ބުނެދޭން ނޭނގުނަސް... 25

"ޒަޔާން ނުޖެހޭނެއޭ އޭނަޔާ އިންނާކަށް... ނިމުނީނު..." ނާޒިރާ އަޑަށް ބާރުލާފައި ބުންޏެވެ.

"ދެން މަންމަ ތިބުނަނީ ދޮންބެއަށް..." ޒަޔާނަށް ބުނެވުނީ އެހިސާބަށެވެ. ކުދިކިޔަމުން ނާޒިރާ ފޯނު ކަނޑައިލިއެވެ.

********

ފޯނު ނިންމާފައި ޒަޔާން އެނބުރުނު ވަގުތު ކައިރީގައި ހުރި މީރާ ފެނި، އޭނާ ދިޔައީ ސިއްސައިގެންނެވެ. މީރާ ހުރީ ފާޑަކަށް މޫނު ކުނިކޮށްލައިގެންނެވެ.

"އަހަރެންދެކެ އެހާ ފޫހިވޭތަ؟..." ޒަޔާން ދެއްކި ވާހަކަ އަޑު އިވުނުކަން އަންގައިލުމުގެ ގޮތުން މީރާ ބުނެލިއެވެ.

މީރާ ގެނައި ފޮށި ފިޔަވާ އެހެން ހުރިހާ ފޮށްޓެއް ޑިކީއަށް އަރުވާފައި ޒަޔާން ޑިކީގެ ދޮރު ލައްޕަން އުޅުނެވެ.

"އަހަރެންގެ ފޮށި ވީމަތަ ނާރުވަދޭން ތިއުޅެނީ..." މީރާ ޝަކުވާކުރިއެވެ.

"އަމިއްލައަކަށްނު ތިއައީވެސް... އަމިއްލައަށް އަރުވާ..." ޒަޔާން ވާހަކަ ދެއްކީ ފަރުވާކުޑަ ރާގަކަށެވެ. ނާޒިރާ ކަންތައް ކުރި ގޮތުން އޭނާ ހުރީ މީރާދެކެވެސް ފޫހިވެފައެވެ.

މީރާ ކުދިކިޔަމުން ފޮށި އެރުވޭތޯ މަސައްކަތް ކުރިއެވެ. ބަރުކަމުން އޭނާއަށް ފޮށި އުފުލައިވެސް ނުލެވުނެވެ. ޒަޔާން އެ މަންޒަރު ފެންނަކަމަށް ނުހަދާ ދުރަށް ހިނގައިގަތެވެ.

"ގެނޭ އަހަރެން އަތަށް..." ބިންޔާއަށް މަންޒަރު ބަލާކަށް ނުހުރެވުނެވެ.

މީރާ ދުރަށްޖެހިލީ ކައިރީގައި ހުރީ ބިންޔާ ކަން ނޭނގިއެވެ. ބިންޔާ ފެނުނުއިރު، އޭނާ ޑިކީއަށް ފޮށި އަރުވާފައި ދޮރުވެސް ލައްޕައިފިއެވެ. އެ މަންޒަރު ބަލަން ޒަޔާނާއި މިޒްޔަލް ހުރުމުން، މީރާ ވަކީން ރުޅިގަދަވިއެވެ. ބިންޔާ ގަސްދުގައި މީރާ ދަށްކޮށްލީއެވެ. ބިންޔާކަން އެނގުނުނަމަ، އޭނާ ފޮށި ހަވާލުނުކުރީހެވެ.

"އަހަރެން ނޫޅެމޭ ނޭރުވިގެނެއް..." މީރާ ނުރުހިފައި ބުނެލިއެވެ. އެ އަޑު އިވުނު ނަމަވެސް ބިންޔާ އެއްޗެއް ނުބުނެއެވެ.

ބިންޔާ އަންނަންދެން ކާރުގެ ދޮރު ހުޅުވާލައިގެން މިޒްޔަލް ހުއްޓެވެ. ލޯންޗުމަތީގައި އުޅެވުނުގޮތުން ބިންޔާ ހުރީ މިޒްޔަލާއި ހަތަރުކަޅި ހަމަކުރަންވެސް ނުކެރިފައެވެ. މިޒްޔަލް ތަފާތެވެ. ކޮންމެ ކަމެއްގައިވެސް އޭނާ ބިންޔާއަށް ހާއްސަގޮތެއް ބަހައްޓަން ފެށިއެވެ. ލޯންޗުން ބިންޔާ ފޭބީވެސް މިޒްޔަލްގެ އަތުގައި ހިފައިގެންނެވެ. ކާރުގައިވެސް މިޒްޔަލް އިނީ ބިންޔާގެ ކައިރީގައެވެ. ޒަޔާން އިނީ ޑްރައިވަރު ޝީޓުގައެވެ. މީރާ ފަހަތަށް އަރަން އުޅުމުން، މިޒްޔަލް އެދުނީ ކުރިއަށް ދިޔުމަށެވެ.

********

އެއްޗެއް ހަނދާންވާ ފަދައިން ނާޒިރާ ދުވެފައި ކޮޓަރިއަށް ވަނެވެ. އެނދާއި ކަބަޑުތަކާއި އަލަމާރި ހޯދިއެވެ. ޑަސްޕިން ކޮޓަރިތެރެއަށް ވަރާލައިގެން ހޯދި އިރުވެސް، އަނގޮޓިއާއި ކަރުދާސްކޮޅެއް ނުފެނުނެވެ. ނާޒިރާއަށް އެ އެއްޗެހި ލެވުނު ތަނެއް ނޭނގުނެވެ.

"އަނެއްކާ ސައީދު؟..." ކުއްލިއަކަށް ނާޒިރާގެ ހިތަށް އެރި އެއްޗަކުން، ސިކުނޑި ސުމަކަށް ދިޔައެވެ.

ސައީދަށް އެ ކަރުދާސްކޮޅު ފެނިއްޖެނަމަ، އޭނާގެ ހުރިހާ އުއްމީދުތައް ވިއްސިވިހާލިވެގެން ދާނެއެވެ. އޭނާ ވަގުތުން ސައީދަށް ގުޅީ އެކަން ޔަގީންކުރާށެވެ. އެކަމަކު، ސައީދު ވާހަކަ ދެއްކިގޮތުން ސައްކު ކުރެވޭ ކަހަލަ ކަމެއް އޭނާއަށް ފާހަގައެއް ނުވިއެވެ.

ނާޒިރާ ބޭރަށް ދާން ތައްޔާރުވިއެވެ. އޭނާ ގެއިން ނުކުތީ، ސައީދު އަވަހަށް ގެއަށް ނާންނާނެކަން ޔަގީންކުރުމަށް ފަހުގައެވެ. ޓެކްސީއެއްގައި ނާޒިރާ ނައްޓާލި މަންޒަރު ބަލަން ސައީދު ހުއްޓެވެ. އޭނާގެ މޫނުން ފެންނަމުން ދިޔައީ މާޔޫސްކަމެވެ. ނާޒިރާދެކެ ސައީދު ލޯބިވެއެވެ. އަނބިމީހާގެ ފަރާތުން ނާއުއްމީދުވާ ކަހަލަ ކަމެއް ނުވުމަށް ސައީދަށް ހިތާއިހިތުން އެދެވުނެވެ.

"އަހަރެން ބޭނުމެއް ނޫން ނާޒިރާއަށް ދެރަގޮތެއް ހަދާކަށް..." ސައީދު ހިތާއިހިތުން ބުނެލިއެވެ.

