ބުނެދޭން ނޭނގުނަސް... 27

ދެމީހުންގެ ހަތަރުކަޅި ބައްދަލުވެގެން ހޭދަވީ މަދު ވަގުތުކޮޅެކެވެ. އިސްނެގީ މިޒްޔަލެވެ. މިޒްޔަލް ކައިރިވެލުމާއިއެކު ބިންޔާގެ މޫނަށް އެޅިގެންދިޔަ ހޫނު ނޭވާގެ އިހުސާސުން އޭނާއަށް ދެލޯ މަރައިލެވުނެވެ. އެއީ މިޒްޔަލްއަށް ދެވުނު ދައުވަތެކެވެ. ބިންޔާގެ ގާތްކަމަށް ބޭނުންވެފައިވާ މިޒްޔަލްއަށް ލިބުނު ފުރުސަތުގެ ބޭނުން ހިފިއެވެ. ކުރެވުނު އުފާވެރި އިހުސާސުން ބިންޔާއަށް މިޒްޔަލްގެ ގައިގައި ހިފަހައްޓައިލެވުނެވެ. މިޒްޔަލްގެ އަމަލުގައި ބިންޔާއަށްވެސް ބައިވެރިވެވުނެވެ. ދެ ލޯބިވެރިންނަށް ފުރުސަތުދެމުން، ހަނދުވެސް ލަދުން އެއްފަރާތްވެލިއެވެ. ހަނދަށް އެޅުނު ކަޅު ވިލާކޮޅުގެ ސަބަބުން، މާހައުލަށް ވެރިވީ އަނދިރިކަމެވެ.

********

އެތައް އިރަކު ވިސްނަން އޮވެފައި މީރާ ތެދުވިއެވެ. އަތުގައި އޮތް ކުޑަ ފުޅިއަށް ބަލައިލުމަށްފަހު، އޭނާ ކޮޓަރިން ނުކުތީ އެ ފުޅި މުށުތެރޭގައި ފޮރުވައިލުމަށްފަހުގައެވެ. އެއީ މީރާ ބޭނުންކުރަން އޮތް އެންމެފަހުގެ ހަތިޔާރެވެ. މިޒްޔަލްއަށް ގެއްލުމެއްދޭން މީރާގެ ހިތް އެއްބަހެއް ނުވެއެވެ. އެހެނަސް، ހާލަތު އޭނާއަށް އެކަން ކުރަން މަޖުބޫރުކުރުވީކަމަށް މީރާ ގަބޫލުކުރިއެވެ.

ގޭތެރޭގައިވީ ފަޅުކަމެވެ. ޖެހިގެން ހުރި ބިންޔާގެ ކޮޓަރިއަށް ބަލައިލުމަށްފަހު، ދެފައިގެ ކޮޅު ޖައްސައިގެން ހުރެ މީރާ ބަދިގެއާއި ދިމާއަށް ހިނގައިގަތެވެ. ގޭތެރޭގައި ދިއްލާފައިވާ ނިދާބޮކީގެ ފަނޑު އަލި އެޅިފައި ހުރީ ކާގެ ދޮރާއި ހަމައަށެވެ. ކާގެތެރޭގައިވީ، ކަނު އަނދިރިކަމެވެ. މީރާ ފޯނުގެ އިސްކްރީން ދިއްލައިލިއެވެ. ފަނޑު އަލިކަމުގެ ތެރޭގައި ތަންދޮރު ވަކިވާވަރުވިއެވެ. އޭނާ ގޮސް ފްރިޖު ހުޅުވައިލީ ގޭތެރޭގައި މީހަކު ނެތްކަން ޔަގީންކުރުމަށް ފަހުގައެވެ.

"އައިމް ސޮރީ މިޒްޔަލް..." މީރާ ފުން ނޭވާއެއް ދޫކޮށްލިއެވެ.

