ރާއްޖެއާއި އިނގިރޭސިވިލާތުގެ އިސް މަންދޫބުންގެ ސްޓްރެޓިޖިކް ޑަޔަލޮގް ބާއްވައިފި

ދިވެހިރާއްޖެއާއި އިނގިރޭސިވިލާތުގެ އިސް މަންދޫބުންގެ މެދުގައި ބޭއްވޭ ފުރަތަމަ ސްޓްރެޓިޖިކް ޑަޔަލޮގް އިއްޔެ މާލޭގައި ބާއްވައިފި -- ފޮޓޯ/ ފޮރިން މިނިސްޓްރީ

ދިވެހިރާއްޖެއާއި އިނގިރޭސިވިލާތުގެ އިސް މަންދޫބުންގެ މެދުގައި ބޭއްވި ފުރަތަމަ ސްޓްރެޓިޖިކް ޑަޔަލޮގް އިއްޔެ މާލޭގައި ބާއްވައިފިއެވެ.

މިޑަޔަލޮގުތަކުގެ ބޭނުމަކީ ދެޤައުމުން ވެސް އެއް ޤައުމު އަނެއް ޤައުމަށް އެންމެ ބޭނުންވާ އަދި އެންމެ މުހިއްމު ކަންކަން ރަނގަޅަށް ދެނެގަނެ ދެޤައުމަށް ވެސް ފައިދާހުރި ގޮތެއްގައި އެކި ކަންކަމުގައި އެއްބާރުލުން ދިނުމަށް މަގުފަހިކޮށް ދޭދޭ ގުޅުންތައް އިތުރަށް ބަދަހިކުރުމެވެ.

މި ބައްދަލުވުމުގައި މަޝްވަރާކޮށްފައިވާ ދާއިރާތަކުގެ ތެރޭގައި އިޤްތިޞާދީ އަދި ވިޔަފާރީގެ ގުޅުން ބަދަހިކުރުމާއި، ސަލާމަތީ ދާއިރާއިން ގުޅުން ބަދަހިކުރުމާއި, ވެރިކަމާއި ޑިމޮކްރަސީއާއި, އިންސާނީ ޙައްޤުތަކާއި, ޤާނޫނީ ވެރިކަމާއި, ތިމާވެއްޓާއި މޫސުމީ ބަދަލުތަކާއި, މަތީ ތަޢުލީމާއި ވިސާ އަދި ހިޖުރަކުރުމާއި ސަރަހައްދީ އަދި ބައިނަލްއަޤުވާމީ ފެންވަރުގައި އެއްބާރުލުން ދިނުން ހިމެނެއެވެ.

މި ޑަޔަލޮގުގެ މަޝްވަރާތަކަށްފަހު ދެޤައުމުން ވެސް ވަނީ ކަނޑުމަތީގެ ސަލާމަތާ ގުޅޭގޮތުންނާއި ވިޔަފާރިއާ ގުޅޭގޮތުން ރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދު ވޯކިން ގްރޫޕްތަކެއް ހެދުމަށް ނިންމާފައެވެ.

މީގެ އިތުރުން އިނގިރޭސިވިލާތުގެ "ބްލޫ ޕްލެނެޓް ފަންޑް"ގެ ދަށުން "އޯޝަން ކަންޓްރީ ޕާޓްނާޝިޕް ޕްރޮގްރާމް"ގެ ފަހުމުނާމާއެއްގައި ވެސް ވަނީ ސޮއި ކޮށްފައެވެ.

މި ބައްދަލުވުމުގައި ދެ ޤައުމުން ވަނީ ދެ ޤައުމުގެ މެދުގައިވާ ގާތް ދޭދޭ ގުޅުންތައް ދަމަހައްޓައި ހަރުދަނާ ކުރުމުގެ މުހިއްމުކަމާ ގުޅޭގޮތުން މަޝްވަރާކޮށް އެކަން ކުރިއެރުވުމަށްޓަކައި ކޮންމެ އަހަރަކު ވެސް މިފަދަ ސްޓްރެޓިޖިކް ޑަޔަލޮގެއް ބޭއްވުމަށް އެއްބަސްވެފައެވެ.

އިނގިރޭސިވިލާތުން ވަނީ ކޮމަންވެލްތު އަދި ތަރައްޤީ ވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ މެމްބަރެއްގެ ޙައިސިއްޔަތުން ރާއްޖޭގެ މުހިއްމުކަން ފާހަގަކޮށްފައެވެ.

މިޑަޔަލޮގުގެ މަޝްވަރާތަކުގައި ދެޤައުމުން ވެސް ވަނީ ގިނަ ކަންތައްތަކެއް މަޝްވަރާކޮށްފައެވެ. އޭގެ ތެރޭގައި:

  • މަހުގެ އާބާދީއަށް ނުކަތާ ވަރަށް މަސް ބޭނުމުގެ ސަބަބުން ކަނޑުތަކުގެ ދިރުންތަކަށާއި މާހައުލަށް ލިބޭ ގެއްލުންތައް ފާހަގަކޮށް ކަނޑުތައް ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަށްޓަކައި ދެމެހެއްޓެނިވި މަސްވެރިކަން ކުރިއެރުވުމަށް މަސައްކަތްކުރުން.
  • ޤާނޫނާ ޚިލާފަށް ކުރާ މަސްވެރިކަމާއި، ރިޕޯޓުނުކުރާ މަސްވެރިކަން އަދި ގަވައިދުތަކެއް ނުހަދައި ކުރެވޭ މަސްވެރިކަމާ ދެކޮޅަށް ބައިނަލްއަޤުވާމީ ފެންވަރުގައި ކުރެވޭ މަސައްކަތްތަކުގައި ރާއްޖެއާއި އިނގިރޭސިވިލާތުން އެއްބާރުލުން ދިނުމަށް ދެޤައުމުން މަސައްކަތްކުރުން.
  • ތަޢުލީމީ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ ގޮތުން ދެޤައުމުން ރާއްޖޭގެ މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނާ ގުޅިގެން، ރާއްޖެއަށް ލިބޭ ސްކޮލާޝިޕް ފުރުޞަތުތައް އިތުރުކުރުމާ އިނގިރޭސިވިލާތުގައި ތަޢުލީމު ހާސިލުކުރަމުންދާ ދިވެހި ދަރިވަރުންނަށް ވިސާ ހޯދުމުގައި އެހީފޯރުކޮށްދެވޭނެ ގޮތްތައް.
  • އިނގިރޭސިވިލާތުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ނިސްބަތް އިތުރު ކުރުމަށާއި ތަފާތު ފަންތިތަކުގައި އެއްބާރުލުން އިތުރުކުރުމަށާއި ސަޤާފީ ދާއިރާއިން ގުޅުން ބަދަހިކުރުމަށާއި ދެޤައުމުގެ މެދުގައި ރަޙުމަތްތެރިކަމުގެ ގުޅުންތައް އިތުރުކުރުން.
  • ޓެރަރިޒަމްއާ ދެކޮޅަށް ކުރާ މަސައްކަތްތަކާއި ހައްދުފަހަނަ އެޅުން ހުއްޓުވުމަށް ކުރާ މަސައްކަތްތަކުގައި ދެ ޤައުމު ގުޅިގެން މަސައްކަތް ކުރުން.

ހަރުކަށި ފިކުރު ހުއްޓުވާ އެކަމާ ދެކޮޅަށް ޤައުމީ ފެންވަރުގައި މަސައްކަތްކުރުމަށް އެކުލަވާލާފައިވާ ޤައުމީ އެކްޝަން ޕްލޭން ތަންފީޒުކުރުމުގައި ހޯދިފައިވާ ކުރިއެރުންތައް މިބައްދަލުވުމުގައި ރާއްޖެއިން ވަނީ ހުށަހަޅާފައެވެ. އަދި ސަލާމަތީ ދާއިރާއިން މިހާރު ހުރި ގޮންޖެހުންތަކާއި، ކަނޑުމަތީގެ ސަލާމަތްތެރިކަމާއި ރާއްޖޭގެ ސަރަހައްދުގައި ހިމެނޭ ކަންކަން ބެލެހެއްޓުން ހިމެނެއެވެ.

މީގެއިތުރުން ރާއްޖެއިން ވަނީ ސަލާމަތީ ދާއިރާއިން އިނގިރޭސިވިލާތުން ފޯރުކޮށްދޭ އެހީތެރިކަމަށް ޝުކުރު އަދާކޮށްފައެވެ. އެގޮތުން، ޖޮއިންޓް އިންޓައޭޖެންސީ އޮޕަރޭޝަންސް ސެންޓަރަށް ބޭނުންވާ ފަންނީ އެހީތަކާއި ޓެރަރިޒަމްއާ ދެކޮޅަށް ހިންގޭ ޙަރަކާތްތަކުގެ ތަމްރީނުތަކާއި ލައިވް އެކްސަސައިޒްތަކަށް އިނގިރޭސިވިލާތުން ފޯރުކޮށްދޭ އެހީތެރިކަން ވަނީ ފާހަގަކޮށްފައެވެ. އަދި ދެޤައުމުން ވެސް ވަނީ މިދާއިރާއިން މިހާރު ދެމުންދާ އެއްބާރުލުން އިތުރު ކުރުމަށް އެއްބަސްވެފައެވެ.

ފާއިތުވި އަހަރު ބޭއްވުނު ކޮޕް27ގައި ޤާއިމުކުރެވުނު "ލޮސް އެންޑް ޑެމެޖް" ފަންޑުގެ މުހިއްމުކަން ފާހަގަކޮށް އެފަންޑު ވީހާވެސް އަވަހަށް ބޭނުންކުރެވޭނެ އިންތިޒާމުތައް ޤާއިމުކުރުމަށް ދެޤައުމުން ގުޅިގެން މަސައްކަތްކުރުމަށް ވެސް ވަނީ މަޝްވަރާކޮށްފައެވެ.

އިންޑިއާ ކަނޑުގެ ސަރަޙައްދާ ގުޅޭގޮތުންނާއި އެސަރަޙައްދުގެ ކަނޑުމަތީގެ ސަލާމަތާ ގުޅޭ ގޮތުންނާއި ބައިނަލްއަޤުވަމީ އެހެނިހެން ފޯރަމްތައް ކަމަށްވާ ކޮމަންވެލްތާއި އ.ދ.ގައި ދެޤައުމުން ދޭ އެއްބާރުލުން އިތުރަށް ހަރުދަނާކުރުމަށް ވެސް މިބައްދަލުވުމުގައި ވަނީ މަޝްވަރާކޮށްފައެވެ. އަދި ރާއްޖޭގެ ޚާރިޖީ ވަޒީރު، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ޢަބްދުﷲ ޝާހިދު، އ.ދ.ގެ ޢާއްމު މަޖިލީހުގެ 76ވަނަ ދައުރުގެ ރައީސްގެ ޙައިސިއްޔަތުން ކުރައްވާފައިވާ އަގުހުރި މަސައްކަތްތައް ފާހަގަކޮށް އިނގިރޭސިވިލާތުން ވަނީ ރާއްޖެއަށް މަރުޙަބާ ކިޔާފައެވެ.

ދިވެހިރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދު ބޭއްވުނު ފުރަތަމަ ސްޓްރެޓީޖިކް ޑައިލޮގް ބާއްވާފައިވަނީ ހައިބްރިޑް ފޯމެޓަށެވެ. މިބައްދަލުވުމުގެ މަޝްވަރާތަކުގައި ރާއްޖޭގެ ފަރާތުން އިސްކޮށް ހުންނެވީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ސެކްރެޓަރީ، ބައިލެޓެރަލް ޑރ. ޙާލާ ޙަމީދެވެ.

ދިވެހިރާއްޖޭގެ ފަރާތުން ދެން ބައިވެރި ވެފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި މޯލްޑިވްސް ޕޮލިސް ސާވިސް އާއި ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރާއި އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑާއި ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރުންގެ އޮފީހުގެ އިތުރުން މިނިސްޓްރީތަކުގެ އިސް އޮފިޝަލުންނެވެ.

އިނގިރޭސިވިލާތުގެ ފަރާތުން މިބައްދަލުވުމުގެ މަޝްވަރާތަކުގައި އިސްކޮށް ހުންނެވީ އެޤައުމުގެ ފޮރިން، ކޮމަންވެލްތު އެންޑް ޑިވެލޮޕްމަންޓް އޮފީހުގެ އިންޑިއާ އަދި އިންޑިއަން އޯޝަން ޑިރެކްޓަރޭޓްގެ ޑިރެކްޓަރ، ބެން މެލޯއެވެ.

އިނގިރޭސިވިލާތުގެ ފަރާތުން ދެން މިބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންފައިވަނީ އެޤައުމުގެ ޑިޕާޓްމަންޓް ފޯ އެންވަޔަރަމަންޓް، ފުޑް އެންޑް ރޫރަލް އެފެއާޒް އާއި މިނިސްޓްރީ އޮފް ޑިފެންސް އާއި ޑިޕާޓްމަންޓް ފޯ ޓްރާންސްޕޯޓްގެ އިސް އޮފިޝަލުންނެވެ.

comment ކޮމެންޓް