ނަސީރު އެކަޑަމީގެ ޖޫނިއާ 8 އެތްލީޓަކު އިތުރު ތަމްރީނު ހޯދުމަށް ލަންކާއަށް ފުރައިފި

ނަސީރު އެކަޑަމީން ލަންކާއަށް ފުރި 8 އެތްލީޓުން ފުރުމުގެ ކުރިން އެއާޕޯޓުގައި-- ފޮޓޯ/ނަސީރު އެކަޑަމީ

ރާއްޖޭގެ ކުރީގެ އެއްވަނަ ދުވުންތެރިޔާ ނަސީރު އިސްމާއީލްގެ "ނަސީރު ސްޕޯޓްސް އެކަޑަމީ" ގައި ތަމްރީނު ހަދަމުންދާ ޖޫނިއާ އަށް އެތްލީޓަކު އިތުރު ތަމްރީނު ހޯދުމަށް އަވައްޓެރި ސްރީލަންކާއަށް މިއަދު ފުރައިފިއެވެ.

ލަންކާގައި ހުރެ ސަން އާ ވާހަކަދައްކަމުން ނަސީރު ބުނީ ތަމްރީނު ކޭމްޕަށް ލަންކާއަށް ދިޔަ އެތްލީޓުންގެ ތަމްރީނުތައް ފަރުމާކުރާނީ ކުރިއަށްއޮތް އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ފުރުސަތު ހޯދުމަށް ބާއްވާ ޓްރަޔަލްތަކަށް ކަމަށެވެ.

ލަންކާއަށްދިޔަ ނަސީރު ސްޕޯޓްސް އެކަޑަމީގެ އެތްލީޓުންގެ ތަމްރީނުތައް ބޭއްވުމަށް ހަމަޖެހިފައިވަނީ، ލަންކާގެ ކޯޗް ރަތުނަ ކުމާރު ބެލުމުގެ ދަށުންނެވެ. ނަސީރު އެކަޑަމީގެ ދަށުން ލަންކާއަށްދިޔަ އެތްލީޓުންނަކީ، ފާތިމަތު އިފާޝާ، އާމިނަތު ލުމާ (ލުމީ)، އާމިނަތު ޝަމްހާ، ނަތާރާ ނަސީރު، އައިލީން ހައިޝޫމް، އަލައިނާ ލިއުޝާން، އަބްސަލް އަބްދުﷲ ގެ އިތުރުން މުހައްމަދު އީހާންނެވެ.

މި އެތްލީޓުންގެ ތެރެއިން 12 އަހަރުގެ ލުމީ ވަނީ މިދިޔަ އަހަރު ބޭއްވި އެތްލެޓިކްސް ޗެމްޕިއަންޝިޕްގައި ވާދަކޮށް ދެ އުމުރު ފުރައަކުން އެއްވަނަ ހޯދާފައެވެ. އެއީ 1500 މީޓަރު ދުވުމާއި 800 މީޓަރު ދުވުމުގެ ބައިންނެވެ.

ނަސީރު ބުނީ، މިއަދު ލަންކާއަށް ފުރި އަށް އެތްލީޓުންގެ އިތުރުން އޭނާގެ އެކަޑަމީގައި ތަމްރީނު ހަދަމުންދިޔަ ރާއްޖޭގެ އެއްވަނަ ދިގު ދުވުންތެރިޔާ ހުސައިން ފަޒީލް (ފެލޭޝް) އާއި މުހައްމަދު ވިސާމުވެސް މިވަގުތު ލަންކާގައި ތަމްރީނު ހަދަމުންދާކަމަށެވެ.

މި ދެ އެތްލީޓުންވެސް ތަމްރީނު ހަދަމުންދަނީ ރަތުނަ ކުމާރުގެ ބެލުމުގެ ދަށުންނެވެ. މި ދެ އެތްލީޓުންވެސް ތައްޔާރުވަމުން ދަނީ މިއަހަރުގެ އޯގަސްޓްމަހު މަޑަގަސްކަރައިގަ ބޭއްވުމަށް ހަމަޖެހިފައިވާ އައިއޯއައިޖީގައި ބައިވެރިވުމަށް ފުރުސަތު ހޯދުމަށެވެ.

comment ކޮމެންޓް