ސައީދު އޭނާގެ އަތުގައި އޮތް އަނގޮޓި އާއި ކަރުދާސްކޮޅަށް ބަލައިލިއެވެ. އެއީ ނާޒިރާ ޑަސްޕިނަށް ލީ އެއްޗެއްސެވެ. ނާޒިރާ އުޅުނުގޮތުން ޝައްކުވެގެން އޭނާ ޑަސްޕިން ބެލީއެވެ. އެ އަނގޮޓިއަކީ ކާކުގެ އެއްޗެއްކަން ސައީދަށް އެނގެއެވެ. އޭނާއަށް ނޭނގުނީ ނާޒިރާއަށް އެ އަނގޮޓި ލިބުނު ގޮތެވެ. ނާޒިރާއަށް ފާރަލަމުން، ފަހަތުން ދާން ސައީދަށް މަޖުބޫރުވީ ކޮންމެވެސް ނުބައެއް އުޅޭހެން ހީވުމުންނެވެ.

ހަސްފަތާލުގެ ކައިރިއަށް ޓެކްސީ މަޑުކޮށްލުމާއިއެކު ނާޒިރާ ފޭބިއެވެ. ދެކޮޅު ހޯދައިލުމަށްފަހު، ހަލުވި ފިޔަވަޅުތަކެއްގައި އެތެރެއަށް ވަނެވެ. ވޯޑާއި ހަމައިން ނާޒިރާގެ ފިޔަވަޅުތައް ހުއްޓުނީ، އެތެރެއިން ނުކުތް އާސިފު ފެނުމުންނެވެ.

"އާސިފު؟..." ނާޒިރާ ހުރީ ގަބޫލުނުކުރެވިފައެވެ. "މިތާ ކީއްކުރަނީ؟..."

"ނާޒިރާ؟..." އާސިފުގެ މޫނުން ފެނުނީ ނުތަނަވަސްކަމެވެ. ނާޒިރާގެ މޫނުގެ ކުލަވަރު ތަރުޖަމާކޮށްލުމުން ފޮރުވާނެ އިތުރު ކަމެއް ނެތްކަން އާސިފަށް އެނގުނެވެ.

ދުރުގައި މަންޒަރު ބަލަން ހުރި ސައީދަށްވެސް ލިބުނީ ކުއްލި ސިހުމެކެވެ. ނާޒިރާ އާއި އާސިފު އިރުކޮޅަކު ވާހަކަ ދައްކަން ތިބުމަށްފަހު، ވޯޑުގެ ތެރެއަށް ވަނެވެ. ކުޑަ އިރުކޮޅެއްފަހުން ސައީދުވެސް އެތެރެއަށް ވަނެވެ. ނާޒިރާމެން ފެންނަން ނެތުމުން، އޭނާ ކުރިއަށް ހިނގަމުން ދިޔައީ ވިސްނައިގެންނެވެ. ވަކި ހިސާބަކުން ސައީދުގެ ފިޔަވަޅުތައް މަޑުޖެހުނީ ނާޒިރާގެ އަޑު އިވުމުންނެވެ. ވަށައިގެން ދަމާފައިވާ ފޮތިގަނޑުގެ އެތެރެއިން އިވުނު ނާޒިރާގެ އަޑާއިއެކު އާސިފުގެ އަޑުވެސް އިވިގެން ދިޔައެވެ. ޖެހިގެން ހުރީ ހުސް އެނދެއް ކަމުން އެބައިގެ ފޮތިގަނޑު ކަހާލައިގެން ސައީދު ހުރީ އެ ދެމީހުންގެ ވާހަކަ އަޑު އަހާށެވެ.

********

ތޮއްޑޫގެ ހިތްގައިމު މަންޒަރުތައް ފެނި ބިންޔާ އިނީ އަޖައިބުވެފައެވެ. ކާރުގެ ބިއްލޫރިގަނޑު ތިރިކޮށްލައިގެން ބޭރުބަލަން އިންއިރު، ކުރިން ނުފެންނަ ލުއި ހިނިތުންވުމެއް ބިންޔާގެ ތުންފަތުގައި ވިއެވެ. މިޒްޔަލްގެ ނަޒަރު ބިންޔާގެ މޫނުން ވަކި ނުވެއެވެ. ޒަޔާންވެސް ކާރުގެ ލޯގަނޑުން ބިންޔާއަށް ބަލައިލައެވެ. އެ މޫނުން ފެންނަމުންދިޔަ އުފާވެރިކަމުގެ ސަބަބުން ޒަޔާނުގެ ހިތަށް ހަމަޖެހުން ލިބުނެވެ.

