އެޕަލްގެ މިކްސްޑް ރިއަލިޓީ ހެޑްސެޓް އަންނަ ޖޫން މަހު ނެރެނީ

އެޕަލްގެ ކަސްޓަމަރުން ގިނަ ދުވަސްތަކެއް ވަންދެން އިންތިޒާރު ކުރަމުން އައި މިކްސްޑް ރިއަލިޓީ ހެޑްސެޓް، "ރިއަލިޓީ ޕްރޯ" އަންނަ ޖޫން މަހު ވޯލްޑްވައިޑް ޑިވެލޮޕާސް ކޮންފަރެންސް (ޑަބްލިއުޑަބްލިއުޑީސީ)ގައި ތައާރަފުކުރާނެ ކަމަށް ޚަބަރު ފެތުރިއްޖެއެވެ.

ބްލޫމްބާގްގެ މަސްދަރުތަކުން ބުނާ ގޮތުގައި, އޮގްމެންޓެޑް ރިއާލިޓީ (އޭވީ) އާއި ވާޗުއަލް ރިއާލިޓީ (ވީއާރު) ހިމެނޭ އެ ހެޑްސެޓް އަންނަ އެޕްރީލް މަހު ލޯންޗް ކުރާ ގޮތަށް މީގެ ކުރިން އޮތް ނަމަވެސް އޭގެ ހާޑްވެއާ އާއި ސޮފްޓްވެއާގެ މައްސަލަތައް ހައްލުކުރުމަށް ގިނަ ދުވަސްތަކެއް ހޭދަކުރަންޖެހިފައިވުމުން އެ ތާރީޚު ފަސްކުރީއެވެ.

މި ވާހަކަތަކާ ގުޅިގެން އެޕަލްއިން ރަސްމީކޮށް އަދި ވަކި އެއްޗެއް ބުނެފައި ނުވި ނަމަވެސް ބުލޫމްބާގްގެ އިތުރުން އެހެނިހެން ގިނަ މަސްދަރުތަކުންވެސް މިކަންވަނީ ކަށަވަރު ކޮށްދީފައެވެ.

ރިއަލިޓީ ޕްރޯގެ އަގު މާ ބޮޑުކަމަށް އަޑުފެތުރިފައިވާއިރު، ބައެއް ފަރާތްތަކުން ލަފާކުރާ ގޮތުގައި އޭގެ އަގު 3،000 ޑޮލަރަށް ވުރެ ބޮޑު ވާނެ ކަމަށް ބެލެވެއެވެ. އެހެންނަމަވެސް އެހެން ކުންފުނިތަކުން ނެރޭ މިކްސްޑް ރިއަލިޓީ ހެޑްސެޓްތަކުން ނުފެންނަ ތަފާތު ފީޗާތައް އެޕަލްގެ މިޚާއްޞަ އުފެއްދުމުން ލިބޭނެ ކަމަށާއި އޭގެ ތެރޭގައި ޑުއަލް 4ކޭ ޑިސްޕްލޭ އާއި އެޑްވާންސް ކެމެރާ ޓެކްނޮލޮޖީގެ އިތުރުން އިމްޕްރޫވްޑް ޓްރެކިން އަދި ކޮންޓްރޯލާ ފްރީ އިންޕުޓް ހިމެނޭ ކަމަށް ވެސް ބުލޫމްބާގް ރިޕޯޓްގައި ބުނެފައިވެއެވެ. އަދި މި ޑިވައިސްއަށް އެކްސްޓާނަލް ބެޓެރީ ޕެކެއް ބޭނުންވާނެ ކަމަށާއި، މިހެޑްސެޓަށް ކަރަންޓް ފޯރުކޮށްދެނީ އެމް2 ޕްރޮސެސަރަކުން ކަމަށްވެސް އެ ރިޕޯޓްގައި ބުނެފައިވެއެވެ.

މި ޑިވައިސްގައި ހުންނަ ޕްލެޓްފޯމް އެކްސްއާރްއޯއެސްއަކީ އައިއޯއެސް ފަދަ އިންޓަފޭސްއެއް ކަމަށާއި އޭގެއިން ފިންގާ ޕިންޗާއި ވޮއިސް ކޮމާންޑް ބޭނުންކޮށްގެން މަސައްކަތް ކުރެވޭނެ ކަމަށްވެއެވެ. މީގެ އިތުރުން މި ހެޑްސެޓްގައި ސިރީގެ އެހީގައި އެޕްލިކޭޝަންތައް އުފެއްދުމުގެ ފުރުސަތު ވެސް ލިބޭނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އެ ހެޑްސެޓުން ފޭސްޓައިމް ކޯލްތަކުގައި ފުލް ބޮޑީ އެވަޓާތައް ވެސް ލިބެން ހުންނާނެ ކަމަށާއި އޭގެ ސަބަބުން މިހެޑްސެޓް ބޭނުންކުރާ މީހުންގެ ޝައުގުވެރިކަން އިތުރުވާނެ ކަމަށް ރިޕޯޓުތަކުގައިވެއެވެ.

މި ހެޑްސެޓަށް ފަހު، މިއަށްވުރެ އަގުހެޔޮ ހެޑްސެޓެއްވެސް ނެރެން އެޕަލްއިން މަސައްކަތް ކުރާ ކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ. އެކަމަކު އެޕަލްއިން ނެރެން އުޅޭ އަގު ހެޔޮ ޑިވައިސް 2024 ވަނަ އަހަރާ ހަމައަށް އަންނަ އިރުވެސް ނެރޭނެ ކަމަށް ނުބެލެވޭ އިރު، އެޕަލްގެ މިކްސްޑް ރިއަލިޓީ ޓެކްނޮލޮޖީ ޢާއްމުންނަށް ފަސޭހައިން ލިބޭނެ ގޮތް ހެދުމަށް ދިގު މުއްދަތުގެ ސްޓްރެޓެޖީއެއް އެ ކުންފުނިން ވަނީ ހުށަހަޅައިފައެވެ.

ޑަބްލިއުޑަބްލިއުޑީސީގައި ރިއަލިޓީ ޕްރޯ ތަޢާރަފް ކުރުމުން ޑިވެލޮޕަރުންނަށް އެ ޑިވައިސް އާއި އޭގެ ޓެކްނޮލޮޖީއަށް ބަލާލުމުގެ ފުރުސަތު ލިބޭނެއެވެ. ބެލެވޭ ގޮތުގައި މި ޕްލެޓްފޯމަށް ބޭނުންވާ އެޕްލިކޭޝަންތަކާއި ތަޖުރިބާތައް އުފެއްދުމަށް ޑިވެލޮޕަރުން ގެނައުމަށް އެޕަލް އިން ވަރަށް ބޮޑަށް މަސައްކަތް ކުރާނެއެވެ.

އެޕަލްގެ މިކްސްޑް ރިއަލިޓީ ހެޑްސެޓުން އެހެން ހެޑްސެޓްތަކުން ނުލިބޭ ތަފާތު ފީޗާތައް ގެނެސް ދެވިއްޖެ ނަމަ ރިއަލިޓީ ޕްރޯ އަކީ މި ސިނާއަތަށް އަންނަ ބޮޑު އިންގިލާބަކަށްވެ، ޓެކްނޮލޮޖީ ދާއިރާގެ ލީޑަރެއްގެ ހައިސިއްޔަތުން އެއީ އެޕަލްއަށް އިތުރު ކުރިއެރުމަކަށް ވާނެއެވެ.

comment ކޮމެންޓް