ޔާމީން މިނިވަންކޮށް އިންތިޚާބުގައި ވާދަ ކުރުމުގެ ފުރުސަތު ދޭން ޖެހޭ: ނާޒިމް

އެމްއެންޕީގެ ރައީސް، ކާނަލް މުޙައްމަދު ނާޒިމް ---

ރިޔާސީ އިންތިޚާބު ބޯމަތިވަމުން އަންނައިރު އިދިކޮޅު ކެންޑިޑޭޓް ޖަލުގައި ބޭއްވުމަކީ ވަރަށް ކަންބޮޑުވާ ކަމެއް ކަމަށް، މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރައީސް މުޙައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

އެމްއެންޕީން ރޭ ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަދައްކަމުން ނާޒިމް ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލުގައި ބާއްވައިގެން ނުވާނެ ކަމަށާއި އެމަނިކުފާނަށް ރިޔާސީ އިންތިޚާބުގައި ވާދަ ކުރުމުގެ ފުރުސަތު ދޭންޖެހޭނެ ކަމަށެވެ. އަދި ވިދާޅުވީ ޔާމީނަށް އިންސާފު ކަށަވަރުކޮށްދިނުމަށް ސަރުކާރަށް ގޮވާލައްވާ ކަމަށެވެ.

ނާޒިމް ވިދާޅުވީ އޭނާއަކީ ޖަލުގައި ވަރަށް ނިކަމެތިކަމާއެކު ގިނަ ދުވަސްތަކެއް ހޭދަ ކުރަންޖެހުނު މީހެއް ކަމަށާއި އެކަމުގެ ތަކުލީފް އެންމެ ބޮޑަށް އުފުލި އެކަކަކީ އަނބިކަނބަލުން ކަމަށެވެ. އަދި ވިދާޅުވީ އެހެންވެގެން މީހަކު ޖަލަށްލުމަށް އޭނާގެ އާއިލާ ވެސް ނޭދޭނެ ކަމަށެވެ.

"ތިޔަބޭފުޅުންގެ ޚިޔާލަށް ގެންނަވާ ޖަލުގައި އޮންނައިރު އެމީހާގެ އާއިލާއަށް ވާނެ ގޮތް. ރައީސް ޔާމީންގެ ތިން ދަރިކަލުން ތިއްބަވާނެ. ވަރަށް ތުއްޕުޅު ބޭފުޅެއް ވެސް ހުންނަވާނެ. އެހެންވީމަ އަޅުގަނޑެއް އަޅުގަނޑުގެ އާއިލާއެއް ދުވަހަކު ވެސް ނޭދޭނެ މީހަކު ޖަލަށް ލާކަށެއް. އެއީ ޖަލަކީ ފަސޭހަ ތަނެއް ނޫން އޮންނާކަށް،" ނާޒިމް ވިދާޅުވިއެވެ.

ރާއްޖޭގައި މިހާރު މިފެންނަނީ "ސެލެކްޓިވް ޖަސްޓިސް"ކަން ފާހަގަ ކުރައްވަމުން ނާޒިމް ވިދާޅުވީ އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ މައްސަލައިގައި ގިނަ ބަޔަކު ޝާމިލްވާއިރު ހަމައެކަނި އަބަދު ލިބެމުން ދަނީ އެންމެ މީހަކަށް ކަމަށާއި އެއީ ރައީސް ޔާމީން ކަމަށެވެ.

"ރިޔާސީ އިންތިޚާބު ބޯމަތިވަމުން އަންނައިރު އަޅުގަނޑުގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ރިޔާސީ ރޭހަށް ނުކުމެވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފައިވާ އަދި ޕާޓީއެއްގެ ލީޑަރަކު ޖަލުގައި އޮތުން. ރައީސް ޔާމީން ޖަލުގައި އޮވެގެން ނުވާނެ. ރިޔާސީ އިންތިޚާބުގައި އެބޭފުޅާއަށް ވާދަ ކުރެވެން ވާނެ،" ނާޒިމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ވެރިކަންކުރާ ކޮންމެ މީހަކު ޖަލަށް ލާން ވެއްޖެ ނަމަ އެކަމަށް ދުވަހަކުވެސް ނިމުމެއް ނާންނާނެ ކަމަށާއި އެހެންވެގެން އެމްއެންޕީން ވެރިކަމަށް އަންނަނީ މީހުން ޖަލަށްލުމުގެ ސަގާފަތް ނައްތާލާ، ރާއްޖޭގައި އިންސާފު ގާއިމުކޮށްދިނުމަށް ކަމަށެވެ.

އެމްއެންޕީގެ ފަރާތުން ރިޔާސީ އިންތިޚާބުގައި ވާދަ ކުރައްވާ ނާޒިމް ވިދާޅުވީ އެ ޕާޓީގެ ސަރުކާރެއްގައި ޝަރުއީ ދާއިރާއަށް ބަދަލު ގެނެސް އިންސާފު ގާއިމުކުރާނެ ކަމަށެވެ.

ރޭގެ ޖަލްސާގައި ވަރަށް ގިނަ މީހުން ވަނީ އެމްއެންޕީއާ ގުޅިފައެވެ. އަލަށް ގުޅުނު މެންބަރުންނަށް ހޫނު މަރުޙަބާއެއް ވިދާޅުވެ ޕާޓީއާއެކު ކުރިއަށް ގޮސް މިއަހަރު އޮންނަ ރިޔާސީ އިންތިޚާބު އެ ޕާޓީއާއެކު ކާމިޔާބުކުރުމަށް މަސައްކަތްކުރުމަށް ނާޒިމް އެދިލެއްވިއެވެ.

comment ކޮމެންޓް