މީރާގެ އަތުގައި އޮތް ފުޅި، އައިސްއަލަމާރިން ނެގި ފެންފުޅީގެ ތެރެއަށް އޮއްސައިލިއެވެ. ފުޅި ރަނގަޅަށް ހަލުވައިލުމަށްފަހު، އަލުން އަލަމާރިއަށް ލާފައި އޭނާ އެނބުނީ ކޮޓަރިއަށް ދާށެވެ. ކުރިމައްޗަށް ފޯނުން އަލިކޮށްލުމާއިއެކު، މީރާ ދިޔައީ ސިއްސައިގެންނެވެ. ޒަޔާން ހުރީ މީރާއާއި ދާދި ގާތުގައެވެ. މީރާގެ އަނގައިން ނުކުތް ތޫލި ހަޅޭކުގެ އަޑާއިއެކު ފޯނު އަތުން ދޫވެގެން ވެއްޓުނެވެ.

"ވަގުން އުޅޭނީ ތިހެން..." މީރާގެ ފޯނު ނަގައި ދިއްކޮށްލަމުން، ޒަޔާން ބުނީ މާނަފުން ޖުމުލައެކެވެ.

ޒަޔާން ބަލަން ހުރި ގޮތުން މީރާ އަވަސް އަވަހަށް އެތަނުން ދިޔައެވެ. އޭނާ ހުރީ ހާސްވެފައެވެ. ޒަޔާނަށް މީރާ ކުރި ކަންތައް ފެނުނު ހެއްޔެވެ؟ ފެނުނުނަމަ، އެއްޗެއް ނުބުނެ އެހާ ފަސޭހައިން މީރާ އެތަނުން ދިޔުމުގެ ފުރުސަތު ދިނީ ކީއްވެ ހެއްޔެވެ؟ މީރާ ކޮޓަރިއަށް ވަދެ ދެކޮޅަށް ހިނގަން ފެށިއެވެ. ޒަޔާނަކީ ވިސްނުންތޫނު މީހެކެވެ. ކިތަންމެ ކުޑަ ކަމަކާއިވެސް ޝައްކެއް އުފެދިއްޖެނަމަ، އެކަމެއް ޔަގީންކުރާނެއެވެ. އަމުދުން މީރާގެ ކަމެއްގައި ދުލެއް ނުދޭނެއެވެ. ޒަޔާންދެކެ މީރާ ޖެހިލުން ވަނީ އެ ސަބަބަށްޓަކައެވެ. އެ ދަތުރަކީ މީރާއަށް ލިބުނު އެންމެ ރަނގަޅު ފުރުސަތެވެ. އެ ފުރުސަތު ގެއްލޭކަށް މީރާ ބޭނުމެއް ނުވިއެވެ. ޒަޔާން ކޮޓަރިއަށް ވަންނަހާއިރު ކޮށްފައި މީރާ އަނެއްކާވެސް ނުކުތެވެ. ކާގެއަށް ވަދެފައި އޭނާ ފުރަތަމަވެސް ބަލައިލީ، އައިސްއަލަމާރީގައި ފުޅި އިންތޯއެވެ. ފުޅި ފެނުމުން މީރާއަށް ހަމަޖެހުމެއް ލިބުނެވެ.

********

ގެއަށް އަންނަން ހިނގަމުން ދިޔައިރު، ބިންޔާ ހުރީ ލަދުން އިސްޖަހާލައިގެންނެވެ. އޭނާގެ ތުންފަތުގައިވި ލުއި ހިނިތުންވުން ރަމުޒުކޮށްދެނީ ލިބިފައިވާ އުފާވެރިކަމެވެ. ހިނގަމުންދިޔައިރު، ދެމީހުންގެ އަތް އެކަކު އަނެކެއްގެ އަތުގައި ބީހިލައެވެ. އެއިން ކޮންމެ ފަހަރަކު ދެމީހުންނަށްވެސް ބުނެދޭން ނޭނގޭ ގޮތްތަކެއް ވަމުން ދިޔައެވެ. މިޒްޔަލް ހިނގަމުން ދިޔައީ ބިންޔާއާއި އެހާވެސް ކައިރިންނެވެ. ވައިރޯޅިއަކަށްވެސް އެ ދެމެދަށް ވަނުމުގެ ފުރުސަތެއް ނެތޭ ބުނާ ފަދައިންނެވެ.

މިޒްޔަލް ހުރީ ގެއާއި ހަމައަށް އާދެވުނުލެއް އަވަސްވެފައެވެ. ބިންޔާ ނިދަން ފޮނުވާލާކަށް އޭނާ ބޭނުމެއް ނުވިއެވެ. މިޒްޔަލް ބޭނުންވީ، އެރޭގެ ބާކީބައި އެއްކޮށް ބިންޔާއާއިއެކު ހޭދަކުރާށެވެ. ބިންޔާ އިރުކޮޅަކު ދޮރުމަތީގައި މަޑުކޮށްލީ މިޒްޔަލް އެއްޗެއް ބުނޭތޯއެވެ. މިޒްޔަލް ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ބިންޔާ ހުއްޓުވާނީތޯ އޭނާ އަމިއްލަ ހިތާއި ސުވާލުކުރިއެވެ. އެކަމަކު، ފުރަތަމަ ދުވަހުންވެސް އޭނާއަކީ ބިންޔާގެ ބޮލުގެ ރިހުމަކަށް ވާކަށް މިޒްޔަލް ބޭނުމެއް ނުވިއެވެ.

"ގުޑް ނައިޓް..." ބިންޔާ ވަރަށް ލަދުންހުރެ ބުނެލިއެވެ.

ބިންޔާ ހިނގައިގަތުމުން، މިޒްޔަލްއަށް ބިންޔާގެ އަތުގައި ހިފައިލެވުނެވެ. ހަމަ އެހާ އަވަހަށް ދޫކޮށްލިއެވެ.

"ދަނީތަ؟..." މިޒްޔަލްއަށް އަހައިލެވުނީ ޝަކުވާގެ ރާގެއްގައެވެ.

ބިންޔާ ފޯނުން ގަޑި ދައްކައިލިއެވެ. ގަޑިން މެންދަމުން އަލިވެ، އެކެއް ޖެހީއެވެ. ވަގުތު ދިޔަ ގޮތްވެސް މިޒްޔަލްއަށް ނޭނގުނެވެ. އެހާ އަވަހަށް ގަޑި ހިނގަންވޭ ހެއްޔެވެ؟ އެކަމާއިވެސް މިޒްޔަލްއަށް ހިތާއިހިތުން ކުދިކިޔުނެވެ.

"އޯހް... ވަރަށް ލަސްވެއްޖެދޯ..." ހިތާއި ދެކޮޅަށް މިޒްޔަލް ބުނެލިއެވެ. "އޯކޭ ދޭ..."

މިޒްޔަލް އުޅޭގޮތުން ބިންޔާ ހުރީ ހިނިއައިސްފައެވެ. ޔަގީނުންވެސް މިޒްޔަލް ބިންޔާދެކެ ވާ ލޯބި ހާމަކުރަން އިތުރު ކަމެއް ކުރާކަށް ނުޖެހޭނެއެވެ. ދުލުން ނުބުންޏަސް، މިޒްޔަލްގެ ކޮންމެ އަމަލެއް އެކަމަށް ހެކިދެއެވެ.

ބިންޔާ ކޮޓަރިއަށް ވަނުމުންވެސް މިޒްޔަލް ބޭރުގައި އިރުކޮޅަކު މަޑުކުރިއެވެ. ދުވަހަކުވެސް އުފާނުވާ ވަރަށް މިރޭ އޭނާ އުފާވެއްޖެއެވެ. ބިންޔާއާއިއެކު އަތިރިމަތީގައި އޭނާ ހޭދަކުރީ ދުވަހަކުވެސް ހަނދާނުން ފޮހެނުލެވޭނެވަރުގެ އުފާވެރި ވަގުތުކޮޅެކެވެ. މިޒްޔަލް ކޮޓަރިއަށް ވަންއިރު، ޒަޔާން އޮތީ ފޯނާއި ކުޅޭށެވެ.

"ބްރަދަރ، ކޮންތާކުން ތިއައީ؟..." ޒަޔާން ސުވާލު ކުރިއިރުވެސް ޖަވާބު އެނގެއެވެ. މިޒްޔަލް ބިންޔާއާއި އެކުގައި ދިޔަ މަންޒަރު ޒަޔާނަށް ރީތިކޮށް ފެނުނެވެ.

"މިއައީ މިތާ އަތިރިމައްޗަށް ގޮސްލާފަ... ރާއްޖެތެރެ ހާދަ ހިތްގައިމޭ... ހަނދުވަރުދޭ މިކަހަލަ ރޭރޭ ވަކީން އުފާވެރި..." ބިންޔާގެ މަތިން ހަނދާންކޮށްލަމުން މިޒްޔަލް ބުނެލިއެވެ. "ކީއްވެ މިހާ ލަސްވަންދެން ނުނިދާ ތިއޮތީ؟..."

މިޒްޔަލް އޭގެ ކުރިން ޒަޔާނާއި އެފަދަ ގާތްގޮތަކަށް ވާހަކަ ދައްކާފައިނުވާތީ ޒަޔާނަށް ބަލަހައްޓައިގެން އޮވެވުނީއެވެ. އޭނާގެ ދެލޯ ފެންކަޅިވާން އުޅުނީ ލިބުނު އުފަލާއި ހިތާމަ އެކުވެގެން އައި ކަރުނައިންނެވެ. ބިންޔާ ހާސިލުކުރަން ޒަޔާންގެ ހިތް އެދުނެވެ. އޭނާ ގަޔާވާ އެތައް ސިފައެއް އެ އަންހެން ކުއްޖާގެ ކިބައިގައި އެބަހުއްޓެވެ. ޒަޔާން ދެރަވީ، އޭނާގެ ސަބަބުން، ބޭބެގެ އުފާވެރިކަން ގެއްލިގެން ހިނގައިދާނެތީއެވެ. އިންސާނުންގެ ހިތަކީ ފާޑެއްގެ އެއްޗެކެވެ. ލޯތްބަކީވެސް އެފަދަ އެއްޗެކެވެ. އެ ހާސިލުކުރަން ކޮންމެ ކަމެއް ކުރަންވެސް ބައެއް މީހުން ފަހެއް ނުޖެހޭނެއެވެ. ގިނަ ފަހަރަށް ހުރިހާ ކަމެއް ކުރެވެނީ އަމިއްލަ އިހުތިޔާރުން ބޭރުގައެވެ. ހިތަކީ ބަލިކަށި އެއްޗެކެވެ. ޒަޔާނުގެ ހިތަށް ބިރުވެރިކަން ވަނީ، އޭނާގެ ހިތުގައި އުފެދިފައިވާ ލޯބީގެ ސަބަބުން، އާއިލީ ގުޅުމަށް އަސަރުކޮށްފާނެތީއެވެ. މިޒްޔަލް އުފަލުގައި ހުރުމަކީ ޒަޔާން ބޭނުންވާ ގޮތެވެ. ދުވަހަކުވެސް މިޒްޔަލްއަށް ދެރައެއް ދޭން ޒަޔާން ވިސްނާފައެއް ނުވެއެވެ.

"ނުނިދިގެން މިއުޅެނީ..." ޒަޔާން ފޯނު ބާއްވާފައި، ތެދުވެ އެނދުގެ ހެޑްބޯޑުގައި ލެނގިލިއެވެ.

"ޒަޔާނަށް ކަމުދަނީ މާލެ ދޯ؟... އެތާ މާ ގިނަ އަންހެން ކުދިން އުޅޭތީތަ؟..." މިޒްޔަލް ޖަހައިލީ ލާނެތް ހިނިގަނޑެކެވެ. "ނޫނީ ކަމުދާ ކުއްޖަކު ހުރީތަ؟..."

