ހަންޏާމީދޫގައި ސާފް ބޯފެނުގެ ޚިދުމަތް ދޭން ފަށައިފި

އދ.ހަންޏާމީދޫ ގައި ސާފް ބޯފެނުގެ ޚިދުމަތް ދޭން ފެށުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--- ފޮޓޯ/ސްޓެލްކޯ

ސްޓެލްކޯއިން އދ. ހަންޏާމީދޫ ގައި ސާފް ބޯފެނުގެ ޚިދުމަތް ދޭން ފަށައިފިއެވެ.

ހަންޏާމީދޫއަށް ފެނުގެ ޚިދުމަތް އިއްޔެ ރަސްމީކޮށް އިފްތިތާހް ކޮށްދެއްވީ، އެރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި ސްޓެލްކޯގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ލަތީފާއި ހަންނާމީދޫ ކައުންސިލްގެ ރައީސް މޫސާ ނާޒިމެވެ.

ސާފް ބޯފެނުގެ ޚިދުމަތް ހަންޏާމީދޫގައި އިފްތިތާހްކުރުމާއެކު، ފެނުގެ ޚިދުމަތަށް އެދިފައިވާ އެރަށުގެ ހުރިހާ ގޭބިސީއަކާއި ވިޔަފާރީތަކަށް މިހާރު ފެނުގެ ޚިދުމަތް ލިބެމުންދާނޭކަމަށް ސްޓެލްކޯއިން ބުނެއެވެ.

މިވަގުތު ހަންޏާމީދޫގެ 170 ތަނަކަށް ފެނުގެ ޚިދުމަތް ދެމުންގެންދާކަމަށް ކައުންސިލުން ބުނެއެވެ. ހަންޏާމީދޫގައި މިހާރު ފެނުގެ ހިދުމަތަށް އެދިފައިވާ ފަރާތްތަކާއި، މި މަހުގެ ނިޔަލަށް ފެނުގެ ހިދުމަތަށް އެދޭ ފަރާތްތަކަށް އެއް ޓަނުގެ ފެން ހިލޭ ދިނުމަށް ނިންމާފައިވާކަމަށްވެސް ސްޓެލްކޯއިން ބުނެއެވެ.

ހަންޏާމީދޫގައި ސާފް ބޯފެނުގެ ދިނުމަށް ބޭނުންކުރާ ފެން ޕްލާންޓްތައް--- ފޮޓޯ/ސްޓެލްކޯ

ހަންޏާމީދޫގައި ފެނުގެ ޚިދުމަތް ދިނުމަށް ކުރިއަށްގެންދިޔަ މަޝްރޫޢުގެ އަމަލީ މަސައްކަތް ޤައުމީ ފެންކުންފުނި، އެމްޑަބްލިއުއެސްސީން ފަށާފައިވަނީ 2021 ވަނަ އަހަރުގެ އޭޕްރިލްމަހުއެވެ.

މި މަޝްރޫޢުގެ ދަށުން ހަ ކިލޯ މީޓަރު ދިގު ފެންހޮޅީގެ މައި ނެޓްވޯކެއް ޤާއިމްކޮށްފައިވާއިރު، ދެ އާރުއޯ ޕްލާންޓާއި، ފެން ރައްކާކުރުމަށް ތިން ތާނގީ ވަނީ ބަހައްޓާފައެވެ. މި މަޝްރޫޢުއަށް 21 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުވާނޭކަމަށް މީގެ ކުރިން ފެން ކުންފުނިން ވަނީ ބުނެފައެވެ.

ހަންޏާމީދޫގައި ޤާއިމްކޮށްފައިވާ ފެނުގެ ޚިދުމަތް ދިނުމާއި އެނޫންވެސް ކަންކަން ކުރިއަށްގެންދާނީ ސްޓެލްކޯއިންނެވެ.

comment ކޮމެންޓް