"ސޯފިއާ ޕެލެސް" ގެ ގިނަ ބޮކިތައް ނިވާލާފައިވުމުން އަނދިރިކަމުގެ ތެރެއަށް ގެނބިފައިވާގޮތުން އެގެ ފެންނަނީ ދާރުލްއާސާރުފަދަ ތަނެއްހެންނެވެ. ގޭގެ ވަށައިގެން ހިޔާ އަޅާފައިވާ ބޮޑެތި ގަސްތަކާއި ތަރުތީބެއްނެތި ފަޅާފައިވާ ވިނަތައް ހެކިދެނީ ބަގީޗާ ބަލަހައްޓާނެ ތަނެއް ނެތި ވީރާނާވެފައި އޮތްކަމެވެ. ރަންކުލައިގެ ތަރިތަކުން ފަޅުފިލުވާފައިވާ އުދަރެސް ސިއްރުން ފުރިފައިވާ ތަނެއްގެ ގޮތުގައި ރޭގަނޑުގެ އަނދިރިކަމުގެ ތެރެއިން ފައުޅުވާން ހުއްޓެވެ. މަޑުމަޑުން ޖެހެމުންދާ ވައިރޯޅިތަކުގެ ނާނާވެސް އިއްވަމުންދަނީ އުދަރެހުގެ ފަސާނާތަކެވެ. ފިނި ފަޒާއެކެވެ.

ކާރު ޕާކުކޮށްލާފައި ފޭބީ އިސްކޮޅުގައި ހަފޫޓް ހަތަރުވަރަކަށް އިންޗު ހުރި ކަސްރަތީ ހަށިގަނޑެއްގެ ވެރިއެކެވެ. އަތްދިގު ގަމީހަކާއި މުށިކުލައިގެ ފަޓުލޫނެއްގައި އެ ޒުވާނާ ހުރިއިރު ރަސްމީ ގޮތެއް ހުއްޓެވެ. އާދަޔާ ޚިލާފަށް ދިގު އެސްފިޔަތަކާއެކު ފެނުނު އަޅިކުލައަކަށް ދާ ކަޅިރަވައަކީ އަންހެންކުދިން ހިތްތައް ހަލާކުކުރުވާނެ ތޫނު ހަތިޔާރެކެވެ.

ދޮރުމަތީގައި އޭނަގެ ބޭބެ މިކާއިލް ހުރިތަން ފެނުމުން ފިޔަވަޅުތަކަށް ހުއްޓުން އެރިއެވެ. މީކައިލްއަކީ ސްމާޓް ރީތި މީހެކެވެ. އަގުބޮޑު ޓީޝާޓާއި ޖިންސް އަދި އަތުގައިވާ އެޕްލްގަޑިއާއި ރިހި އަނގޮޓިވެސް އޭނަގެ މުއްސަދިކަން އިޝްތިހާރުކުރާފަދައެވެ.މިގަޑީގައި މިކާއިލް ފެންނާނީ ކޮންމެވެސް މުހިއްމު ކަމެއްގައެވެ. މުހިއްމު ބައްދަލުވުމަކަށް ދަންވަރުގެ ވަގުތެއް އޭނައަކަށް ކަމަކުނުދެއެވެ. ޔަގީނުންވެސް މީކާއީލް އެހެރީ އޭނަގެ އިންތިޒާރުގައެވެ.

"އައި ވިޝް ކޮންމެވެސް ބޮލަށް ފަސޭހަ ކަމެއްގައި ދޮންބެ އައިއްޔާ. ވާހަކަދައްކާކަހަލަ މޫޑެއްނެތް...."އޭނަގެ ޟަމީރު ބުނަމުން ދިޔައެވެ.

ވަރުބަލިވެ އަރާމަށް ބޭނުންވެފައި ހުރި ވަގުތަކަށްވުމުން މިކާއިލް ފެނުނުކަމަށް ހަދާނުލާ އޭނަ ގެއަށް ވަންނާން ދަނިކޮށް މިކާއިލް އަތުގައި ހިފެހެއްޓިއެވެ.

"ޖަބްރީލް......ކުރިމަތީގައި ހުންނައިރުވެސް އިގްނޯ ތިކުރަނީ؟"

"އޯ.....އަހަންނަށް ވެއިޓްކޮށްގެން ތިހިރީ؟އިގްނޯ ކުރަނީއޭ ތިބުނި އެއްޗެއް ނުވިސްނުނު......" ޖަބްރީލް މިކާއިލްއަށް ބަލައިލީ އެއް ބުމަ އަރުވައިލަމުންނެވެ.

"ސާބަހޭ، މީހަކަށް މީހަކު އިގްނޯ ކުރެވޭނީ ތިވަރަށް އިނގޭ.ވަރަށް މުހިއްމު ވާހަކައެއް ބުނަންވެގެން މިއައީ............." މިކާއިލް ޖަބްރީލް ގެ ބުރަކަށީގައި ޖަހައިލިއެވެ."ހާދަ މީރުވަސް ދުވާ ސެންޓެކޭ ބްރޯ..."

"ގުޗީ ދަ އެލްކެމިސްޓް ގާޑަންހެން ހީވަނީ...." ޖަބްރީލް ސަލާމަަތްވާންވެގެން އެއްޗެކޭ ކިޔާފައި ކުރިއަށް ހިނގައިގަންނަން އުޅުނެވެ.

"ޔަގީނެއް ނުވޭ؟" މިކައިލް އަހައިލީ ސަމާސާ ގޮތަކަށެވެ.

"މިއީ ބްލޫ އެޓްލަސް އެޓެލާންޓިސް..." މިކާއިލް ގަމީހުގައި ވަސް ބަލައިލަމުން ބުނެލިއެވެ.

"އޯހް. އެހެންތަ.." ޖަބްރީލް އެހިއެވެ.

"ދޮންބެ ގެނެސްދޭ ސެންޓުތަކުން ޑްރެސިންޓޭބަލް މަތިފުރިފައި ހުންނަނީ އެހެންވީމަ ސެންޓުތައް ނޯޅޭވަރެއް ވެސް ނޫން ދޯ....."

"މިހާ ދަންގަޑިއެއްގައި ކީއްވެ؟ ބުނަން ތިއައީ އެވާހަކަތަ؟ ސެންޓުގެ ވާހަކަ؟"

"އާނ....ގޭގައި ހުރިއިރުވެސް ޖަބްރީލްގެ ސެންޓުގެ ވަސް އެހިސާބަށް ފޯރާތީ ނޯވެވިގެން ހަމަ އައީ..........."

މިކައިލްގެ ވާހަކަ ހުރީ ސަމާސާގޮތަކަށެވެ. ދެބެއިން އެކުގައި ސިޓިންރޫމަށް ވަދެ ދޮރު ލައްޕާލައިފިއެވެ. އެތަނުގައިވެސް ވަނީ އިހު ޒަމާނުގެ ފަރުނީޗަރުތަކެވެ. ރަތްކުލައިގެ ބޯ ދޫލައެކެވެ. ހައިވަކަރުން ހަދާފައިވާ ގޮނޑިތަކާއި ހަރުތަކެވެ. އެހަރުގަނޑުގައި އެތައް ފޮތްތަކެއް އަތުރާލާފައިވިއެވެ. އެއް ފަރާތުގައި އުދޯލި ގެއެކެވެ. މާމައާއި ކާފަގެ ހަނދާންތައް އާކުރުވާ ތަނެކެވެ.

"އަދިވެސް ކޮއްކޮ މި ގެ ހަދަން ޚިޔާލެއް ނުކުރަންތަ؟ މިހެން ބުންޏަސް އާސާރީ ތަކެއްޗަށް ލޯބިކުރާވަރު އެންމެ ރަގަޅަށް އެނގެނީ ދޮންބެއަށް...."

ޖަބްރީލް ގޮނޑީގެ ލެނގޭބައިގާ ބޯ އަޅައިލަމުން ލޯ މަރައިލިއެވެ. ގަމީހުގެ މަތީ ގޮށްތައް ނައްޓަންފެށިއެވެ.

"ހޫމް. ޑިއުޓީއިން އައިމަ ވަރުބަލިވެފައި ދޯ ހުންނާނީ. އެކަމަކު ދޮންބެ މިއައީ ވާހަކައެއް ބުނަން. އަނެއްހެން ބުނަންޏާ ޑިސްކަސްކޮށްލަންވެގެން. އިފް ޔޫ ކެން ގިވް މީ ފައިވް މިނިޓްސް....."

"ކެފެއިން ބޫސްޓެއް ބޭނުންވަނީ. އެބަ އަންނަން......."

އިރުގަނޑެއް ނުވަނީސް ޖަބްރީލް ނުކުތީ ތަންކޮޅެއް ތުނި ޓީޝާޓަކާއި ސޯޓެއްލައިގެންނެވެ. އިސްތަށިގަނޑު ކުޑަކޮށް ހޭވިގެން ނިތުމައްޗަށް ފައިބާފައިއޮތްއިރު އަތުގައި ކޮފީ ޖަގަކާއި ދެމަގެވެ. ފުޅާ ފެންޑާގައި ހިޔާކޮށްފައިވާ ބައިގާ ގޮދަޑި ޖެހި ސޯފާތައް ބަހައްޓާފައި ކުޑަ ކޮފީ މޭޒެއްވެސް ހުއްޓެވެ. ދެމީހުން ޖައްސައިލީ އެތަނުގައެވެ.

"ބްލެކް ކޮފީ ގެނައީ...."

"ޖަބްރީލްގެ މޫޑާއި ގުޅެނީ ތިކުލަވިއްޔަ....." މިކައިލް ކޮފީތަށިން ކޯވަރެއް ބޯލިއެވެ. " އެކަމަކު ކޮއްކޮ ޝެފަކަށް ވިނަމަ. އަމިއްލައަށް ކައްކާ މީރުކޮށް ކޮފީ ހަދަން އެނގެންޏާ އަންހެނުންވެސް ހާދަ އުފާވާނެއޭ. ސީރިއަސްކޮށް ކަޅު ކޮފީވެސް ވަރަށް މީރު..."

"ތެންކިއު......ސޯ........"

"ހޫމް..މިއައީ އެހެން ކަހަލަ ވާހަކައެއް ބުނަން......މިވާހަކަ ބުނީމަ މޫޑު އޮފް ނުވާނެކަމަށް އުއްމީދުކުރަން...މީހަކާއި އިންނާށޭ ނުބުނާނަން އިނގޭ... އެހެން ކިޔަންޏާ އިތުރަށް މޮޔަވެދާނެ. އަންހެނެއްގެ ހިޔަނިވެސް ހަޔާތަށް އެޅެން ބޭނުންނުވޭވިއްޔަ އެކަމަކު......."

"އެކަހަލަ ކަމަކާއި މިއައީ...މަންމަ ރާއްޖެ އަންނަންވެގެން.." ޖަބްރީލް ހިމޭނުން އިނުމުން މީކާއީލް އެ ޚަބަރު އިއްވައިލިއެވެ.

ޖަބްރީލްގެ މޫނަށް ވެރިވި ކުލަވަރާއިއެކު އަތް މުށްކެވިގެން ދިޔަތަން މިކާއިލްއަށް ފެނުނެވެ. ކޮފީތަށިވެސް މޭޒުމަތީގައި ބެހެއްޓުނީ ތަންކޮޅެއް ބާރަށެވެ. ކޮފީތަށިން ބަޔެއް ބުރައިގެން ގޮސް މޭޒުމަތި ހަޑިވުމުން މީކާއިލް ޓިޝޫއަކުން ފޮހެލިއެވެ.

"މަންމަގެ ފިރިމީހާ މަރުވީކަން ނޭގޭ. ޔަގީނެއްނޫން. އަންހެންކޮއްކޮއެއްވެސް އެބަހުރި. ދެ އަންހެނުންވީމަ.........މިބުނީ އެމީހުންނަށް ހިމާޔަތް ދޭނެ މީހެއް ބޭނުންވާނެތާ. އެއީ ނުރުހުނަސް އަހަރެމެންގެ ފެމިލީ ދޯ......" މިކާއިލް އިތުރަށް ބުނެލިއެވެ.

"ސޯ....ތިގޭގައި ބަހައްޓަންވީނު އެވަރުން ހިމާޔަތް ދޭހިތުން ދޮންބެ އުޅެންޏާ. ތެދަށް ބުނަންޏާ އަހަރެން ބޭނުމެއްނޫން އޭނަގެ ސޫރަދެކެން..."ޖަބްރީލް ކޮޅަށް ތެދުވުނެވެ."ދޮންބެ ތިއައީ އެވާހަކަ ދައްކަން ކަމަށް ވަންޏާ ނޫނީ އޭނަ މިގޭގައި ބަހައްޓަން ފޯސްކުރަން ކަމަށްވަންޏާ އެކަމެއްނުވާނެ. އަހަރެންގެ އެއްވެސް ހިޔާވައްސަކުން އޭނައަށް ޖާގައެއްނެތް. މިގެއަކީ އޭނަގެ ތަނެއް. އެކަމަކު މަށަށް ރެޖިސްޓްރީކޮށްދިނީމަ މިގެ މަށަށް ލިބުނީ. މިގެއަކަށްވެސް ދެން އޭނަގެ ހައްގެއްނެތް. މިއީވެސް މަގޭ މިލްކެއް..."

"ކާމް ޑައުން ލިޓްލް ބްރަދާ..."މިކާއިލް ތެދުވެ އަމާންދޭފަދަ ގޮތަކަށް އަތް އުފުލައިލިއެވެ. މީކާއިލް ވަރަށް ކިޔައިގެން ޖަބްރީލް އަނެއްކާ އިށީދެ ކޮފީތަށި ނެގިއެވެ.

"އޭނަ ކޮންމެވެސް އީވިލް ޕްލޭނެއް ހިފައިގެން އަނެއްކާ އަހަރެމެންގެ ދިރިއުޅުމަށް ކުރެވުނު ވަރު ކުޑަވެގެން އެނބުރި އަންނަނީ. އައިމް ޓެލިން ޔޫ. އޭނަ އަންނާނީ ކޮންމެވެސް ނުބައި ރޭވުމެއްގައި. އެހެންނޫންނަމަ އެތައް އަހަރެއްފަހުން މަށަށް އުދަގޫކުރާކަށް ނާންނާނެ....އޭނައަށް މިގެއަކު ނުހުރެވޭނެ. ދޮންބެ އޭނަ ތަނެއްގައި ބަހައްޓާ......................"

"އަހަރެންވެސް މަސައްކަތްކުރިން. ބައްޕައަށްވެސް ވާނެ ގޮތަކީ ދޮންމަންމަގެ ނުރުހުން ނެތި ކުއްލިއަކަށް ކުރީގެ އަންހެނުންނާއި ދޮންދަރިއެއް ހަމަ އަންނައިރަށް ގެއަކު ނުބެހެއްޓޭނެ ދޯ. އަހަރެންވެސް މަންމައަކާއި އެއްވެސް ގުޅުމެއް އޮތީއެއްނޫން. މަންމައާއިމެދު ހަމްދަރުވީވެގެނެއްނޫން. އަންހެނަކަށްވީތީ އިންސާނިއްޔަތަށްޓަކާ އެހީވާން ބޭނުންވީ. އެގޭގައި ހުރެވޭނެ ގޮތެއް އޮތްނަމަ ކޮއްކޮގެ ގާތަށް ނާންނާނަން................" މީކާއީލްގެ މުށިކުލައިގެ ލޮލުން ފައުޅުވަނީ ކަންބޮޑުވުމުގެ އަސަރުތަކެވެ." ބުނަން.....މަންމަ ބޭނުމީ ހަމަ މިގޭގައި ހުންނަން......"

"ރިއަލީ؟" ޖަބްރީލް މަލާމާތުގެ ގޮތަކަށް އަނގަޔަށް ހެދިއެވެ." އެހެންވީމަ އަހަރެން މިގެއިން ދަނީ........"

"ތިއީ ރަގަޅު ވިސްނުމެއް.."

"ވަޓް؟" ޖަބްރީލް ލޯބޮޑުކޮށްލިއެވެ.

"މިބުނީ ޔޫ ކެން ސްޓޭ ކޮންމެ ތާކުވެސް. އެކަމަކު ދެ އަންހެނުންނަށް ރައްކާތެރިކަން އިހުސާސްކުރެވޭ މާހައުލެއްގައި ތިބެވުން މުހިއްމު. މަންމަގެ ވިޝްއަކީ މިގޭގައި ހުރުން...އެހެންވީމަ ކީއްކުރާނީ؟ މެސެޖްކޮށްފައި ހަމަ އެންގީ މިގެއަށް އަންނާނަމޭ. ރިކުއެސްޓަކަށްވުރެ ބޮޑަށް ޑިމާންޑެއްގޮތަށް އެއައީ. މަންމަގެ ފާޑުން ހީވަނީ ހުއްދަ ނުލިބުނަސް ގަދަކަމުންވެސް މިގެއަށް ވަންނާނެހެން.. އެހެންވެ މަންމަ ދޭން އުޅޭ ވަރުގަދަ ސަޕްރައިޒުން ޝޮކެއް ލިބިދާނެތީ ކުރިން އަންގައިލީ..."

ޖަބްރީލްގެ ހުރިހާ ރުޅިއެއް ބޭލުނީ ކުށެއްނެތް އޭނަގެ ކޮފީ ތަށްޓަށެވެ. ބިއްލޫރި ތެޅި އަތުގެ އިނގިލިތައް ޒަޚަމްވެ ލޭ އޮހިގަތުމުން މިކާއިލް ހާސްކަމާއެކު އަވަހަށް ފޮތިގަނޑެއް އޮޅައިލިއެވެ.

"ޖަބްރީލް ކިހިނެއް ތިހަދަނީ؟"

"އައިމް ފައިން...މިހާރު ބޭނުމީ އެކަނިވެލަން....." ޖަބްރީލް ދުރުގައި ފިޔަވަޅު އަޅަމުން އޭނަގެ ކޮޓަރިއާއި ދިމާލަށް ހިނގައިގަތެވެ. ބިތުގައި ހަރުކޮށްފައިވާ ލެންޓަންތަކުގެ އޮރެންޖް އަލި އެޅި ޖާދޫއެއްފަދައިން ކޮރިޑޯވެސް ދުރުދުރަށް ދާންދެން ފެންނާން ހުއްޓެވެ. މީކާއީލް ފުންނޭވާއެއް ދޫކޮށްލިއެވެ. ޖަބްރީލްއާއި މަންމަގެ ދުޝްމިންކަމުގެ ފާރު ވައްޓައިލުމަކީ ގާތްގަނޑަކަށް މުސްތަހީލް ކަމެކެވެ. އެހާވެސް ބޮޑަށް ޖަބްރީލްގެ ހިތުގައި މަންމައަށްޓަކާ ނަފްރަތާއި ފޫހިކަން އުފެދިފައިވެއެވެ.

***

މީކާއީލްއާއި ޖަބްރީލްއަކީ އެއްބަނޑު ދެބެންކަމުގައި ވިޔަސް އުމުރުގެ ބޮޑުބައި ވޭތުކުރީ ދުރުގައެވެ. އެދެެބެންގެ މަންމަ ސޯފިއާގެ ފުރަތަމަ ކައިވެނި ކުރެވުނީ މަޝްހޫރު ވިޔަފާވެރިއަކާއެވެ. މީކާއިލް ކުޑައިރު އެކައިވެނި ރޫޅި އެކުއްޖާ ގޮވައިގެން ބައްޕަ ބޭރު ގައުމަކަށް ދިރިއުޅުން ބަދަލުވެ މަންމައާއި އޮތް ގުޅުން މުޅިންހެން ކެނޑިގެން ދިޔައެވެ. މީކާއިލްގެ ބައްޕަ ސެންޓްގެ ވިޔަފާރި ކުރިއަރަމުންގޮސް އަތަރާއި އެއާފްރެޝްނާ އަދި މީރުވަސްދުވާ އުއްބައްތިފަދަ ތަކެތިން ވިޔަފާރި ފުޅާކޮށް އޭގެ އިތުރުން ރިޒޯޓްތަކާއި ހޮޓާތައް ހިންގަންފެށިއެވެ. އަމިއްލަ އެއާލައިނަކާއި ނޫހެއް އަދި ޗެނެލްއެއްވެސް އޭނަގެ ނަމުގައި ހިންގައެވެ. އެހުރިހާ މުއްސަދިކަމަކާއި ބިންތަކުގެ އެއް ވާރިސަކީ މީކާއިލް ކަމުން އޭނަ ވެފައިވަނީ މަޝްހޫރު ޒުވާނަކަށެވެ. މަންމަ ނެތުމުގެ އުނިކަން ފޫބައްދައިދެމުން އައީ ދޮންމަންމަ ކަމުން އޭނަގެ ހިތުގައި ވިހޭ މައިމީހާއަށްވުރެ ދޮންމަންމައަށް ދެވިފައިވާ ލޯތްބާއި ގަދަރު މާ ބޮޑެވެ.

މީކާއިލް ދުރުގައި ފިޔަވަޅުތައް އަޅަމުން ގޮސް މަގުގައި ޕާކްކޮށްފައިވާ ކާރަށް އަރާ ދުއްވާލުމަށްފަހު ލޯގަނޑުން ފަހަތަށް ބަލައިލީ މަގުމަތީގައި ހުރި މީހާގެ ހަރަކާތް ހުރިގޮތުން ޝައްކު ކުރެވިގެންނެވެ.ފެނުނު މަންޒަރަކުން އޭނަގެ ހިތް އަވަސްވިއެވެ.

ނުނިމޭ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު