ތިލަފުށިން ބިން ދޫކުރާނީ އެފްޑީއައިގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ކުންފުނިތަކަށް: އެޗްޑީސީ

ތިލަފުށީގެ ސެޓެލައިޓް ފޮޓޯއެއް -- ގޫގްލް މެޕްސް

ތިލަފުށިން ބިން ދޫކުރާނީ ސަރުކާރުގެ ފޮރިން ޑިރެކްޓް އިންވެންޓްމެންޓް ޕޮލިސީ (އެފްޑީއައި)ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ކުންފުނިތަކަށް އެކަނި ކަމަށް ހައުސިން ޑިވެލްޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ބުނެފިއެވެ.

ސިނާއީ މަސައްކަތްތަކުގެ ހަބެއްގެ ގޮތުގައި ތަރައްގީ ކުރަން ނިންމާފައިވާ ތިލަފުށީގައި އިންޑަސްޓްރިއަލް މަސައްކަތްތަކަށް 50 ބިން ވިއްކަން އެޗްޑީސީން އިއުލާންކުރީ މި މަހުގެ ހަތްވަނަ ދުވަހުއެވެ.

ބިންތައް ދޫކުރާއިރު 100 ޕަސެންޓު ދިވެހިން ހިއްސާވާ ކުންފުނިތަކަށް ބިން ވިއްކާ ގޮތަށް ވަނީ ނިންމާފައެވެ. ބޭރު ކުންފުނިތަކަށް ބިން ދޫކުރަނީ 99 އަހަރުގެ މުއްދަތަށެވެ.

ބޭރު ކުންފުނިތަކަށް ދިގު މުއްދަތަށް ބިން ދޫކުރަން އުޅުމާ ގުޅިގެން އެޗްޑީސީއަށާއި ސަރުކާރަށް ގިނަ ބައެއްގެ ނުރުހުމާއި ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. އޭގެ ތެރޭގައި އާއްމުންނާއި އިދިކޮޅު ސިޔާސީ ފަރާތްތަކާއި ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީގެ މީހުން ވެސް ހިމެނެއެވެ.

މި ފާޑުކިޔުންތަކާ ގުޅިގެން މީގެ ކުރިން ނެރުނު ބަޔާނެއްގައި އެޗްޑީސީން ބުނީ ބޭރު މީހުންނަށް ދޭނީ މަދު ބިންތަކެއް ކަމަށެވެ. އެހެން ނަމަވެސް، މިއީ މިހާރު ރާއްޖޭގައި ޕްރޮޖެކްޓުތައް ހިންގާ އިންޑިއާ ކުންފުނިތަކަށް ބިން ދޫކުރަން ވެގެން ކުރާ ކަމެއް ކަމަށް ބުނެ މިކަމާ ދެކޮޅު ފަރާތްތަކުން އަންނަނީ އެޗްޑީސީއަށް ފާޑުކިޔުން އަމާޒުކުރަމުންނެވެ.

މި ތުހުމަތުތަކާ ގުޅިގެން އެޗްޑީސީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ބޭރުގެ ވިޔަފާރިތަކަށް މި ބީލަމުގައި ބައިވެރިވެވޭނީ އެފްޑީއައިގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ކުންފުނިތަކަށް އެކަނި ކަމަށެވެ. އަދި ޕްރޮޖެކްޓް ބޭސިސްގައި ކޮންސްޓްރަކްޝަން މަޝްރޫއުތައް ހިންގަން ހުއްދަ ދީފައިވާ ކުންފުނިތަކަށް މި ބީލަމުގައި ބައިވެރި ނުވެވޭނެ ކަމަށް އެޗްޑީސީން ބުންޏެވެ.

އެޗްޑީސީން އިތުރަށް ބުނި ގޮތުގައި ބިން ކުއްޔަށް ނެގުމަށް ހުށަހަޅާ ބޭރުގެ ކުންފުނިތަކުން ބިން ބޭނުންކުރުމަށް ހުށަހަޅާފައިވާ އިންޑަސްޓްރިއަލް ބޭނުންތަކަކީ އެ ފަރާތްތަކަށް އެފްޑީއައި ޕޮލިސީގެ ދަށުން ހުއްދަ ދެވިފައިވާ ވިޔަފާރި ބޭނުންތަކެއްތޯ ބެލުމަށް އެޗްޑީސީ އާއި އިކޮނޮމިކް މިނިސްޓްރީ މަސައްކަތް ކޮށްގެން، ބީލަމުގެ ޕްރޮސެސްގެ ތެރެއިން ވެރިފައި ކުރާނެ ކަމަށެވެ.

ސިނާއީ ބޭނުންތަކަށް ތިލަފުށިން ބިންތައް ދޫކުރަނީ ވިޔަފާރިއަށް ހާއްސަ ސިނާއީ މަސައްކަތްތައް ކުރުމަށް ދިމާވެފައިވާ ދަތިތައް ހައްލުކުރުމުގެ ގޮތުން ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.

ތިލަފުށީގެ މާސްޓާޕްލޭންގެ ދަށުން އެޗްޑީސީން ގެންދަނީ ޖުމުލަ 150 ހެކްޓަރުގެ ބިން ތިލަފުށިން ހިއްކަން ތައްޔާރުވަމުންނެވެ.

comment ކޮމެންޓް