އެމްޑީޕީން ނަގަން އެންމެ ބޭނުންވީ ތިމަރަފުށީ ގޮނޑި އާއި މ. އަތޮޅުގެ ދެ ގޮނޑި: ޔާމީން

ދެހާސް ނުވަވަނަ އަހަރުގެ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގެ ދުވަސްވަރު އެމްޑީޕީ އެންމެ ބޮޑަށް ނަގަން ބޭނުންވި ތިން ގޮޑިއަކީ މ. މުލަކު ދާއިރާއާއި ދިއްގަރު ދާއިރާ އާއި ތ. ތިމަރަ ފުށީ ދާއިރާގެ މަޖިލިސް ގޮނޑިތައް ކަމަށް ޕީޕީއެމްގެ ޕާލަމެންޓް ގުރޫޕްގެ ރައީސް މުލަކު ދާއިރާގެ މެންބަރު އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ތިމަރަފުށީގެ ދާއިރާގެ ގޮނޑި ޕީޕީއެމުން ކާމިޔާބު ކުރުމުގެ އުފަލުގައި ގުރައިދޫގައި ރޭ ވަހަކަފުޅު ދައްކަވަމުން ޔާމީން ވިދާޅުވީ އެމްޑީޕީއަށް ލަފާދޭ ފަރާތްތަކުގެ އިރުޝާދާއެކު ޑީއާރްޕީ އާއި ޕީއޭ ކޯލިޝަނަށް ތިން ގޮނޑިއެއް މަހުރޫމް ކުރަން 2009 ގައި މަސައްކަތް ކުރިކަމަށާއި އެއީ މ. އަތޮޅުގެ ދެ ގޮނޑިއާއި ތިމަރަފުށީ ގޮނޑި ކަމަށެވެ. އެ ތިންގޮނޑިން އޭރުގެ ޑީއާރްޕީ ޕީއޭކޯލިޝަނަށް މަހުރޫމް ކުރަން ނިންމާފައިވަނީ އޭނާ އާއި އަހުމަދު ނާޒިމާއި ޣައްސާނު މައުމޫން މަޖިލިހަށް ހޮވިއްޖެ ނަމަ އެކަމުގެ ނުރައްކާތެރިކަން އެމްޑީޕީއަށް އޮތްކަމަށް ބޭރުގެ ފަރާތްތަކުން އެމްޑީޕީއަށް ލާފާ ދީފައިވާތީ ކަމަށެވެ.

"އެމްޑީޕީއަށް ބޭރުގެ ފަރާތްތަކުން މަޝްވަރާ ދޭގޮތުން ވިއްޔާމު އަބްދުﷲ ޔާމީނު މަޖިލހަށް އައުމަކީ އެމްޑީޕީއަށް އޮތް ވަރަށް ބޮޑު ނުރައްކަލެއް. އަހުމަދު ނާޒިމް މަޖިލހަށް އައުމަކީ އެމްޑީޕީއަށް އޮތް ވަރަށްބޮޑު ނުރައްކަލެއް! އަދި ހަމަ އެހެންމެ ތ. އަތޮޅު ތިމަރަފުށީ ގޮނޑިއަށް ޣައްސާނު މައުމޫން އައުމަކީ ވެސް އެމްޑީޕީއަށް އޮތް ނުރައްކަލެއް!" ޔާމިން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ އެތިން ގޮނޑިއަކީ އެމްޑީޕީ އެންމެ ބޮޑަށް ނަގަން ބޭނުންވި ތިން ގޮނޑި ކަމަށާއި އެތިން ގޮނޑިން އެބޭފުޅުން މަހުރޫމް ކުރަން އެމްޑީޕީން ކުރެވެން ހުރި ހުރިހާ މަސައްކަތްތަކެއް ކުރި ކަމަށެވެ. ނަމަވެސް އޭގެ ތެރެއިން އެމްޑީޕީއަށް ކާމިޔާބުކުރެވުނީ ހަމައެކަނި ތިމަރަފުށީ ގޮނޑިކަމަށެވެ. ޔާމިން ވިދާޅުވީ އެމްޑީޕީއަށް ތިމަރަފުށީ ގޮނޑި އޭރު ކާމިޔާބު ކުރެވުނުނަމަވެސް އަލުން އަނބުރާ "ރަންގޮނޑި" ޕީޕީއެމަށް ލިބުން ފާހަގަ ކުރަނީ ހައްގައް ނަސްރު ލިބިގެން ކަމަށެވެ.

"އަޅުގަނޑުމެން ވަރަށް ފަހުރު ވެރިވާ ގޮނޑިއެއް ތިމަރަފުށީ ގޮނޑި މިއީ. އަހުމަދު ޝަރީފް އާދަމް މެދުވެރިވަޑައިގެން މިގޮނޑި ޕީޕީއެމަށް ކާމިޔާބުވެގެން ދިއުމުން ﷲ އަށް ހަމްދުކޮށް ޝުކުރު ދަންނަވަން،" ޔާމީން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޕީޕީއެމްގެ ތިމަރަފުށީ ދާއިރާގެ ގޮނޑީގައި ޝަރީފް އިށީނދެ ވަޑައިގެން ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕުގެ މެންބަރުންގެ އެހީތެރިކަމާއިއެކު ތިމަރަފުށީ ގާދިއްފުށީ އަދި ގުރައިދޫގެ ރައްޔިތުންނަށް ފައިދާ ހުރި މަސައްކަތްކަތްތަކެއް ކުރައްވާނެ ކަމަށެވެ.

ރޭގަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޔާމީން އެމްޑީޕީއަށް ގޮވާލާފައިވަނީ ގަދަބަސް ބުނުމުމާއި ހަރުކަށިކަން ދޫކޮށްލުމަށްފަހު ރައްޔިތުންނާއެކު މަސައްކަތްކުރުމުގެ ގާބިލްކަން ހުރި ބައެއްކަން ސާބިތު ކޮށްދިނުމަށެވެ. އަދި އެވަގުތު ޖެހިފައިވާ ކަމަށެވެ.

"އެއްގޮތަކަށް ވެސް ތަންތައް ރޯކޮށް ތަންތަން ތަޅާ ރައްޖޭގައި ހުރި ތަހުޒީބު ދުއްވާލަން މަސައްކަތްކުރާ ބަޔަކަށް ވެގެން އެމްޑީޕީއަކަށް ކާމިޔާބެއްނުވާނެ،" ޔާމިން ވިދާޅުވި އެވެ. އެމްޑީޕީން ވެރިކަން ކުރި ތިން އަހަރުގައި އަނދިރި ތާރީހެއް ރާއްޖެއަށް އައިސްފައިވާ ކަމަށާއި އެކަމުން ސަލާމަތްވާންޖެހޭ ވަގުތު މިހާރު އައިސްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު