ގޫގުލްގެ އެއްވެސް މިސްރާބެއް ނެތް ކަމަށް ބުނެ ކުރީގެ މުވައްޒަފެއްގެ ފާޑުކިޔުން

ސެޝަދްރީ ވަނީ ގޫގުލްގައި ދެ އަހަރުވަންދެން މަސއްކަތްކޮށްފަ -- ފޮޓޯ/ ބްލޫމްބާގް

ގޫގުލްގެ މުސްތަގުބަލަށް އެއްވެސް ޕްލޭނެއް އަދި ސީދާ ކަނޑައެޅިފައިވާ ވަކި އަމާޒެއްވެސް ނެތްކަމަށް ބުނެ، އެ ކުންފުނީގެ ކުރީގެ މުވައްޒަފަކު ފާޑުކިޔައިފިއެވެ.

ގޫގުލް ކްލައުޑްއިން ގަނެފައިވާ ސޮފްޓްވެއާއެއް ކަމަށްވާ އެޕްޝީޓް އުފެއްދި ޕްރަވީން ސެޝަދްރީގެ ބްލޮގް ޕޯސްޓެއްގައި ވަނީ، ގޫގުލްއަކީ ކުރިން ވަރަށް ރަނގަޅަށް ހިނގަމުން އައި ކުންފުންޏެއް ނަމަވެސް އެ ކުންފުނީގެ މަސައްކަތްތައް މިހާރު މަޑުޖެހިފައިވާ ކަމަށެވެ. ދެ އަހަރުގެ މަސައްކަތަށް ފަހު، މިދިޔަ ޖެނުއަރީ މަހު އޭނާ އެ ކުންފުނިން ވަކިވީ އޭގެ ސަބަބުންކަން ސެޝަދްރީ ފާހަގަކުރިއެވެ.

އޭނާ ބުނި ގޮތުގައި ގޫގުލްގެ މައްސަލަތަކުގެ އަސްލަކީ އެ ކުންފުނީގެ ސަގާފަތުގެ ތެރޭގައި ހިމެނޭ މައްސަލަތަކެކެވެ. އެއީ އެ ކުންފުނީގެ ޓެކްނޮލޮޖީއެއްގެ މައްސަލައެއްނޫން ކަމަށް އޭނާ ބުނެފައިވެއެވެ. އަދި މުވައްޒަފުން ޒިންމާ އަދާކުރާމިންވަރަށް އެ ކުންފުނިން ވަރަށް ބޮޑަށް އިސްކަންދޭ ކަމަށާއި އެކަމުގެ ސަބަބުން މުވައްޒަފުން ޕެރަލައިޒްވެ، ހުނަރުވެރިކަން ތަރައްގީ ކުރަން އުނދަގޫވާ ކަމަށް އޭނާ ބުނެފައިވެއެވެ.

ސެޝަދްރީގެ ބްލޮގް ޕޯސްޓްގައި އޭނާ އިތުރަށް ބުނީ ގޫގުލްގެ ސަގާފީ މައިގަނޑު ހަތަރު މައްސަލައެއް އެބަހުރި ކަމަށާއި އެއީ އެއްވެސް އަމާޒެއް ނެތުމާއި، މަސައްކަތް ކުރުމުގައި ހަލުވި ކަމެއް ނެތުމާއި، އެ ކުންފުނި ކޮންމެގޮތަކަށް ހިންގި ނަމަވެސް އެހެން ކުންފުނިތަކަށް ވުރެ ކުރީގައި އޮންނަ ކަމަށް ދެކުމާއި ކުންފުނީގެ ހިންގުން ރަނގަޅުނުވުން ކަމަށެވެ.

އޭނާ ބުނީ ގޫގުލްގެ ކާމިޔާބީ ބިނާވެފައި ވަނީ އެ ކުންފުނީގެ އިޝްތިހާރަށް ކަމަށެވެ. އަދި އިޝްތިހާރުގެ ވިއްކުމުގެ ވިޔަފާރިއަކީ ކޮންމެ އަހަރަކުވެސް ފުޅާވަމުން އަންނަ ވިޔަފާރިއެއް ކަމުން، ގޫގުލްއިން ހަދާ ގޯސްތަކުގެ ސަބަބުން ލިބޭ ނުރަނގަޅު ނަތީޖާ ފޮރުވޭ ކަމަށް ސެޝަދްރީ ބުންޏެވެ.

ސެޝަދްރީ ބުނީ ގޫގުލް އަކީ "ބަންދު ދުނިޔެއެއް" ކަމަށާއި ގިނަ މުވައްޒަފުންގެ ހިދުމަތް ކުންފުނިން ރަނގަޅަށް ވަޒަން ނުކުރާކަމަށެވެ. އަދި މުވައްޒަފުންނަށް ފީޑްބެކް ދެނީ އެމީހެއްގެ މަސައްކަތާ މެދު އެކުވެރިންނާއި މެނޭޖަރުން ދެކޭ ގޮތުގެ މައްޗަށް ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.

ސެޝަދްރީ ގަބޫލުކުރާ ގޮތުގައި ގޫގުލްއަށް ކަންކަން ބަދަލުކޮށްލެވިދާނެއެވެ. ނަމަވެސް އެކަމަށް ވަގުތު ބޭނުންވާނެ ކަމަށް އޭނާ ބުންޏެވެ. އޭނާ ބުނަނީ ގޫގުލްއިން އިސްނަގައިގެން ވަކި މަގުސަދެއް ކަނޑައަޅައި، އުންމީދީ މަސައްކަތްތައްކުރާ މީހުންނަށް އިނާޔަތްތައް ދީ، މިޑްލް މެނޭޖްމަންޓުގެ މުވައްޒަފުން މަދުކުރަން ޖެހޭ ކަމަށެވެ. އަދި ގޫގުލް އަކީ މުވައްޒަފުންނަށް ފާރަލާ ކުންފުންޏަކަށް ވުމުގެ ބަދަލުގައި އާ އުފެއްދުންތަކާއި ހުނަރުވެރިކަމަށް މަގުފަހިކޮށްދޭ ކުންފުންޏަކަށް ވާން ޖެހޭ ކަމަށް ސެޝަދްރީ ބުނެފައިވެއެވެ.

ސެޝަދްރީގެ ފާޑުކިޔުންތަކަށް ގޫގުލް އިން ޖަވާބެއް ދީފައެއް ނުވެއެވެ. ނަމަވެސް މައިކްރޮސޮފްޓްގެ އާޓިފިޝަލް އިންޓެލިޖެންސް އިނީޝިއޭޓިވްސްއާ ވާދަކުރަން އެ ކުންފުންޏަށް ދަނީ ޕްރެޝަރު ބޮޑުވަމުންނެވެ. ސެޝަދްރީ ގަބޫލުކުރާ ގޮތުގައި މިއީ ގޫގުލްއަށް ނާޒުކު ދަނޑިވަޅަކަށްވާއިރު، ވާދަވެރިކަމާއެކު ދެމިތިބުމަށް އެ ކުންފުނީގެ ސަގާފަތް ބަދަލުކުރަން ޖެހެއެވެ. ގޫގުލްއަށް ބަދަލުތަކެއް ނުގެނެސްފި ނަމަ ވާދަވެރިންނަށް ވުރެ ފަހަތަށް ޖެހި، ކުރިން އޮތް ބޮޑު ދަރަޖަ ގެއްލޭނެ ކަމަށް އޭނާ ވަނީ ލަފާކޮށްފައެވެ.

comment ކޮމެންޓް