެ މެޗާ ބެހޭގޮތުން ވާހަކަދައްކަމުން ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް ބުނީ، މެޗުގެ ކުޅުން ފަށައިގެން ފުރަތަމަ ދިޔައީ ކުރިންވެސް ބުނިގޮތަށް ކަމަށާއި، ނަމަވެސް ވަކި ހިސާބަކުން މެޗުގެ އޮއިވަރު ބަދަލުވީކަމަށެވެ. މެޗު ފަށައިގެން ފުރަތަމަ ފަސް މިނެޓް ތެރޭގައި ލަނޑެއް ޖަހައި އަދި އޭގެ އިރުކޮޅެއް ފަހުން އިތުރު ލަނޑެއް ޖެހުމަކީ މިފަދަ މެޗަކަށް ބަލާއިރު، ރަނގަޅު ފެށުމެއްކަމަށް ކްލޮޕް ފާހަގަކުރިއެވެ.

"ހަޤީގަތުގައި މެޗް ބަދަލުވެގެން މިދިޔައީ ތިންވަނަ ލަނޑާ ހިސާބުން. ބައެއް ލަނޑުތައް ވަދެފައިވަނީ އަހަރެމެންނަށް ބައެއް ކަންކަން ރަނގަޅު ނުކުރެވިގެން،" ކްލޮޕް ބުންޏެވެ.

ކްލޮޕް ބުނީ ތިން ހަފުތާފަހުން ދެވަނަ ލެގް ކުޅޭއިރު، ދެން ކުރިއަށް ދެވެން އޮތީ އެމެޗް ކާމިޔާބުކޮށްގެންކަމަށެވެ.

މެޗާ ބެހޭގޮތުން ވާހަކަދައްކަމުން ރެއާލްގެ ކޯޗު ކާލޯ އެންޗެލޮއްޓީ ބުނީ ފުރަތަމަ މެޗު ފަށައިގެން ރެއާލް މެޑްރިޑްގެ ފަރާތުން ފެނުނީ ވަރަށްވެސް ދަށް ފެންވަރުގެ ކުޅުމެއް ކަމަށާއި، ފުރަތަމަ ހާފް ދިޔައީ އެކަހަލަ ގޮތަކަށް ކަމަށެވެ. ނަމަވެސް ދެވަނަހާފްގައި ރެއާލްގެ ކުޅުންތެރިން ފެނުނީ މުޅިން ތަފާތުކޮށް ކަމަށާއި، ދެވަނަ ހާފްގައި ކޮންމެ ކުޅުންތެރިއެއްގެ ފަރާތުންވެސް ތަފާތު ފެނިގެންދިޔަ ކަމަށެވެ.

"ހާފްޓައިމުގައި މެޗްގެ ކުޅުމާއިމެދު ހިސާބަކަށް ރުޅިގަދަވެގެންދިޔަ. ކުޅުންތެރިންނަށްވެސް އެކަން އެނގޭނެ. މީގަ އެންމެ ފާހަގަކޮށްލެވުނު ކަމަކީ ދެވަނަ ހާފްގައި ކުޅުންތެރިން ތަފާތުދެއްކިކަން،" އެންޗެލޮއްޓީ ބުންޏެވެ.

ޔޫއެފާ ޗެމްޕިއަންސްލީގްގައި ރެއާލް މެޑްރިޑާއި ލިވަޕޫލް ބައްދަލުކުރާ ދެވަނަ ލެގްގެ މެޗު އޮންނާނީ އަންނަ މާޗް މަހުގެ 15 ވަނަ ދުވަހު ރެއާލްގެ ދަނޑުގައެވެ. ރެއާލްގެ އަމިއްލަ ދަނޑުގައި މިމެޗް އޮވެފައި، ރޭގެ މެޗްގެ ނަތީޖާއަށް ބަލައި ކުއާޓާ ފައިނަލުން ޖާގައެއް ހޯދުމުގެ ފުރުސަތު އެންމެ ބޮޑީ ރެއާލް މެޑްރިޑަށެވެ.

comment ކޮމެންޓް