ރެއާލް މެޑްރިޑާ ދެކޮޅަށް ނިކުންނައިރު ލިވަޕޫލް އޮތީ ރަނގަޅު ހާލަތެއްގައި: ކްލޮޕް

ލިވަޕޫލް ކޯޗް ކޮލްޕް--- ފޮޓޯ/ބީބީސީ

ޔުއެފާ ޗެމްޕިއަންސްލީގްގައި ސްޕެއިންގެ ރެއަލް މެޑްރިޑާ ދެކޮޅަށް ލިވަޕޫލް މިރޭ ނިކުންނައިރު، ލިވަޕޫލް އޮތީ ވަރަށް ރަނގަޅު ހާލަތެއްގައި ކަމަށް އެޓީމްގެ ކޯޗު ޔާގަން ކްލޮޕް ބުނެފިއެވެ.

މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަދައްކަމުން ކްލޮޕް ބުނީ، އެންފީލްޑްގައި މިރޭ ރެއާލް މެޑްރިޑާ ދެކޮޅަށް ނިކުންނަ މި މެޗަކީ ވަރަށް ވަރުގަދަ ވެގެންދާނެ މެޗަކަށް ވާނެކަމަށާއި، މެޗަށް ލިވަޕޫލް އޮތީ ވަރަށް ރަނގަޅަށް ތައްޔާރުވެގެން ކަމަށެވެ. ކްލޮޕް ބުނީ މިއީ ލިވަޕޫލް އެންމެ ރަނގަޅު ފޯމެއްގައި އޮތް ވަގުތުކަމަށާއި، އޭނާގެ ޓީމް އޮތީ ރެއަލް މެޑްރިޑާ ވާދަކުރެވޭ ފަދަ ހާލަތެއްގައި ކަމަށެވެ.

"މީގެ ހަތަރު ވަރަކަށް ހަފުތާގެ ކުރިއަށް ބަލާއިރު، އޭރު އަހަރެމެން ތިބި ހާލަތެއްގައި ނޫން މިހާރު މިތިބީ. ލިވަޕޫލް އެންމެ ފަހުން ކުޅުނު ދެ މެޗްވެސް މިވަނީ ރަނގަޅު ނަތީޖާއަކުން ކާމިޔާބުކޮށްފައި" ކްލޮޕް ބުންޏެވެ.

ލިވަޕޫލާ ބެހޭގޮތުން ކޯޗް ބުނީ، އަނިޔާގެ ސަބަބުން ޓީމާ ދުރުގައި ތިބި ޖޮޓާ، ފިރްމީނޯ، ވެންޑައިކް ފަދަ މުހިއްމު ކުޅުންތެރިންވެސް ސްކޮޑާ ގުޅިފައިވާކަމަށެވެ. މިއީ ޓީމަށް ލިބިގެންދާނެ ވަރަށްބޮޑު ކުރިއެރުމަކަށް ވާނެކަމަށް ކޮލްޕް ފާހަގަކުރިއެވެ.

މިރޭގެ މެޗާ ބެހޭގޮތުން ނޫސްވެރިންނާ ވާހަކަދައްކަމުން ރެއާލްގެ ކޯޗު ކާލޯ އެންޗެލޮއްޓީ ބުނީ ޓީމުގެ ބައެއް މުހިއްމު ކުޅުންތެރިން ބަލިވުން ފިޔަވައި އިތުރު މައްސަލަތަކެއް ނެތްކަމަށެވެ. މިގޮތުން ޓޯނީ ކްރޫޒް، ޗުއާމެނީ ނެތުމަކީ ޓީމަށް އޮތް ދެރައެއް ނަމަވެސް މި ކުޅުންތެރިންނާ ނުލައި ޓީމުން ރަނގަޅު ތަޖުރިބާތަކެއް ކޮށްފައިވާކަމަށް އެންޗެލޮއްޓީ ފާހަގަކުރިއެވެ.

ރެއަލް މެޑްރިޑްގެ ކޯޗް އެންޗެލޮއްޓީ--- ފޮޓޯ/ލިވަޕޫލް

ޗެމްޕިއަންސް ލީގްގެ ތާރީހަށް ބަލާއިރު، މި މުބާރާތުގައި މި ދެޓީމްގެ ކުރިމަތިލުންތައް ފެނިގެންދިޔައީ ވަރަށް ވާދަވެރިކޮށެވެ.

މުބާރާތުގައި މި ދެޓީމް ބައްދަލުކުރުންތަކުގެ ތާރީހަށް ބަލާއިރު، ބުރަވެވެނީ ރެއާލް މެޑްރިޑްގެ ކޮޅަށެވެ. މުބާރާތުގެ ތާރީހަށް ބަލާއިރު، މި ދެޓީމް މިހާތަނަށް ނުވަ މެޗު ކުޅެފައިވާއިރު، އޭގެ ތެރެއިން ފަސް މެޗު ކާމިޔާބުކުރީ ރެއަލް މެޑްރިޑެވެ. އަނެއް ތިން މެޗު ލިވަޕޫލް ކާމިޔާބުކުރިއިރު، އެއް މެޗު ނިމުނީ އެއްވަރު ވެގެންނެވެ.

މުބާރާތުގައި ދެޓީމްގެ ކުރިމަތިލުންތަކަށް ބަލާއިރު، އެންމެ ތަފާތުބޮޑު ނަތީޖާއަކުން މޮޅުވެފައިވަނީ ލިވަޕޫލެވެ. އެއީ ސްޓީވަން ޖެރާޑުގެ ރަން ދުވަސްވަރެވެ. 2009/2008 ގެ ޗެމްޕިއަންސްލީގް ގަދަ 16 ވަނަ ބުރުގައި ލިވަޕޫލްގެ ދަނޑުގައި ކުޅުނު އެމެޗް ލިވަޕޫލް ކާމިޔާބުކުރީ 0-4 ގެ ނަތީޖާއަކުންނެވެ.

މި ދެޓީމް އެންމެ ފަހުން ބައްދަލުކޮށްފައިވަނީ މިދިޔަ އަހަރުގެ ޗެމްޕިއަންސްލީގް ފައިނަލުގައެވެ. އެފަހަރު ލިވަޕޫލް ބަލިކޮށް ރެއާލް މެޑްރިޑުން ތަށި އުފުލާލީ 1-0 ގެ ނަތީޖާއިންނެވެ.

ޗެމްޕިއަންސް ލީގްގައި މިރޭ ލިވަޕޫލާއި ރެއަލް މެޑްރިޑް ބައްދަލުކުރާ މެޗް ފަށާނީ ރާއްޖެ ގަޑިން ދަންވަރު 01:00 ގައެވެ. މިމެޗް ކުޅޭނީ ލިވަޕޫލްގެ އެންފީލްޑްގައެވެ.

comment ކޮމެންޓް