ގަދަ 16ގެ ފުރަތަމަ ލެގުން ބަޔާން އާއި އޭސީމިލާނަށް މޮޅެއް

ޕީއެސްޖީ އާއި ބަޔާން ބައްދަލުކުރި މެޗްގައި ބަޔާން ކުޅުންތެރިއެއްގެ ޓެކުލަކުން މެސީ ވެއްޓެނީ-- ފޮޓޯ/ގެޓީ

ޔުއެފާ ޗެމްޕިއަންސްލީގް ގަދަ 16ގެ ފުރަތަމަ ލެގްގައި ރޭ ކުޅުނު މެޗްތައް ޖަރުމަނުވިލާތުގެ ބަޔާން މިއުނިކާއި، އިޓަލީގެ އޭސީމިލާނުން ކާމިޔާބުކޮށްފިއެވެ.

ބަޔާން މެޗް ކާމިޔާބުކުރީ ރަށުން ބޭރުގައި ފްރާންސްގެ ޕީއެސްޖީއާ ދެކޮޅަށް ކުޅުނު މެޗު، 1-0ގެ ނަތީޖާއަކުން ކާމިޔާބުކޮށްގެންނެވެ. ފްރާންސްގައި ކުޅުނު މިމެޗްގައި ފެނުނު ހަމައެކަނި ލަނޑު ބަޔާނަށް ކާމިޔާބުކޮށްދިނީ، 53 ވަނަ މިނެޓް ތެރޭގައި އަލްފަންސޯ ޑޭވީސް ތަނަވަސްކޮށްދިން ފުރުސަތެއްގައި ކިންގްސް ކޯމަން އެވެ. މިއީ ކުރިން ޕީއެސްޖީއަށް ކުޅުނު ކޯމަން ބެޔާންއަށް ބަދަލުވުމަށްފަހު ޗެމްޕިއަންސްލީގްގައި އެޓީމް ކޮޅަށް ލަނޑު ޖެހި ދެވަނަ ފަހަރެވެ.

ރޭގެ މެޗް ޕީއެސްޖީން ފަށާފައިވަނީ ކިލިއަން އެމްބާޕޭ ނުލައެވެ. ފުރަތަމަ ހާފްގައި އެމްބާޕޭ ބެންޗުގައި އިންއިރު، ދެވަނަ ހާފްގައި އޭނާއަށް ކުޅުމުގެ ފުރުސަތު ދީފައިވަނީ 57 ވަނަ މިނެޓްތެރޭގައެވެ. އެއީ ކާލޮސް ސޯލާގެ ބަދަލުގައެވެ.

ޕިއެސްޖީގެ ފުރަތަމަ 11އިގައި ހިމެނިގެން އެމްބާޕޭ ކުޅެން ނޭރުވި ނަމަވެސް ޕީއެސްޖީގެ ކޯޗު ކްރިސްޓޮފާ ގަލްޓިއޭ ވަނީ ފުރަތަމަ އެގާރާގައި މެސީ އާއި ނޭމާ ހިމަނާފައެވެ.

ޕީއެސްޖީ އާއި ބަޔާން ބައްދަލުކުރި މެޗްގެ ތެރެއިން-- ފޮޓޯ/ގެޓީ

މެޗްގައި ޕީއެސްޖީއަށް ލަނޑެއް ނުޖެހުނު ނަމަވެސް އެޓީމުން ވަނީ ބަޔާންގެ ގޯލަށް ނުރައްކާކޮށްފައެވެ. މީގެ ތެރެއިން އެމްބަޕޭ ފޮނުވާލި ބޯޅައެއް ގޯލަށް ވަތް ނަމަވެސް ވީއާރު ބެލުމަށްފަހު ރެފްރީ ނިންމީ އެއީ އޮފްސައިޑް ގޯލެއް ކަމަށެވެ.

ބަޔާންގެ ޕަވާޑް، މެޗްގެ 82 ވަނަ މިނެޓް ތެރޭގައި މެސީއަށްކުރި ފައުލަކާ ގުޅިގެން ރެފްރީ މައިކަލް އޮލިވާ ވަނީ ޕަވާޑަށް ދެވަނަ ރީނދޫ ކާޑަކާއެކު ރަތްކާޑެއް ދައްކައި ދަނޑުން ފޮނުވާލާފައެވެ.

މެޗަށް ފަހު ނޫސްވެރިންނާ ވާހަކަދައްކަމުން ޕީއެސްޖީގެ ކޯޗު ކްރިސްޓޮފާ ގަލްޓިއޭ ބުނީ ފުރަތަމަ ލެގުން 1-0ގެ ނަތީޖާއަކުން ބަލިވި ނަމަވެސް ކުއާޓާ ފައިނަލަށް ދިއުމުގެ ފުރުސަތު އަދި އޭނާގެ ޓީމަށް އަދި ނުގެއްލޭ ކަމަށެވެ.

"އުއްމީދު ކުރަނީ ތިން ހަފުތާގެ ތެރޭގައި ހާލަތު ބަދަލުވެގެން އައިސް މެޗްގެ ނަތީޖާ ބަދަލުކޮށް ކުއާޓާ ފައިނަލުގެ ޖާގައެއް ހޯދޭނެކަމަށް." ކޯޗު ކްރިސްޓޮފާ ގަލްޓިއޭ ބުންޏެވެ.

ޕީއެސްޖީ އާއި ބަޔާން ބައްދަލުކުރި މެޗްގެ ތެރެއިން-- ފޮޓޯ/ގެޓީ

މެޗްގައި ޕީއެސްޖީގެ އަޝްރަފް ހަކީމީއަށް ލިބުނު އަނިޔާއާ ގުޅޭގޮތުން ކޯޗް ބުނީ، ހަކީމީއަށް ލިބުނު އަނިޔާގެ ތަފްސީލް އަދި ނޭނގޭ ކަމަށާއި، ކުޅުމާ ދުރުގައި އޭނާ ހުންނަން ޖެހޭނެ މުއްދަތެއް އެނގޭނީ އަދި ޓެސްޓްތައް ހެދުމަށްފަހުކަމަށެވެ. ވޯލްޑްކަޕަށް ފަހު ޓީމާ ގުޅުނުއިރުވެސް ހަކީމީ ހުރީ މުޅިން ފިޓްކޮށް ނޫންކަމަށާއި، ރޭގެ މެޗްގައި އޭނާ އެރުވުމަކީ ނެގި ރިސްކެއްކަމަށް ކޯޗު ކްރިސްޓޮފާ ގަލްޓިއޭ ފާހަގަކުރިއެވެ.

ޕީއެސްޖީ އާއި ބަޔާން ބައްދަލުކުރި މެޗްގެ ތެރެއިން-- ފޮޓޯ/ގެޓީ

ޗެމްޕިއަންސްލީގް ގަދަ 16ގެ ފުރަތަމަ ލެގްގައި ރޭ ސްޕާސް އާއި އޭސީމިލާން ބައްދަލުކުރި މެޗް އޭސީމިލާނުން ކާމިޔާބުކުރީ 1-0ގެ ނަތީޖާއަކުންނެވެ. މެޗްގައި ފެނުނު ހަމައެކަނި ލަނޑު އޭސީމިލާނަށް ޖަހައިދިނީ ހަތްވަނަ މިނެޓް ތެރޭގައި ބްރާހިމް ޑިއާޒް އެވެ.

އޭސީމިލާނުގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗްގައި ދެޓީމްގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެން ގޮސްފައިވާއިރު، ސްޕާސްއަށްވެސް ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތައް ލިބިގެންދިޔައެވެ. ނަމަވެސް އޭސީމިލާނުގެ ޑިފެންސްލައިނުން ވަނީ ސްޕާސްގެ ހަމަލާތައް ހުއްޓުވާފައެވެ.

ސްޕާސް ކޮޅަށް ލަނޑުޖެހުމަށްފަހު އޭސީމިލާން ކުޅުންތެރިން އުފާކުރަނީ-- ފޮޓޯ/އޭސީމިލާން

ޗެމްޕިއަންސްލީގް ގަދަ 16 ގެ ދެވަނަ ލެގްގެ މެޗްތައް އޮންނާނީ، އަންނަ މާޗްމަހުގެ ނުވައެއްވާ ބްރާސްފަތި ދުވަހުގެ ރޭގައެވެ.

comment ކޮމެންޓް