ނިއު ޒީލެންޑަށް އެރި ތޫފާން ގެބްރިއެލްގެ ސަބަބުން ފެންބޮޑުވެ، މިހާތަނަށް އަށް މީހަކު މަރުވެފައިވާ ކަމަށް އެގައުމުގެ ބޮޑުވަޒީރު ކްރިސް ހިޕްކިންސް ވިދާޅުވެއްޖެއެވެ.
ނިއުޒީލެންޑަށް މިދިޔަ ހޯމަ ދުވަހު އެރި އެ ތޫފާނާއެކު އެގައުމަށް އަދިވެސް ދަނީ ވިއްސާރަކުމުންނެވެ. އެ ތޫފާނުގައި ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބިންގަނޑު ކަނޑައިގެން ދިޔުމުގެ ހާދިސާތައް ވަނީ ހިނގާފައެވެ.
އެ ތޫފާނަށް ފަހު، 4،500 އަށް ވުރެ ގިނަ މީހުންގެ ޚަބަރެއް ނުވެގެން ފުލުހުންނަށް ރިޕޯޓުކޮށްފައިވެއެވެ.
ބޮޑުވަޒީރު ހިޕްކިންސް ވިދާޅުވީ އެ މީހުން ހޯދުމުގެ މަސައްކަތުގައި 80 މީހުންގެ ޓީމެއް ހަރަކާތްތެރިވަމުންދާ ކަމަށެވެ. އޭގެ ތެރެއިން ގިނަ މީހުންނަކީ މުވާސަލާތީ ޚިދުމަތްތައް ކެނޑުމުގެ ސަބަބުން އާއިލާއާ ވާހަކަ ދެއްކޭނެ ގޮތެއް ނެތިފައިވާ މީހުން ކަމަށް ބެލެވޭ ކަމަށް ވެސް ހިޕްކިންސް ވިދާޅުވިއެވެ.
އެހެންކަމުން، މިހާރު ހޯދަމުންދާ ގިނަ ބަޔަކު ދިރިތިއްބާ ފެންނާނެ ކަމުގެ އުއްމީދު ބޮޑު ނަމަވެސް ބައެއް މީހުންގެ ހާލަތާ މެދު ފުލުހުންގެ ކަންބޮޑުވުންތައް ހުރިކަން ވެސް ބޮޑުވަޒީރު ފާހަގަކުރެއްވިއެވެ.
އެ ތޫފާނުގެ ސަބަބުން ނިއު ޒިލެންޑުގެ ގިނަ ސިޓީތަކުގައި ކަރަންޓް ކެނޑި، ސާފު ބޯފެން ލިބުމުގައި ވަނީ ދަތިތަކާ ކުރިމަތިލާން ޖެހިފައެވެ. އެގޮތުން 62،000 އަށް ވުރެ ގިނަ ގޭގައި ކަރަންޓު ކެނޑި، 10،000އެއްހާ މީހުން ވަގުތީ ހިޔާތަކަށް ބަދަލުވާން ޖެހިފައިވާ ކަމަށް ރިޕޯޓުތަކުގައިވެއެވެ.
ބޮޑުވަޒީރު ހިޕްކިންސް ވަނީ ތޫފާން ގެބްރިއެލްއަކީ ފާއިތުވި އަހަރުތަކުގައި ފެނިފައި ނުވާހާ ބޮޑު މޫސުމީ ހާދިސާއެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.
އެ ތޫފާނާ ގުޅިގެން މިދިޔަ އަންގާރަ ދުވަހު ނިއު ޒިލެންޑުގައި ވަނީ ގައުމީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައެވެ. މިއީ އެ ގައުމުގެ ތާރީޚުގައި ވެސް މި ހާލަތު އިއުލާނު ކުރި ތިންވަނަ ފަހަރެވެ.
ޤައުމީ ކުއްލި ނުރައްކަލުގެ ހާލަތު މީގެ ކުރިން އިޢުލާންކޮށްފައިވަނީ ކޮވިޑް-19 ފެށުނު ދުވަސްވަރާއި 2011 ވަނަ އަހަރު އެގައުމުގެ ކްރައިސްޓްޗާޗްއަށް އައި ބިންހެލުމާ ގުޅިގެންނެވެ.
މިއީ ފާއިތުވިދިޔަ ދެތިން ހަފުތާގެ ތެރޭގައި ނިއު ޒީލެންޑަށް ކުރިމަތިވި ދެވަނަ ގުދުރަތީ ކާރިސާއެވެ. އެގޮތުން މިދިޔަ މަހު އޯކްލޭންޑަށް ކުރި ވިއްސާރައިގައި ހަތަރު މީހަކު މަރުވެފައިވެއެވެ.