ތޮއްޑޫގެ މަގުތަކަށް ޒަޔާން ފަރިތައެވެ. ބަނދަރާއި އެހާ ދުރުގައި ގެ ހުރި އިރުވެސް، ގެއާއި ހަމައަށް ދިޔައީ މުޅި ތޮއްޑޫ ހިތުދަސް މީހަކު ފަދައިންނެވެ. ކާރުން ފޭބިއިރު، ބިންޔާ ހުރީ އަޖައިބުވެފައެވެ. ކުރިމަތީގައި ހުރި ރީތި ގޭގެ ކުރިމަތީގައި ހައްދާފައިވާ މާބަގީޗާގައި އެކި ކުލަކުލައިގެ މާތައް ފަރިވެ ފޮޅިފައިވާއިރު، ފެހިކަމުން އާޝޯހުވާވަރު ވެއެވެ. ބޯގަންވިލާ އާއި ފިނިފެންމަލާއި ސައިމަލުން ގެއަށް ދިރުން ގެނުވާފައިވިއެވެ. ގޭގެ ފެންޑާގައި ޖޯލިފަތި ބަހައްޓާފައި ހުއްޓެވެ. އެތަނުގައި ހުރި ޕޮޓުތަކުގައި ހައްދާފައިވާ އެކި ކުލަކުލައިގެ ފިނިފެންމަލުގެ ވަސް މުޅި ތަނުގައި ހަރުލާފައި ހުރުމުން ސިކުނޑި ތާޒާ ކުރުވައެވެ.

ގެ ހުރީ އަތިރިމައްޗާއި ކައިރީގައިކަމުން ރާޅު ބީއްސާ އަޑު ގޭތެރެއަށް ރީތިކޮށް އިވެއެވެ. ގެއަށް އަތްދަބަސް ލާފައި، ބިންޔާ ނުކުތީ ބޭރަށެވެ. މިޒްޔަލްމެންވެސް އެތެރެއަށް ނުވަދެ ބޭރުގައި މަޑުކޮށްލައިގެން ތިއްބެވެ. މާތަކުގެ ތަސްވީރު ނަގަން ގަސްތަކުގެ ތެރެއަށް ވަދެގެން އުޅުނު ބިންޔާގެ އަތަށް ކައްޓެއް ހެރުނެވެ. މިޒްޔަލް އައި ނައި ތަނެއްވެސް ނޭނގުނެވެ. އޭނާ ހުރީ ބިންޔާގެ ހަރަކާތްތަކަށް ފާރަވެރިވެގެން ކަހަލައެވެ. ބިންޔާ ގެންގޮސް ޖޯލީގައި ބައިންދާފައި ކަށި ނަގަން އުޅުނެވެ. މިޒްޔަލް ހާސްވެގެން އުޅުނުގޮތުން ޒަޔާންވެސް ހައިރާންވެފައި ބަލަން ހުއްޓެވެ. މިޒްޔަލްގެ ދެލޮލުން ސިއްރުވާނެ އެއްވެސް ކަމެއް ނެތެވެ. ބިންޔާއަށް ބަހައްޓާ ހާއްސަކަމުގެ ސިއްރު އޭނާގެ މޫނުން އެކަނިވެސް ބުނެދެއެވެ. ޒަޔާނަށް ހިންދިރުވައިލެވުނީ އުނދަގޫ ގޮތަކަށެވެ. އޭނާ ފުން ނޭވާއެއް ދޫކޮށްލުމަށްފަހު ބޭރަށް ނުކުތީ ހިތަށް އުނދަގޫވީ ވަރުންނެވެ.

"މީ އެވަރު ކަމެއް ނޫނޭ..." ބިންޔާ އަތް ދަމައިގަންނަން އުޅުނެވެ.

މިޒްޔަލް ދުލެއް ނުކުރިއެވެ. ބިންޔާގެ އަތަށް ފުމެމުން ކަށި ނެގީ ތަދުވެދާނެތީ ނުހަނު ބަލައިގެންނެވެ. ބިންޔާ ދެކޮޅު ހެދުމުންވެސް މިޒްޔަލް އެތަނުގައި މަލަންކޮޅެއް އެޅިއެވެ.

"ބަލައިގެން އުޅޭތި..." ބިންޔާގެ ބޮލުގައި މަޑުމަޑުން ފިރުމައިލަމުން މިޒްޔަލް ބުނެލިއެވެ.

މިޒްޔަލް ނުކުމެގެން ދަންދެންވެސް ޖެހި ބުދެއްހެން ބިންޔާ ހުއްޓެވެ. ހަރަކާތެއްވެސް ކޮށްލަން ނޭނގިފައެވެ. މިޒްޔަލްއަކީ އޭނާގެ ލޯބިވެރިޔާ ހެއްޔެވެ؟ އެހާ ލޯބިން ބިންޔާގެ ކަންތައްތައް ކޮށްދެނީ ކީއްވެ ހެއްޔެވެ؟ ޔަގީނުންވެސް ބިންޔާގެ ކައިރީގައި ރައްޓެހިވާކަށް ނާހައެވެ. ބިންޔާ ދެފަރާތަށް ބޯ ހޫރައިލިއެވެ. ހިތަށް އަރަމުންދިޔަ އެއްޗެހިން އޭނާ އަވަހަށް ގެއިން ބޭރަށް ނުކުތެވެ.

އަތިރިމަތީގައި މީހުން މަދު ވަގުތެކެވެ. ބޯކިރުފޮދެއްފަދަ ހުދު ފަސްގަނޑުގައި ޖޯލިފައްޗާއި ގޮނޑީގެ އިތުރުން އަށި ބަހައްޓާފައި ހުއްޓެވެ. ބިޔަކޮށް ހެދިފައިވާ ކާނި ގަސްތަކުގައި ޖޯލި އެލުވާފައިވާއިރު، ރާޅުފަށުގައި ހުރި ރުކުގައިވެސް ހުރީ ޖޯލި އެލުވާފައެވެ. ފައިވާން ދޫކޮށްލުމަށްފަހު، ބިންޔާ ހިނގަން ފެށިއެވެ. ފަސްގަނޑު މަޑުކަމުން ހިނގުން ހުއްޓާލާހިތްވެސް އޭނާ ނުވިއެވެ.

އިރު އޮއްސުމުގެ ކުލަވަރު ދުނިޔެމަތިން ދައްކާލިއެވެ. ބިންޔާ އެ މަންޒަރު ބަލަން ހުރީ، ހިތަށް ލިބެމުން އައި ހިތްހަމަޖެހުމެއްގެ ބޮޑުކަމުންނެވެ. ބިންޔާގެ ފަހަތުގައި ހުރި މިޒްޔަލް އޭނާގެ ފޯނުގައި ބިންޔާގެ އެތައް ތަސްވީރެއް ރައްކާކުރިއެވެ.

"ދަތުރު އަންނަން ސަޅި ސްޕޮޓެއް..." ޒަޔާންގެ އަޑަށް މިޒްޔަލް ދިޔައީ ސިއްސައިގެންނެވެ. އޭނާ އަވަހަށް ފޯނު ޖީބަށް ލިއެވެ. ބިންޔާގެ ތަސްވީރު ނެގިކަން ޒަޔާނަށް އެނގޭކަށް އޭނާ ބޭނުމެއް ނުވިއެވެ. "ރައްޓެއްސެއް އުޅޭނީ މިރަށު ވޯޓާސްޕޯޓްސް ތަނުގަ.... ދަތުރެއް ހަމަޖައްސަންތަ؟..."

"މީރާ ވަރަށް ބޭނުން ޖެޓްސްކީ ދުއްވަން..." މީރާގެ އަޑު އައީ ދެމީހުންގެ ފަހަތުންނެވެ.