"ކޮފީއެއް ބޯނަން؟..." ޒަޔާން ތެދުވިއެވެ.

އެނގިގެންދިޔަ ހަގީގަތެއްގެ ސަބަބުން މާޔޫސްވެފައިވާ ޒަޔާނުގެ ހިތަށް ހަމަޖެހުމެއް ހޯދަން އޭނާ ބޭނުންވިއެވެ. ލިބުނު ފުރުސަތުގެ ބޭނުންހިފައި މިޒްޔަލާއި ގާތް ގުޅުމެއް އުފައްދަން އެއަށްވުރެ ރަނގަޅު ފުރުސަތެއް ދެން ނުލިބޭނެއެވެ. ޒަޔާންގެ ނިދި ވަނީ ފިލައިގެން ގޮސްފައެވެ. މިޒްޔަލާއި ވާހަކަ ދައްކާލުމުން ހިތަށް ތަސައްލީއެއް ލިބިގެން ހިނގައިދާނެކަމަށް އޭނާގެ ހިތް ބުންޏެވެ.

********

ނާޒިރާ ފެންވަރައިގެން ނުކުތްއިރު، ސައީދު އޮތީ ނިދާފައެވެ. ފެންވަރައިގެން ނޫނީ ނުނިދާ ސައީދު އެއްޗެހިވެސް ބަދަލުނުކޮށް އޮތުމުން، ނާޒިރާ ހުރީ ޝައްކެއްގެ މަތީގައެވެ. އަނެއްކޮޅުން، ކިތަންމެ ލަސްވިޔަސް، ނާޒިރާ އަންނަންދެން ސައީދު ނުނިދާ މަޑުކުރާނެއެވެ. ސައީދުގެ މަގަތުގައި އިށީނުމަށްފަހު، ނާޒިރާ ސައީދަށް ގޮވައިލިއެވެ.

"މިރޭ އެއްޗެހިވެސް ބަދަލުނުކޮށްތަ ނިދަނީ؟..." ސައީދު ލޯ ހުޅުވައިލުމުން، ނާޒިރާ ބުންޏެވެ.

ސައީދުގެ ދެލޮލުގައިވީ ރަތްކަމެވެ. މޫނުމަތިވެސް ހުރީ ދުޅަވެފައެވެ. ނާޒިރާ ސައީދުގެ ނިތްކުރީގައި އަތް ޖައްސައިލިއެވެ. އޭނާ ހީކުރިގޮތަށް ސައީދު އޮތީ ހުން އައިސްފައެވެ.

"ހާދަ ހުންގަދައޭ... ޑޮކްޓަރަށް ދައްކަން ދާންވީނު..." ނާޒިރާ އެދުނެވެ.

"ބޭސްގުޅައެއް ކައިގެން މިއޮތީ... ނިދާލަން ބޭނުމީ..." ސައީދު އޮތީ އުނދަގޫވެފައެވެ.

"އޯކޭ... ނިދާލާ...." ނާޒިރާ ތެދުވެގެން ގޮސް ޑްރެސިންގް ޓޭބަލުގެ ކައިރީގައި ހުއްޓުނެވެ.

ސައީދަށް ކޮންމެވެސް ކަމެއް ވެއްޖެކަން ނާޒިރާއަށް އެނގުނެވެ. އޭނާގެ ހިތުގައި އޮތް ޝައްކު އިތުރުވިއެވެ. ސައީދަށް ކަމެއް އެނގުނީ ހެއްޔެވެ؟ ނޫނީ ނާޒިރާއަށް ޝައްކު ކުރަނީ ހެއްޔެވެ؟

ސައީދު އޮތީ ނޭވާލާންވެސް ބޭނުންނުވެފައެވެ. ހިނގައިދިޔަ ކަންތަކަށްފަހު، ނާޒިރާ އާއި ހަތަރުކަޅި ހަމަކުރާކަށްވެސް އޭނާއަށް ފަސޭހައެއް ނޫނެވެ. ކުއްލިއަކަށް އެނގުނު ހަގީގަތެއްގެ ސަބަބުން، ސައީދުގެ ސިކުނޑީގައި އުފެދިފައިވީ ވަރުގަދަ ހައިޖާނުގަނޑެކެވެ.

********

ފަތިހު ފަތިހާ ހޭލައިގެން މިޒްޔަލް ނުކުތެވެ. ހެނދުނު ޓީޝާޓަކާއި ސޯޓުކޮޅެއް ލައިގެން އުޅޭ މިޒްޔަލް މިއަދު ހުރީ، އަތްދިގު ގަމީސް ލައި ބެގީވެސް ކޮށްފައެވެ. ގަމީހުގެ އަތުކުރި އުޅަނބޮއްޓާއި ހަމައަށް އޮޅާލާފައި އޮތްއިރު، ނުހަނު ފިރެހެންވަންތައެވެ. ބޮލުގެ އިސްތަށިގަނޑުވެސް ހުރީ، ސްޓައިލްކޮށްލާފައެވެ. ބިންޔާ ހޭލައިގެން ނުކުތީ، މިޒްޔަލް އެ ކޮޓަރި ދޮރުމަތިން ކުރުކާލި ކަނޑާތާ އެތައް އިރެއް ފަހުންނެވެ.

ސިޓިންގްރޫމު ސޯފާގައި ޒަޔާނާއި އޭނާގެ އެކުވެރިއަކު އިނެވެ. މިޒްޔަލް އުޅޭގޮތުން ޒަޔާންގެ އެކުވެރިޔާވެސް އިނީ އަޖައިބުވެފައެވެ.

އާފުރެމުން ނުކުތް ބިންޔާ ހުރީ ނިދިން ހޭލިގޮތަށެވެ. ކުރު ޓީޝާޓުކޮޅަކާއި، ކަކުލާއި ހަމައަށް އަރާ ސޯޓުކޮޅުގައެވެ. ކަރުބޮޑު ޓީޝާޓުކޮޅުގައި ބިންޔާގެ ކަނދުރާއިން ބޮޑު ބައެއް އޮތީ ފެންނާށެވެ. ބިންޔާގެ ބޮލުގެ އިސްތަށިގަނޑު ހޭވިފައިވާއިރު، އޭރުވެސް ހުރީ ދެލޯ މަރައިގެންނެވެ. އިސްތަށިގަނޑު މައްޗަށް ނަގައި، ވޫލުކޮޅަކުން އައްސަމުން، ބިންޔާ އާފުރިލިއެވެ. ބިންޔާގެ ދޮން ކަނދުރާ އެއްކޮށް ހާމަވިއެވެ.

މިޒްޔަލްގެ އިތުރުން ޒަޔާނާއި އޭނާގެ އެކުވެރިޔާވެސް ތިބީ ހައިރާންވެފައި ބިންޔާއަށް ބަލާށެވެ. ބިންޔާ ހުރީ ރަނގަޅަށްވެސް ނިދާފައެވެ. ނޫނީ ހުރެވުނީ ކޮންތާކުކަން އޭނާއަށް ނޭނގުނީއެވެ.

ބިންޔާ އާފުރެމުން ދެއަތް ދަމައިލިއެވެ. އޭނާ ލޯ ހުޅުވައިލީ އޭގެ ފަހުގައެވެ. ބިންޔާއަށް ފުރަތަމަ ފެނުނީ ކައިރީގައި ހުރި މިޒްޔަލެވެ. އޭގެ ފަހުގައި ސޯފާގައި ތިބި ދެމީހުންނެވެ. ބިންޔާގެ ދެލޯ ބޮޑުވިއެވެ. ހުރެވުނީ ކޮންތާކުކަން އެނގޭ ފަދައިން އޭނާ ދުވެފައި ގޮސް ކޮޓަރިއަށް ވަދެ، ދޮރު ޖެހިއެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު