ލިލް މެޗުން ޕީއެސްޖީ ކުޅުންތެރިންގެ ނަފްސާނީ ހާލަތު ވަޒަންކުރެވުނު: ގަލްޓީއޭ

ލީގް ވަންގައި ޕީއެސްޖީ އާ ލިލް ބައްދަލުކުރި މެޗްގައި ޕީއެސްޖީ މޮޅުކޮށްދިން ގޯލް ޖެހުމަށްފަހު މެސީ--= ފޮޓޯ/ޕީއެސްޖީ

ފްރެންޗް ލީގް ވަންގައި ލިލް އާ ދެކޮޅަށް ކުޅުނު މެޗުގައި ނަފްސާނީގޮތުން ޓީމް އޮތް ހާލަތު ވަރަށް ރަނގަޅަށް ފެނިފައިވާކަމަށް ޕީއެސްޖީގެ ކޯޗު ކްރިސްޓޮފާ ގަލްޓީއޭ ބުނެފިއެވެ.

މެޗަށްފަހު ޕީއެސްޖީގެ ވެބްސައިޓަށް ދިން އިންޓަވިއުއެއްގައި ކޯޗު ކްރިސްޓޮފަރ ގަލްޓީއޭ ބުނީ، ލީގް ވަންގައި އިއްޔެ ލިލް އާ ދެކޮޅަށް ކުޅުނު މެޗުގައި ނަފްސާނީގޮތުން އޭނާގެ ކުޅުންތެރިން ތިބި ހާލަތު ވަރަށް ރަނގަޅަށް ވަޒަން ކުރެވިފައިވާ ކަމަށެވެ. ގަލްޓިއޭ ބުނީ މެޗުގެ އޮއިވަރު ބަދަލުވެގެން ދިޔައީ ހީވެސް ނުކުރާގޮތަކަށް ކަމަށާއި، 90 މިނެޓް ނިމިގެންދިޔަގޮތް ގަބޫލުކުރަންވެސް ދަތިކަމަށެވެ.

"ފުރަތަމަ އަހަރުމެން ލީޑް ނަގާފައިވަނިކޮށް ފަހަތުން އަރައި އެމީހުން ވަނީ މެޗުގެ ލީޑް ނަގާފައި. ނަމަވެސް މެޗު ނިމުނީ އަހަރެމެން މޮޅުވެގެން. މެޗުގެ އޮއިވަރު ދިޔަގޮތުން ނަފްސާނީގޮތުން އަހަރުމެން ކިތަންމެހާވެސް ވަރުގަދަކަން އެނގުނު،" ގަލްޓިއޭ ބުންޏެވެ.

ޕީއެސްޖީގެ ކޯޗް ގަލްޓީއޭ

ކޯޗު ބުނީ ލިލް މެޗުން ޕީއެސްޖީގެ ކުޅުންތެރިންނަށް ފިލާވަޅުތަކެއް ލިބިގެންދިޔަ ކަމަށާއި، ހާއްސަ ގޮތެއްގައި 90 މިނެޓް ނިމެންދެކަ މެޗަށް ސަމާލުކަން ދިނުމުގެ މުހިއްމުކަން އެނގިގެންދިޔަކަމަށް ކޯޗު ފާހަގަކުރިއެވެ.

މެޗާ ބެހޭގޮތުން ވާހަކަދައްކަމުން ޕީއެސްޖީގެ މިޑްފީލްޑަރު ވިޓިންހާ ބުނީ، މެޗު ދިޔައީ އެންމެ ބޭނުންވާ ގޮތަށް ނޫންކަމަށާއި، މިއަށްވުރެ ބޮޑަށް ރަނގަޅަށް މޮޅުވާން މަސައްކަތްކުރަން ޖެހޭކަމަށެވެ. މިއަދުގެ މެޗުން މޮޅުވީ މުޅި ޓީމް ކުރި މަސައްކަތުންކަން ފާހަގަކުރަމުން ވިޓިންހާ ބުނީ، މެޗުން މޮޅުވުމުގެ ރޫހް ހުންނަން ޖެހޭނީ ލިލް މެޗުން ފެނުނު ގޮތަކަށް ނޫންކަމަށެވެ.

"މެޗުން މޮޅުވުމަށް އަހަރެމެން ދޭ ސަމާލުކަން އިތުރުކުރަން އެބަޖެހޭ. އަހަރެމެން އަދި އެބަޖެހޭ ހޭލަން،" ވިޓިންހާ ބުންޏެވެ.

ފްރެންޗު ލީގް ވަންގައި އިއްޔެ ޕީއެސްޖީ އާއި ލިލް ބައްދަލުކުރި މި މެޗް އެންމެ ފަހުވަގުތު މެސީ ކާމިޔާބުކޮށްދިން ލަނޑާއެކު ޕީއެސްޖީ ކާމިޔާބުކުރީ 3-4 ގެ ނަތީޖާއަކުންނެވެ.

ލީގް ވަންގައި ޕީއެސްޖީ އާ ލިލް ބައްދަލުކުރި މެޗްގައި ޕީއެސްޖީ މޮޅުކޮށްދިން ގޯލް ޖެހުމަށްފަހު މެސީ--= ފޮޓޯ/ޕީއެސްޖީ

މެޗުގައި ޕީއެސްޖީން ދެ ލަނޑުގެ ލީޑެއް ނަގާފައިވަނިކޮށް، ލިލް އިން ވަނީ ފަހަތުން އަރައި ތިން ގޯލް ޖަހައި 87 ވަނަ މިނެޓާ ހަމަޔަށް ޕީއެސްޖީ ހާސްކަމުގެ ތެރެއަށް ވައްޓާލާފައެވެ.

މެޗުގައި އެންމެ ފުރަތަމަ ޕީއެސްޖީއަށް ލީޑް ލިބުނީ 11 ވަނަ މިނެޓް ތެރޭގައި ނޭމާ ތަނަވަސްކޮށްދިން ފުރުސަތެއްގައި އެމްބަޕޭ ކާމިޔާބުކޮށްދިން ލަނޑުންނެވެ. އޭގެ ހަ މިނެޓް ފަހުން ޕީއެސްޖީގެ ނޭމާ ވަނީ އިތުރު ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑަށްފަހު ނޭމާގެ ފައިގެ ކުޑަހުޅަށް ލިބުނު އަނިޔާއަކާ ގުޅިގެން އޭނާ ވަނީ ބަދަލުކޮށްފައެވެ.

އެންމެފަހުން ލިބުނު ރިޕޯޓްތަކަށް ބަލާއިރު، ނޭމާ ފައިގެ ކުޑަހުޅުގެ ކަށިގަނޑުގައި ރެނދުލާފައި ނުވިނަމަވެސް ލިބިފައިވާ އަނިޔާއަށް ބަލައި ގިނަ ދުވަސްތަކެއް ވަންދެން ކުޅުމާ ދުރުގައި ހުންނަން ޖެހޭނެއެވެ.

ލީގް ވަންގައި ޕީއެސްޖީ އާ ލިލް ބައްދަލުކުރިމެޗްގެ ތެރެއިން--- ފޮޓޯ/ޕީއެސްޖީ

ޕީއެސްޖީން ދެ ލަނޑުގެ ލީޑެއް ނަގާފައިވަނިކޮށް، 24 ވަނަ މިނެޓްތެރޭގައި ލިލްގެ އަންދްރޭ ގޮމޭޒް ޕެނަލްޓީ އޭރިއާ ތެރެއަށް ނަގައިދިން ބޯޅައެއް ޑިއަކީޓޭ ވަނީ ބޮލުން ގޯލްގެ ތެރެއަށް ފޮނުވާލައި މެޗުގެ ނަތީޖާ 1-2 އަށް ބަދަލުކޮށްފައެވެ.

އަދި ޖޮނަތަން ޑޭވިޑާއި ޖޮނަތަން ބަމްބާގެ ލަނޑުތަކުން މެޗުގެ ނަތީޖާ ވަނީ 3-2 އަށް ބަދަލުކޮށްލާފައެވެ. މި ނަތީޖާއިން މެޗު ނިމެންދަނިކޮށް ލިލްގެ އުއްމީދުތައް ގެއްލުނީ 87 ވަނަ މިނެޓްތެރޭގައި ކިލިއަން އެމްބަޕޭ ޖެހި ލަނޑުންނެވެ. އަދި އޭގެ ފަހުން މެޗްގެ އިތުރުވަގުތުގައި ލިބުނު ހިލޭ ޖެހުމަކުން މެސީ ވަނީ ޕީއެސްޖީގެ ކޮޅަށް މެޗުގެ ނަތީޖާ އަނބުރާލާފައެވެ.

މެޗަށްފަހު ފްރެންޗް ލީގް ޕޮއިންޓް ތާވަލް މިހާރު އޮތްގޮތަށް ބަލާއިރު، ކޮންމެ ޓީމެއްވެސް ވަނީ މިހާތަނަށް 24 މެޗް ކުޅެފައެވެ. ފްރެންޗް ލީގް ވަން ތާވަލްގެ އެއްވަނައިގައި 57 ޕޮއިންޓާއެކު ޕީއެސްޖީ އުޅޭއިރު، ދެވަނައިގައި އުޅެނީ 52 ޕޮއިންޓާއެކު މާސޭއެވެ. މެޗުން ބަލިވި ލިލް އުޅެނީ ތާވަލްގެ ހަވަނައިގައެވެ.

comment ކޮމެންޓް