ޒަޔާންއެކޭ އެއްވަރަށް މިޒްޔަލްގެ މޫނުންވެސް ފެނުނީ ފޫހިކަމެވެ. ދެމީހުން ބަހަނާއެއް ހޯދައިގެން ބިންޔާގެ ކައިރިއަށް ދިޔައީ ބޮލި ހޮވަން ދަނީ ކަމަށް ބުނެފައެވެ. މިޒްޔަލް ފެނުމުން ބިންޔާގެ ތުންފަތަށް ވެރިވީ ފުޅާ ހިނިތުންވުމެކެވެ. ދުވެލާފައި މިޒްޔަލްގެ ކައިރިއަށް އައި ގޮތުން މިޒްޔަލް ހުރީ ހިތް ހުއްޓޭވަރު ވެފައެވެ.

"ބަލާބަ ރީތި ބޮލިތަކެއް... އަދި ދުވަހަކުވެސް އަސްލު ބޮއްޔެއް ނުދެކެން... ލޯބި ދޯ؟..." ބިންޔާގެ އުފާވެރިކަން އޭނާގެ މޫނުން ސިއްރެއް ނުވެއެވެ.

"ބޭބީ ގާލް... ތި އުޅެނީ ކުޑަކުދިން އުޅޭހެން..." މިޒްޔަލް ހުރީ ހިނިއައިސްފައެވެ. ބިންޔާ އުޅޭގޮތް މައުސޫމުކަމުން އޭނާގެ ހިތް ދީވާނާވެއެވެ. ވާހަކަ ދައްކާ ގޮތާއި ހަރަކާތްކޮށްލާގޮތްވެސް އެހާމެ ފުރިހަމައެވެ. މިޒްޔަލްގެ ހިތް އެދެމުން ދިޔައީ ބިންޔާ އޭނާގެ ހައްގަކަށް ހަދާށެވެ. އަމިއްލަ ހިތަށް ވިސްނައިދޭން އުޅުނަސް، މިޒްޔަލްއަށް އޭނާގެ ނަފުސުގެ މައްޗަށް ބާރެއް ނުފޯރުވެއެވެ. ބިންޔާގެ ކޮންމެ ހަރަކާތަކަށް މިޒްޔަލްއަށް ހިތާއިހިތުން ތައުރީފު ކުރެވެނީ ކީއްވެ ހެއްޔެވެ؟ އެއީ ދުވަހަކުވެސް މިޒްޔަލްއަށް ވީ ގޮތްތަކެއް ނޫނެވެ.

ބިންޔާ ތުން އަނބުރާލާފައި ދާން ހިނގައިގަތެވެ. ދެ ޖީބަށް އަތް ޖަހާލިގޮތަށް މިޒްޔަލް ހުރީ ހިނި އައިސްފައި ބިންޔާއަށް ބަލާށެވެ.

********

"ނަސީބެއްނު މިހާލު ޖެހިފަ އޮތްކަން... ތިއޮތް ހާލުން އަހަރެންގެ ދިރިއުޅުމަށް ވިހަލާކަށް ނާދެވޭނެއެއްނު..." ސަމީރާ އޮތް ހާލު ފެނި، ނާޒިރާ ހުރީ ހަމަޖެހިފައެވެ. "އަހަރެން ހުރީ ބިރުން، މީނަގެ ދެފައި ސަލާމަތުން އޮވެދާނެތީ... ސައީދުވެސް މީނަ މިހާރު އޮތް ހާލުން ބަލައެއް ނުގަންނާނެ... ކާކުތަ ބޭނުމެއް ނުހިފޭ މީހަކު ބަލާނީ؟..."

ނާޒިރާމެންގެ ވާހަކަ އަޑުއަހަން ހުރި ސައީދަށް އަނގަމަތީގައި އަތް އަޅައިލެވުނެވެ. އޭނާގެ ދެލޮލުން ހޯސްލާފައި ކަރުނަ އަންނަމުން ދިޔައެވެ. ސައީދުގެ ދެފައިން ވާގިދޫވެ، ކޮޅަށް ހުރުމަށް ދަތިވިއެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު