ގްރީން ޕާޓީއަކީ އާންމުންގެ ޕާޓީއެއް، ޒުވާނުންގެ ތަރުހީބު ބޮޑު: ޖާބިރު

އަބްދުﷲ ޖާބިރު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ގްރީން ޕާޓީއަކީ އާންމު މެންބަރުން ބާރުވެރި ކުރުވާ، އެ މެންބަރުންގެ ޕާޓީއެއް ކަމަށާއި އެ ޕާޓީއަށް ޒުވާނުންގެ ތަރުހީބު ބޮޑު ކަމަށް އެ ޕާޓީ އުފަންކުރުމުގައި އިސްކޮށް އުޅުއްވާ ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ގްރީން ޕާޓީ އުފެއްދުމުގެ މަސައްކަތާ ގުޅޭ ގޮތުން މިއަދު "ސަން"އާ ވާހަކަދައްކަވަމުން ޖާބިރު ވިދާޅުވީ އެ މަސައްކަތަށް ޒުވާނުންގެ ތަރުހީބު ބޮޑު ކަމަށް ފާހަގަކުރެއްވޭ ކަމަށެވެ. އެ ޕާޓީ އުފެއްދުމުގެ މަސައްކަތް ކުރުމަށް މި މަހު 13ވަނަ ދުވަހު އިލެކްޝަންސް ކޮމިޝަނުން ވަނީ ހުއްދަ ދީފައެވެ.

"ގްރީން ޕާޓީއަށް މިހާރު 1800އެއްހާ މީހުން ސޮއިކޮށްފި. އެހެންވީމަ އެ ދަނީ ކުރަމުން، 3000 [މެންބަރުން] ހަމަ ކުރުމުގެ މަސައްކަތް މިހާރު ކުރިއަށް ދަނީ،" އޭނާ ވިދާޅުވިއެވެ.

ސިޔާސީ ޕާޓީ އުފެއްދުމުގެ ހުއްދަ ދިނުމަށް ފަހުގައި ޕާޓީއަށް ބޭނުންވާ އަސާސީ އަދަދަށް މެންބަރުން ހަމަކުރުމަށް ތިން މަސް ދުވަހުގެ މުހުލަތެއް ދެއެވެ. އަދި، އެ މުއްދަތުގައި ވެސް އަދަދު ހަމަ ނުކުރެވިއްޖެ ނަމަ، އާންމު ގޮތެއްގައި އިތުރު ތިން މަސް ދުވަހުގެ މުއްދަތެއް ދެއެވެ.

"އަޅުގަނޑަށް ފާހަގަ ކުރެވޭ ޒުވާނުންގެ ވަރަށް ތާއީދު އެބައޮތް ކަމަށް. އަދި ގިނައިން ވަންނަނީ ޒުވާނުން ވީމާ، އަދި އެހެނިހެން ފަރާތްތަކާ އެކީ ވެސް ވާހަކަދައްކައިގެން އަޅުގަނޑުމެން ކުރިއަށް މި ދަނީ،" ޖާބިރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ޕާޓީ އުފެއްދުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށާއި ރާއްޖޭގައި މިހާރު ހުރި އެހެން ސިޔާސީ ޕާޓީތަކާ ގްރީން ޕާޓީ ތަފާތު ވާނެ ކަމަށެވެ.

މިގޮތުން އެ ޕާޓީގެ ސިޔާސީ އާންމު މެންބަރުން ބާރުވެރި ކުރުވުން ފާހަގަކުރެވޭ ކަމަށް އޭނާ ވިދާޅުވިއެވެ. މިހާރުގެ ސިޔާސީ ޕާޓީތައް ހިންގަނީ ވަކި ބޭފުޅެއްގެ މިލްކިއްޔާތެއްގެ ގޮތުގައި ކަމަށާއި ރާއްޖޭން އެ ސަގާފަތް ނައްތާލަން ޖެހޭކަން ފާހަގަކުރައްވައި އެނާ ވިދާޅުވީ ގްރީން ޕާޓީ ވެގެންދާނީ އެ ސަގާފަތް ބަދަލުކޮށްލާނެ ޕާޓީއަށް ކަމަށެވެ.

"އަޅުގަނޑުމެންގެ ވިސްނުމަކީ ގްރާސް ރޫޓް ބާރުވެރިކުރުވުން. ޕާޓީއެއްގެ ސިފައިގައި އަދި އެއްވެސް ޕާޓީއެއް ހިނގާތަނެއް ނުފެނޭ. އެ ޕާޓީއެއް ކޮންމެވެސް މީހެއްގެ މިލްކިއްޔާތެއްގެ ގޮތުގައި އޮޕަރޭޓު ކުރަނީ،" ޖާބިރު ވިދާޅުވިއެވެ.

އޭނާ ގަބޫލުކުރައްވާ ގޮތުގައި ރާއްޖޭގައި އެއްވެސް ޕާޓީއަކަށް ތާއީދުނުކުރާ މެންބަރުން ގިނައީ ހަގީގީ މާނައިގައި ހިންގޭ ސިޔާސީ ޕާޓީތައް ނެތުމުން ކަމަށެވެ. އެކަން ބަދަލުކުރެވޭނީ އާ ޚިޔާލެއް އުފަން ކުރެވިގެން ކަމަށް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް