ބުނެދޭން ނޭނގުނަސް... 26

"ނަސީބެއްނު މިހާލު ޖެހިފަ އޮތްކަން... ތިއޮތް ހާލުން އަހަރެންގެ ދިރިއުޅުމަށް ވިހަލާކަށް ނާދެވޭނެއެއްނު..." ސަމީރާ އޮތް ހާލު ފެނި، ނާޒިރާ ހުރީ ހަމަޖެހިފައެވެ. "އަހަރެން ހުރީ ބިރުން، މީނަގެ ދެފައި ސަލާމަތުން އޮވެދާނެތީ... މީނަ މިހާރު އޮތް ހާލުން އަހަންނަށް ޔަގީން ސައީދުވެސް މީނަ ބަލައެއް ނުގަންނާނެ ކަން... ކާކުތަ ބޭނުމެއް ނުހިފޭ މީހަކު ބަލާނީ؟... އެއްވެސް މީހަކު ބޭނުމެއް ނުވާނެ..."

ނާޒިރާމެންގެ ވާހަކަ އަޑުއަހަން ހުރި ސައީދަށް އަނގަމަތީގައި އަތް އަޅައިލެވުނެވެ. އޭނާގެ ދެލޮލުން ހޯސްލާފައި ކަރުނަ އަންނަމުން ދިޔައެވެ. ސައީދުގެ ދެފައިން ވާގިދޫވެ، ކޮޅަށް ހުރުމަށް ދަތިވިއެވެ.

*******

ނާޒިރާއަކީ ރަހުމުކުޑަ، މަކަރުވެރި، ނުލަފާ މީހެކެވެ. އެއީ ރަނގަޅު މީހެއް ނޫންކަން ސައީދަށް ކުރިންވެސް އެނގެއެވެ. އޭނާގެ ރުންކުރު ގޮތެއް ހުރެއެވެ. އާއިލީ ގުޅުން ބަދަހިކުރަން އެއްވެސް މަސައްކަތެއް ނުކުރެއެވެ. ސައީދު ގަބޫލުކުރީ ކޮންމެ އިންސާނެއްގެ ވެސް އުނި ސިފަތަކެއް ހުންނާނެ ކަމުގައެވެ. އޭނާ މަސައްކަތް ކުރީ، ނާޒިރާގެ އުނި ސިފަތަކާއިއެކު ދިރިއުޅެވޭތޯއެވެ. އެކަމަކު ނާޒިރާ އެހާ ދަށު ދަރަޖައަކަށް ވެއްޓިދާނެ ކަމަށް ސައީދު ކުޑަކޮށްވެސް ހިއެއް ނުކުރެއެވެ. ސައީދުގެ ދިރިއުޅުމުން ޖާގަ ދީ، އުފާވެރި ދިރިއުޅުމެއް ހޯދައިދިނުމުންވެސް ނާޒިރާގެ ހިތެއް ނުފުރުނެވެ.

ސައީދަށް ކުރެވުނީ އޭނާގެ މުޅި ދިރިއުޅުން ވިއްސި ވިހާލިވެގެންދިޔަ ކަމުގެ އިހުސާސެވެ. އެ ހުރިހާ ދުވަހު އޭނާއަށް ފޫނެއް ފަޔަށް ފެންފުރުނީއެވެ.

"ތީގެ މާނައަކީ ނާޒިރާ ތިހުރީ އަހަރެން ކޮޅުގައޭތަ؟..." އާސިފު ޖަހައިލީ ނުރައްކާތެރި ހިނިގަނޑެކެވެ. "އަހަރެން މިހުރިހާ ކަމެއް މިކުރަނީ އޭގެ ފަހަތުގަ އަހަރެންވެސް ބޭނުންވާ ކަމެއް އޮތީމަ..."

"އަހަންނަކަށް ނޭނގެ އާސިފުގެ ބޭނުމަކީ ކޮބައިކަމެއް... އެކަމަކު، އަހަރެން ބޭނުމެއް ނޫން މި އަންހެންމީހާ އަހަރެންގެ ދިރިއުޅުމަށް އަންނާކަށް..." ނާޒިރާ ބުންޏެވެ. "ދުވަހަކުވެސް މީނަ އަހަރެންގެ އާއިލާއާއި ހަމައަށް ވާސިލުވިޔަ ނުދޭތި... މަރާލަން ޖެހުނިއްޔާ އެކަންވެސް ކުރޭ..."

