ސަލްމާން މިސްކިތުގެ އޭސީ މައްސަލަ ހަތަރު މަސް ފަހުން ހައްލުކޮށްފި

ކިންގް ސަލްމާން މިސްކިތް – ސަން ފޮޓޯ/ ފަޔާޒު މޫސާ

ކިންގް ސަލްމާން މިސްކިތުގެ އޭސީތަކަށް މައްސަލަ ޖެހުނުތާ ހަތަރު މަސް ފަހުން އިސްލާމިކް މިނިސްޓްރީން އެ މައްސަލަ ހައްލުކޮށްފިއެވެ.

އިސްލާމިކް މިނިސްޓްރީން މައުލޫމާތު ދިން ގޮތުގައި، މި މައްސަލަ ހައްލުކޮށް ސަލްމާން މިސްކިތުގައި އޭސީތައް ބޭނުންކުރަން ފަށާފައިވަނީ މިދިޔަ ބުރާސްފަތު ދުވަހުއެވެ.

ރީތި، ޖާގަ ތަނަވަސް، ސަލްމާން މިސްކިތުގައި ނަމާދުކުރަން ބޭނުންކުރާ ދެ ފަންގިފިލާއަށް ފިނިކުރަން ބޭނުންކުރާ ހަތަރު އޭސީ ޔުނިޓުގެ ތެރެއިން ތިން އޭސީ ޔުނިޓު ހަލާކުވެފައި ހުރުމުން، އޭސީތައް ބޭނުންނުކުރެވޭތާ ގިނަ ދުވަސްތަކެއް ވެއްޖެ އެވެ. އޭސީތައް ބޭނުންނުކުރެވޭތީ ނަމާދުކުރާ އެއްވެސް ބަޔަކަށް ފިނި ނުވާއިރު ވެންޓިލޭޝަން ރަނގަޅު ނަމަވެސް މެންދުރު ވަގުތު އެ ތަނުގައި ހުންނަނީ ހޫނުގަދަވެ އުދާސްވެފައެވެ.

އޭސީ މަރާމާތުކުރުން ލަސްވި ސަބަބާ ގުޅިގެން އިސްލާމިކް މިނިސްޓްރީން މީގެކުރިން "ސަން"އަށް ބުނީ، އެކަން ލަސްވަނީ ރާއްޖެއިން އެ އޭސީތައް މަރާމާތުކުރެވޭނެ އެއްވެސް ގޮތެއް ނެތުމުން ކަމަށެވެ. ރާއްޖެއިން އެ އޭސީ ޔުނިޓުތަކުގެ މަރާމާތަށް ބޭނުންވާ ތަކެތި ވެސް ނުލިބުނުކަމަށް އިސްލާމިކް މިނިސްޓްރީން އޭރު ބުންޏެވެ.

އެންމެފަހުން އޭސީތައް މަރާމާތުކުރީ ތުރުކީގެ އެކްސްޕާޓުން ރާއްޖެ އައިސްގެންނެވެ. މަރާމާތަށް ބޭނުންވާ ސާމާނު ވެސް ގެނައީ ތުރުކީންނެވެ.

ކިންގް ސަލްމާން މިސްކިތަކީ، ރައީސް ޔާމީން ސަރުކާރުގައި ސައުދީ އަރައްބިއްޔާގެ ފަރާތުން ހިލޭ އެހީގެ ދަށުން އިމާރާތްކޮށްފައިވާ ހަ ފަންގިފިލާގެ އިމާރާތެކެވެ. މި ސަރުކާރުގައި ސަލްމާން މިސްކިތް ހުޅުވާ ބޭނުންކުރަން ފެށި ނަމަވެސް، އެ މިސްކިތް ރަސްމީކޮށް ހުޅުވަން އިސްލާމިކް މިނިސްޓްރީން އަންނަނީ ތާރީޚަކަށްފަހު ތާރީޚެއް ދެމުންނެވެ.

comment ކޮމެންޓް