ބިމުގެ މައްސަލަ ހައްލުކޮށް، މަނަދޫ ސިޓީ ހޮޓަލުގެ ހުއްޓިފައި އޮތް މަސައްކަތް ފަށަނީ

ޓޫރިޒަމް މިނިސްޓްރީ އިން ނ. މަނަދޫ ކައުންސިލާ އެކު ސޮއި ކުރުމުގެ ތެރެއިން

ކައުންސިލަށް އިކުއިޒިޝަން ކޮސްޓް ނުލިބޭތީ، ގިނަ ދުވަސްތަކެއް ވަންދެން ހުއްޓިފައި އޮތް ނ. މަނަދޫ ސިޓީ ހޮޓަލުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް އެ ރަށު ކައުންސިލުން ބުނެފިއެވެ.

މަނަދޫގައި 50 ކޮޓަރީގެ ސިޓީ ހޮޓަލެއް ތަރައްގީކުރަން ޓޫރިޒަމް މިނިސްޓްރީން ސްޓޯން ހޮޓެލްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރީ ޑިސެމްބަރު 29، 2021ގައެވެ. އެ ކުންފުނިން ވަނީ ބިމުގެ އެކުއިޒިޝަން ކޮސްޓުގެ ގޮތުގައި 412،963.00 ޑޮލަރު (6,343,111.68 ރުފިޔާ) ވެސް ދައްކާފައެވެ.

އެހެންނަމަވެސް، އެ ހޮޓާ ތަރައްގީކުރާ 132،000 އަކަފޫޓުގެ ބިމުގެ ރަޖިސްޓްރީ ކައުންސިލުގެ ނަން މަތީގައި ނެތުމުން، އިކުއިޒިޝަން ކޮސްޓު ފައިސާ ކައުންސިލަށް ނުލިބޭތީ އެ މަޝްރޫއުގެ މަސައްކަތް އޮތީ ހުއްޓިފައެވެ.

މަނަދޫ ކައުންސިލުން ބުނެފައިވާ ގޮތުގައި ބަންޑާރަ ނައިބުގެ އޮފީހުން ދެއްވި ލަފާއާ އެކު، އެ ބިމުގެ އެންމެހާ ހައްގުތަކާއި އަދި ޒިންމާތައް ކައުންސިލަށް ބަދަލުކުރުމަށް ޓޫރިޒަމް މިނިސްޓްރީ އިން ވަނީ އެއްބަސްވެފައެވެ.

އެކަމަށް ބޭނުންވާ ޑީޑް އޮފް އެސައިންމަންޓުގައި ވެސް ވަނީ މިހާރު ސޮއިކޮށްފައެވެ. މި އެއްބަސްވުމުގެ ދަށުން މި ބިމުގެ އިކުއިޒިޝަން ކޯސްޓެއްގެ ގޮތުގައި ދެއްކި ފައިސާ ވެސް ލިބޭނީ މަނަދޫ ކައުންސިލަށެވެ.

މި ސިޓީ ހޮޓާ ތަރައްގީ ކުރަން ސްޓޯން ހޮޓެލްސްއަށް 30 މަސް ދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ. މި ބިން އެކުންފުންޏާ ހަވާލުކުރީ 50 އަހަރަށެވެ.

މި ސިޓީ ހޮޓަލަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ވެސް ތަރައްގީ ކުރުމަށް ބީލަމަށް ހުޅުވާލި ހޮޓަލެކެވެ. ނަމަވެސް އޭރު ތިން ބިމަކަށް ވަކި ވަކިން ހުޅުވާލުމުން ތަރުޙީބެއް ލިބިފައެއް ނުވެއެވެ.

comment ކޮމެންޓް