ސައީދަށް ކޮޅަށް ހުރެވުނީއެއްވެސް ނޫނެވެ. ވަގުތުން ވަގުތަށް ނާޒިރާ އޭނާގެ ދިރިއުޅުމުން ބޭރުކޮށްލަން ބޭނުންވިއެވެ. ނާޒިރާއަށްޓަކައި ސައީދު ހުރިހާ ކަމެއް ގުރުބާން ކުރިއެވެ. އެކަމަކު، ނާޒިރާ ވީ އެއްވެސް ގޮތެއްނެތް ސުންޕާ މީހަކަށެވެ.

"ތެދަށް ބުނަންޏާ، އަހަންނަށް މިހާރު މީނަގެ ބޭނުމެއް ނެތް... ބާއްވައިގެންވެސް ވާނީ އުނދަގޫ... އަތުން ދަނީ ބޮޑު ހަރަދުގަނޑެއް... ނާޒިރާ ތިބުނާ ކަންތައް ކުރެވޭނީ ނާޒިރާގެ އަތުންވެސް އެއްޗެއް ދީގެން..." އާސިފުގެ އަޑުގައިވީ މަކަރުވެރިކަމެވެ.

"ކިހާވަރެއް ބޭނުންވަނީ؟..." ނާޒިރާއަށް އާސިފު ބުނި އެއްޗެއް ވިސްނުނެވެ.

"އަހަރެން ބޭނުންވަނީ ފައިސާއެއް ނޫން... ގޯލްޑަންހިޔާ ރެސްޓޯރެންޓް..." އާސިފު ބުނެލިއެވެ.

ސައީދު އަރި އަޅައިލިއެވެ. އެނދުކައިރީގައި ހުރި މޭޒުގައި ޖެހުނު އަޑު މުޅި ތަނުގައި ގުގުމައިލިއެވެ. ނާޒިރާ ދިޔައީ ސިއްސައިގެންނެވެ. އޭނާ އަވަހަށް ނުކުމެ، ޖެހިގެން ހުރި އެނދުގެ ފޮތިގަނޑު ކަހައިލިއެވެ.

*******

ރޭގަނޑުގެ ވަގުތެވެ. އެންމެން ތިބީ ކެއުމަށް އިންސާފުކުރާށެވެ. މޭޒުމަތީގައި އަތުރާފައިވާ ކާއެއްޗެހި ގިނަކަމުން ބިންޔާ އިނީ ކާނެ އެއްޗެއް ނޭނގިފައެވެ. އެހާ ފުރިހަމައަށް ތައްޔާރުކޮށްފައިވާ ދިވެހި ކެއުމެއް އޭގެ ކުރިން ބިންޔާ ނުދެކެއެވެ. ބިންޔާ ކުޑަ ބަތްކޮޅަކާއި ގަރުދިޔަފޮދެއް އަޅައިގެން ކާން އިނެވެ. މިޒްޔަލް ފިހުނުމަހުގެ ކަށި ނަގައި ރީތިކޮށް ސާފުކޮށްފައި ބިންޔާގެ ތައްޓަށް ލައިދިނެވެ. ބިންޔާއަށް ބަލައިލެވުނީ އެހެން މީހުންގެ މޫނަށެވެ. ޒަޔާންވެސް އިނީ ބިންޔާއަށް ބަލަހައްޓައިގެންނެވެ.

މީރާގެ ކެއުން ހަރާބުވިއެވެ. މިޒްޔަލްއާއި ޒަޔާން ބިންޔާއާއި ހެދި އުޅޭ ވަރުން އޭނާގެ ބޮލަށް އުނދަގޫވިއެވެ. މީރާއަކީ އެތަނުގައި ނެތް މީހެއްފަދައެވެ. ކުޑަކޮށް ކާލައިގެން އެންމެންގެ ކުރިން އޭނާ ގޮސް ކޮޓަރިއަށް ވަނެވެ. އެނދުމައްޗަށް ވެއްޓިގަތްގޮތަށް ނާޒިރާއަށް ގުޅިއެވެ.

ފޯނު ރިންގްވާން ފެށި އަޑަށް ނާޒިރާ ދިޔައީ ސިއްސައިގެންނެވެ. ސަމީރާ އޮތް ބަޔާއި ޖެހިގެން ހުރި ބައިގެ ތެރެއަށް ވަނުމުގެ ހިޔާލު ދޫކޮށްލާފައި ފޯނު ނަގަމުން އޭނާ ދުރަށް ހިނގައިގަތެވެ. އެނދުދަށުގައި ފިލާއޮތް ސައީދަށް ދޫކޮށްލެވުނީ ހަމަޖެހުމުގެ ނޭވާއެކެވެ. އޭނާ އަވަހަށް އެތަނުން ނުކުމެގެން ގެއަށް ދިޔައެވެ.

"އަހަރެން އިންސަލްޓް ކުރަންތަ މިރަށަށް ތި ފޮނުވީ؟..." މީރާ ހަޅޭއްލަވައިގަތެވެ.

"ކިހިނެއްވެގެން ތިއުޅެނީ؟..." ނާޒުކު ވަގުތެއްގައި މީރާ ގުޅުމުން ނާޒިރާ ހިތްހަމަނުޖެހުނެވެ.

"އެ ބިންޔާ ހުރިހާ ދުވަހަކު މިކަމެއް ނުވާނެ..." ނޭވާލާންވެސް މީރާ ހަނދާންނެތިފައިވާ ކަހަލައެވެ. "ދެމީހުންވެސް ތިބީ އޭނަޔާ ހެދި މޮޔަވެފަ... ޒަޔާންވެސް..."

"އަހަރެންގެ ޒަޔާނަކީ އެހާ ވިޔާނުދާ ކުއްޖެއް ނޫން..." ނާޒިރާގެ ރުޅި ވަކީން ގަދަވިއެވެ. "އެހެންނޫނަސް، ތީ އަންހެނަކަށްވެސް ނުވިއެއްނު...."

ނާޒިރާ ފޯނު ކަނޑައިލުމުން، މީރާ އައި ރުޅީގައި ހަޅޭއްލަވައިގަތެވެ. އެނދުގެ ބާލީސްތައް އުކާލިއެވެ. ބެޑްޝީޓު ބޮނޑިކޮށްލުމަށްފަހު ދުރަށް ހޫރައިލިއެވެ. ނާޒިރާއަކީ ބޮޑާ މީހެކެވެ. ބައެއްފަހަރު ނާޒިރާގެ ކިބައިން ބަދަލުހިފަންވެސް މީރާ ބޭނުންވެއެވެ. އެކަމަކު، މިޒްޔަލްއަށް އޭނާގެ ހިތުން ދެވިފައިވާ މަގާމެއްގެ ސަބަބުން، ނާޒިރާ ބުނާ ކަންކަން ކުރަން މަޖުބޫރުވަނީއެވެ. އެނޫން ގޮތަކަށް މިޒްޔަލާއި ކައިރިނުވެވޭނެކަން މީރާއަށް އެނގެއެވެ.

********

ކައިގެން ބިންޔާ ވަނީ ކޮޓަރިއަށެވެ. ޑްރެސިންގްޓޭބަލުގެ މަތީގައި ބާއްވާފައިވާ ބޮލި ފެނުނީ ފޯނު ހިފައިގެން ބޭރަށް ނުކުންނަން ދަނިކޮށެވެ. އެއީ އޭގެ ކުރިން އެތާ އޮތް އެއްޗެއް ނޫނެވެ. އޮރެންޖު ކުލައިގެ ރީތި ބޮއްޔެކެވެ. އެއީ މިޒްޔަލް ދިން އެއްޗެއް ކަން އެނގުމުން، ބިންޔާގެ ތުންފަތަށް ވެރިވީ ލުއި ހިނިތުންވުމެކެވެ.

ބިންޔާ ބޭރަށް ނުކުތްއިރު، މިޒްޔަލް ހުރީ ދޮރުމަތީގައި ފުރަގަސްދީގެންނެވެ. ފާރުގައި ލެނގިލައިގެން ހުރިއިރު، ދެއަތް އޮތީ ޖީބަށް ކޮއްޕާލާފައެވެ. އެ ނަޒަރު ހުއްޓިފައިވީ ބުރުހަމަ ހަނދަށެވެ.

"ހާދަ އެކަނިވެފަ..." މިޒްޔަލްގެ ކައިރީގައި ހުއްޓިފައި ބިންޔާ ބުނެލިއެވެ. "ދާނަންތަ ބީޗަށް؟..."

