ތިން ވަނަ އެޗްއާރް ކޮންވެންޝަން މާޗް މަހުގެ ހަތަރު ވަނަ ދުވަހާއި ފަސް ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާކަމަށް، މޯލްޑިވްސް އެސޯސިއޭޝަން އޮފް އެޗްއާރު ޕްރޮފެޝަނަލްސް (މާޕް) އިން އިއުލާނުކޮށްފިއެވެ.
މި ހަރަކާތް އޮންނާނީ މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީގެ މައި އޮޑިޓޯރިއަމްގައެވެ.
އަދި މި ހަރަކާތުގައި މަދުވެގެން 350 ބައިވެރިން ބައިވެރިވާނެކަމަށް އެ ޖަމިއްޔާއިން ވަނީ ބުނެފައެވެ.

ކޮންވެންޝަންގައި ވާހަކަ ދައްކަވާ ބޭރުގެ ބައެއް ބޭފުޅުން
އެ ޖަމިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވާގޮތުގައި މި ހަރަކާތަކީ އެޗްއާރް ދާއިރާގެ ތަޖުރިބާކާރުންނާއި އިސްބޭފުޅުނ ހިމެނޭގޮތަށް ގިނަ ބަޔަކު އެއްވާ އެންމެ ބޮޑު އެއްވުމެވެ.
މިއަހަރުގެ ކޮންވެންޝަން ކުރިއަށް ގެންދާނީ އެ ޖަމިއްޔާގެ ކްރިއޭޓިން ވެލިއު އެންޑް ލީޑިން އޮގަނައިޒޭޝަންސްގެ ދަށުންނެވެ.
މި ކޮންވެންޝަންގެ މަގުސަދަކީ އެޗްއާރު ޕްރޮފެޝަނަލުންނާއި، ލީޑަރުންނާއި، ވިޔަފާރި ވެރިންގެ އިތުރުން ސްޓޭކް ހޯލްޑަރުންނަށް އެޗްއާރުގެ ދައުރާއި އެޗްއާރު ޓީމުތަކާ އޯގަނައިޒޭޝަންތައް ހިންގާނެ ގޮތްތައް ކިޔައިދިނުމެވެ. މި ކޮންވެންޝަންގައި ތަޖުރިބާކާރު ބޭފުޅުން ވާހަކަ ދައްކަވާނެއެވެ.

މި އެކްސްޕޯއަށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާއިރު، އިންޑިވިޖުއަލް ރަޖިސްޓްރޭޝަން ފީ ފެށެނީ 3،500 ރުފިޔާއިންނެވެ.
ފަސް ބައިވެރިންނަށްވުރެ ގިނަ ބައިވެރިންގެ ގްރޫޕެއް ރަޖިސްޓްރީ ކުރާނަމަ ގޮނޑިއަކަށް 3،250 ރުފިޔާ ދައްކަން ޖެހޭނެއެވެ. އަދި ކޮންމެ އޯގަނައިޒޭޝަނަކުން 10އަކަށް ވުރެ ގިނަ ބައިވެރިންގެ ގްރޫޕެއް ނަމަ ގޮނޑިއަކަށް 3،000 ދައްކަން ޖެހޭނެއެވެ.
އެޗްއާރު ކޮންވެންޝަންގައި ރަޖިސްޓްރީ ކުރުމުގެ އެންމެ ފަހުގެ ތާރީޚަކީ މިމަހުގެ 28 ވަނަ ދުވަހެވެ.
މުއާހަދާއާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން މާޕްގެ ރައީސް އަހުމަދު އިބްރާހިމް ވިދާޅުވީ ތިން ވަނަ ފަހަރަށް މި ހަރަކާތް ބޭއްވޭ ކަމީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
"މިއީ ވިޔަފާރި ލީޑަރުންނާއި އޯނަރުންނާއި އެޗްއާރު ޕްރޮފެޝަނަލްސްއަށް، އަޅުގަނޑުމެންނަށް އެޗްއާރު ފެންނަ ގޮތާއި އެކަމަށް އެހީތެރިވެދޭނެ ކަމެއް ކަމަށް އަޅުގަނޑުމެން ގަބޫލުކުރަން،" މާޕްގެ ރައީސް އަހުމަދު އިބްރާހިމް ވިދާޅުވިއެވެ.
މާޕްއިން 2019 ވަނަ އަހަރު ފުރަތަމަ އެޗްއާރު ކޮންވެންޝަން ބާއްވާފައިވާއިރު، 2022 ވަނަ އަހަރު ކާމިޔާބު ދެވަނަ ކޮންވެންޝަނެއް ވަނީ ބާއްވާފައެވެ.