ސީޒަންގެ ''ސޯލް'' ޔޫޓިއުބުން ބަލާލެވޭނެ

އަމިއްލަ ފިލްމުތަކާއި ޝޯތައް ވެސް ޑައިރެކްޓުކުރާ އެކްޓަރު އަލީ ސީޒަން އުފައްދާފައިވާ ކުރު ފިލްމު ޔޫޓިއުބަށް އާންމުކޮށްފިއެވެ.

ސީޒަން ޑައިރެކްޓް ކޮށް، ޕްރޮޑިއުސްކޮށްފައިވާ ސޯލް އަކީ 2019 ވަނަ އަހަރުގެ ފިލްމެކެވެ. މި ފިލްމު އެންމެ ފުރަތަމަ ރިލީޒްކޮށްފައިވަނީ ރާއްޖޭގެ ސްޓްރީމިން ސާވިސް ކަމަށްވާ "ބައިސްކޯފު" އަށެވެ.

ނަމަވެސް މި ފިލްމު ގިނަ ބަޔަކަށް ދެއްކުމުގެ ނިޔަތުގައި މިހާރު މި ފިލްމު ވަނީ ޔޫޓީއުބަށް އޭނާ ލާފައެވެ. ސީޒަން ކުރިން ވެސް ބުނެފައިވަނީ މި ފިލްމަކީ ގިނަ ބަޔަކަށް ދައްކާލަން ބޭނުންވާ ފިލްމެއް ކަމަށެވެ. އެގޮތުން ގިނަ ބަޔަކަށް ފަސޭހައިން ކޮންމެ ތަނެއްގައި ވެސް ތިބެ ބަލާލެވޭނެ ގޮތަށް ހެދުމަށް ވަނީ ސޯލް އިއްޔެ ޔޫޓިއުބަށް އާންމުކޮށްފައެވެ.

ގާތްގަނޑަކަށް 10 މިނެޓަށް ވުރެ ކުރު މި ފިލްމަކީ އިނގިރޭސި ބަހުން ތައްޔާރުކޮށްފައިވާ ފިލްމެކެވެ. ސްރީލަންކާގެ ދެމަފިރިން ރާއްޖެ އައިސް އުޅޭ މަންޒަރުތައް ދައްކައިދޭ މި ފިލްމުގައި ދިވެހި ތަރިން ވެސް ހިމެނޭނެއެވެ.

މި ފިލްމަކީ ރާއްޖޭގެ ރީތިކަން ޕްރޮމޯޓު ކުރުމަށްޓަކައި ތައްޔާރުކޮށްފައިވާ ފިލްމެކެވެ. އެއާއެކު ރާއްޖެއިން ބޭރުގެ އޯޑިއެންސް އަކަށް ވެސް ފިލްމު ދައްކަން ބޭނުންވާ ކަމަށް ސީޒަން ބުނެފައިވެއެވެ.

މި ފިލްމުގެ ގިނަ މަންޒަރުތައް ޝޫޓްކޮށްފައިވަނީ ކ. ތުލުސްދޫގައި އާއި އއ. މަތިވެރީގެ އިތުރުން އއ. ރަސްދޫ ކައިރީގައިވާ ފަޅުރަށެއްގައެވެ. އަދި މިފިލްމު ބޮޑަށް ހާއްސަކޮށްފައިވަނީ ލޯކަލް ޓޫރިޒަމް ޕްރޮމޯޓް ކުރުމަށް ކަމަށް ސީޒަން ފާހަގަކުރެއެވެ.

ސީޒަންގެ ކުރު ފިލްމު މިއަހަރު ނެރެފައިވާއިރު އޭނާގެ ފީޗާ ފިލްމެއް ވެސް ނެރުމަށް މިހާރު އަންނަނީ ތައްޔާރުވަމުންނެވެ. މިއީ 2020 ވަނަ އަހަރުން ފެށިގެން ތައްޔާރުކުރަމުން އައިސްފައިވާ ފިލްމެކެވެ. ނަމަވެސް އޮލިމްޕަސް ބަންދުކުރުމާ ގުޅިގެން މި ފިލްމު އަޅުވާފައި ނުވާއިރު މިހާރު އޮލިމްޕަސް ހުޅުވާފައިވާތީި އެންމެފަހުން މެއި މަހުގައި ދައްކަން ފެށުމަށް ވަނީ ހަމަޖެހިފައެވެ.

comment ކޮމެންޓް