ހަނދުވަރުދޭ އެފަދަ ރީތި ރެއެއްގައި ހިތުގެ މަލަކާގެ ދައުވަތަކަށް އިޖާބަނުދީ މިޒްޔަލް ކުރާނީ އިތުރު ކޮން ކަމެއް ހެއްޔެވެ؟ އޭނާއަށް ވަގުތުން ބޯ ޖަހައިލެވުނެވެ. ދެމީހުން އެކުގައި ބޭރަށް ނުކުތްއިރު، ގަސްތަކުގެ ހިޔަނި އެޅިފައިވާ މަގުތައް ފެންނަން އޮތީ ފުދޭ ވަރަކަށް އަނދިރިކޮށެވެ.

"ބިންޔާ ބިރެއް ނުގަނޭތަ؟..." މިޒްޔަލް އަހައިލިއެވެ.

"ކޮންކަމަކާ؟..." ބިންޔާގެ އަޑުގައި ޖެހިލުންވުމުގެ އަސަރެއް ނެތެވެ.

"ވާހަކައެއް އަހާލަންތަ؟..." މިޒްޔަލް ސުވާލުކުރިއެވެ.

ސައިކަލެއްގެ އަޑު އިވުމުން، މިޒްޔަލް ކުރީ އަވަސް ހަރަކާތެކެވެ. ބިންޔާގެ އުނަގަނޑުގައި އަތް އަޅުވާފައި މިޒްޔަލާއި ކައިރިއަށް ދަމައިލިއެވެ. ބާރު އިސްޕީޑުގައި އައި ސައިކަލު ބިންޔާމެން ހުރަސްކޮށްފައި ދިޔައެވެ. ބިންޔާގެ އުނަގަނޑުން އަތް ދޫކޮށްލި ނަމަވެސް މިޒްޔަލް ދެން ކުރީ ބިންޔާގެ މުޅި ގައިން ހީބިހި ހިލުވާލި އަމަލެކެވެ.

"ބުނީމެއްނު ބަލައިގެން އުޅެއްޗޭ..." ބިންޔާގެ އަތުގެ އިނގިލިތަކުގެ ތެރެއަށް އިނގިލިތައް މަހައިލަމުން މިޒްޔަލް ބުނެލިއެވެ.

ބިންޔާ ހުރީ ނޭވާލާންވެސް ހަނދާންނެތިފައެވެ. ފަހަކަށް އައިސް މިޒްޔަލްގެ ކައިރީގައި އަމިއްލަ ނަފުސުގެ މައްޗަށް ބާރު ނުފޯރުވޭކަން ބިންޔާއަށް އެނގެއެވެ. މިޒްޔަލްގެ ގާތްކަމަށް ބިންޔާގެ ހިތް އެދެވެއެވެ. އެއީ ބިންޔާ ބޭނުންވި ގޮތެއް ނޫނެވެ.

އަތިރިމަތި ފެންނަމުންދިޔައީ ހުވަފެނީ ގޮތަކަށެވެ. ހަނދުވަރުގެ ރިހި އަލި ހުދު ފަސްގަނޑަށް އެޅިފައިވާއިރު، ލޯބިވެރިންގެ ހިތްތަކަށް ދިރުން ގެނެސްދޭ ކަހަލައެވެ. ބިންޔާ ވެލިގަނޑުގެ މަތީގައި އިށީނުމުން، މިޒްޔަލްވެސް ކައިރީގައި އިށީނެވެ. ވެލިގަނޑުގެ މަތީގައި ދެއަތް އަޅުވައިލުމަށްފަހު، އޭނާ ބަލައިލީ އުޑަށެވެ.

"ސުވާލެއް ކޮށްލަންތަ؟..." އުޑުމައްޗަށް ނަޒަރު ހުއްޓާލައިގެން އިނދެ މިޒްޔަލް ސުވާލުކުރިއެވެ.

"ހުރިހާ ކަމެއް ކުރަނީ ހުއްދަ ހޯދައިގެންތަ؟..." ބިންޔާ ލުއި ހިނިގަނޑެއް ޖަހައިލިއެވެ. އެހާ ކައިރީގައި މިޒްޔަލް އިނުމުން ބިންޔާއަށް ގޮތްތަކެއް ވަމުން ދިޔައެވެ.

މިޒްޔަލް އިރުކޮޅަކު ވިސްނައިލިއެވެ. ބިންޔާގެ އެތައް ކަމެއް އެނގެން ބޭނުންވި ނަމަވެސް، ކުރެވޭ ސުވާލަކުން ބިންޔާ ރުޅި އައިސްދާނެތީ އޭނާ ޖެހިލުންވިއެވެ.

"ބިންޔާގެ ޕޭރެންޓްސް ކޮބާ؟..." މިޒްޔަލް ސުވާލުކުރިއެވެ.

"ނިޔާވެއްޖެ.." ބިންޔާގެ ރާގު ބަދަލުވިއެވެ. އެ އަޑުގައި ރިހުން އެކުލެވިގެން ވިއެވެ.

"ފެމެލީގަ އެހެން މީހަކު..." މިޒްޔަލަށް ބުނެވުނީ އެހިސާބަށެވެ. އާއިލާގައި އިތުރު މީހަކު ނެތްކަމަށް ބިންޔާ ބުންޏެވެ.

"އަށް އަހަރުގަ ބައްޕަ ނިޔާވީ..." ބިންޔާ ބުނެލިއެވެ.

"ސޮރީ..." މިޒްޔަލް އިނީ ހިތަށް އުނދަގޫވެފައެވެ. މައިންބަފައިން ދުނިޔޭގައި ތިބެ ދުރުވުމުން އެކަމުން ލިބޭ ވޭން ހުދު އޭނާއަށްވެސް އިހުސާސް ކުރެވެއެވެ. ވީއިރު، އެމީހުން ދުނިޔޭގައި ނެތުމުން މާ ހިތަށް ތަދުވާނެއެވެ.

"އަހަރެންވެސް ވާހަކައެއް އަހާލަންތަ؟..." ބިންޔާ ސުވާލުކުރިއެވެ. މިޒްޔަލްގެ މަންމަގެ ވާހަކަ ދައްކަން ބިންޔާ އިނީ ބޭނުންވެފައެވެ.

"މީގެފަހުން ތިހެން ނާހައްޗޭ..." ބިންޔާގެ ނޭފަތުގައި ހިފައިލަމުން، މިޒްޔަލް ބުނެލިއެވެ.

ލިބުނު ޝޮކުގައި ބިންޔާ އިނީ އެސްފިޔަ ޖަހާލަންވެސް ހަނދާންނެތިފައެވެ. މިޒްޔަލްގެ އެފަދަ ކުދި ބީހިލުންތަކުން އެކަނިވެސް އޭނާގެ މުޅި ހަށިގަނޑަށް ޒަލްޒަލާއެއް ގެނުވައެވެ. ހާއްސަކޮށް އެފަދަ އެކަހެރި މާހައުލެއްގައެވެ. ދެމީހުން ތިބީ ނުހަނު ކައިރީގައެވެ. ހަށިގަނޑުގައި ބީހެމުންދާ ފިނި ވައިރޯޅިތައް ދެމީހުންގެ ގުޅުން އެހެން ހަރުފަތަކަށް ގެންދިޔުމަށް ދައުވަތު ދެމުން ދިޔައެވެ. ހިތުގައި އުފެދެމުންދިޔަ ޖަޒުބާތުތަކުގެ މައްޗަށް ކުރި ހޯދުމުގައި ދެމީހުންކުރެ އެކަކަށްވެސް ކާމިޔާބު ހޯދޭ ގޮތެއް ނުވިއެވެ.

ދެމީހުންގެ ހަތަރުކަޅި ބައްދަލުވެގެން ހޭދަވީ މަދު ވަގުތުކޮޅެކެވެ. އިސްނެގީ މިޒްޔަލެވެ. މިޒްޔަލް ކައިރިވެލުމާއިއެކު ބިންޔާގެ މޫނަށް އެޅިގެންދިޔަ ހޫނު ނޭވާގެ އިހުސާސުން އޭނާއަށް ދެލޯ މަރައިލެވުނެވެ. އެއީ މިޒްޔަލްއަށް ދެވުނު ދައުވަތެކެވެ. ބިންޔާގެ ގާތްކަމަށް ބޭނުންވެފައިވާ މިޒްޔަލްއަށް ލިބުނު ފުރުސަތުގެ ބޭނުން ހިފިއެވެ. ކުރެވުނު އުފާވެރި އިހުސާސުން ބިންޔާއަށް މިޒްޔަލްގެ ގައިގައި ހިފަހައްޓައިލެވުނެވެ. މިޒްޔަލްގެ އަމަލުގައި ބިންޔާއަށްވެސް ބައިވެރިވެވުނެވެ. ދެ ލޯބިވެރިންނަށް ފުރުސަތުދެމުން، ހަނދުވެސް ލަދުން އެއްފަރާތްވެލިއެވެ. ހަނދަށް އެޅުނު ކަޅު ވިލާކޮޅުގެ ސަބަބުން، މާހައުލަށް ވެރިވީ އަނދިރިކަމެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު