ރާއްޖޭގައި ފަރުނީޗަރު އުފައްދަނީ، އިސްކޮށް އަންހެނުން

"ހައުސް އޮފް މާކަނާ"ގެ ފެކްޓްރީގައި އަންހެނަކު ފަރުނީޗަރު ހަދަނީ: އެ މަސައްކަތުގައި އިސްކޮށް އުޅެނީ އަންހެނުން-- ފޮޓޯ: ހައުސް އޮފް މާކަނާ

އެތައް ޒަމާނެއް ވަންދެއް މަސައްކަތުގެ ތަފާތު ދާއިރާތަކުގައި ރާއްޖޭގައި ހަރަކާތްތެރިވަމުން ދިޔައީ ފިރިހެނުންނެވެ. ކޮންސްޓްރަކްޝަނާއި އިންޖިނިއަރިން ފަދަ ދާއިރާތަކަކީ ވަރަށް ފަހަކާ ޖެހެންދެއް ރާއްޖޭގައި ހަމައެކަނި ފިރިހެނުން ހަރަކާތްތެރިވަމުން އައި ދާއިރާތަކެވެ. ނަމަވެސް މި އާދަ އަންނަނީ މަޑުމަޑުން ބަދަލުވަމުންނެވެ. މަސައްކަތުގެ މާހައުލުގެ ގިނަ ދާއިރާތަކުގައި އަންހެނުން މިހާރު އަންނަނީ ފުރިހަމައަށް ޝާމިލުވަމުންނެވެ. އެކަމަށް ފުރުސަތު ފަހިކޮށްދީ އިތުރު ބޮޅެއް މިއޮތީ އަނެއްކާ ވެސް ފުރިހަމަ ވެފައެވެ. އެއީ ފަރުނީޗަރު ތައްޔާރު ކުރުމުގެ މަސައްކަތުގައި އަންހެނުން ބައިވެރިވާން ފެށުމެވެ.

ފަރުނީޗަރާއި ގެއަށް ބޭނުންވާ ގިނަ ތަކެއްޗަކީ އާންމުކޮށް ރާއްޖޭގައި ހަދައި އުޅޭ އެއްޗެއްސެއް ނޫނެވެ. އޭގެ ބަދަލުގައި މި އުފެއްދުންތަކަކީ ރާއްޖެއަށް ބޭރުން އެތެރެ ކުރާ އެއްޗެއްސެވެ. ނަމަވެސް ދެމަފިރިއަކު އުފެއްދި "ހައުސް އޮފް މާކަނާ" އިން މި ވިސްނުމާއި އާދަ ބަދަލުކޮށްލުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ. އެ މަސައްކަތް ހިނގަނީ ހުޅުމާލޭގައި ހިންގާ ފެކްޓްރީއެއްގައެވެ.

މުހައްމަދު ހަމްދޫނާއި ނާދިއާ ލައޮއިނާއަކީ ރާއްޖެ އަދި މޮރޮކޯއަށް ނިސްބަތްވާ ދެމަފިރިންނެވެ. ފަރުނީޗަރާއި އެކި ކަހަލަ ޑިޒައިންތަކަށް ލޯބި އޮންނަ ދެމަފިރިންނެވެ. ހަމްދޫން އާއި ނާދިޔާ ވެސް ތަފާތު އެކި ކަހަލަ ކޮންޓެޕޮރަރީ ޑިޒައިންތަކަށް ލޯބިކުރެއެވެ. އެ ލޯބީގެ ނަތީޖާއަކީ ހައުސް އޮފް މާކަނާއެވެ.

ދެމަފިރިންގެ ޑިޒައިންތަކާއި އިންސްޕިރޭޝަންތައް ހަގީގަތަކަށް ހަދައި އާންމުންނަށް ދޫކޮށްލުމަށް މިކަމުން ފުރުސަތު ލިބިގެން ދިޔައެވެ.

ހައުސް އޮފް މާކަނާއަކީ ތަފާތު އެކި ކަހަލަ ވަރުގަދަ ޑިޒައިންތަކުގެ ފަރުނީޗަރުތައް ޑިޒައިންކޮށް އެ ޑިވެލޮޕްކުރުމުގެ އިތުރުން އެ މާކެޓު ކުރުމަށްޓަކައި ވުޖޫދަށް ގެނައި ކުންފުންޏެކެވެ.

"އަސްލު ބޭނުން ވަނީ ތަފާތު ހިޔާލުތަކާއި އެލެގެންޓް ޑިޒައިންތައް ހިމެނޭ އެކި ކަހަލަ ފަރުނީޗަރުތަކާއި ލައިޓިން އަދި އިންޓީރިއާ އެއްޗެހި ތައްޔާރުކުރުމަށް. މި މަސައްކަތް ކުރުމަށްޓަކައި އިންސްޕަޔާ ވަނީ ބައިނަލްއަގުވާމީ ވަރުގަދަ ޑިޒައިނަރުންގެ ފަރާތުން،" ދެމަފިރިން ހާމަކޮށްފައިވެއެވެ.

ދެމަފިރިން ބޭނުންވަނީ ހައުސް އޮފް މާކަނާގެ އުފެއްދުންތަކުން ވާހަކައެއް ކިޔައިދީ ތަފާތު އެކި އިހުސާސްތައް ކުރުވައިދޭށެވެ. މިކަމަށް ތަފާތު އެކި ސްޓައިލްތަކުގެ ޑިޒައިނަރުންގެ ހިޔާލުތަކަށް ބިނާކޮށް ފަރުނީޗަރު އުފައްދައެވެ.

އަދި ފަރުނީޗަރުތައް އުފެއްދުމުގައި މި ކުންފުނީގައި އެންމެ ވަރުގަދައަށް މަސައްކަތް ކުރަނީ އަންހެނުންނެވެ. އެއާއެކު ހައުސް އޮފް މާކަނާގެ ފަރުނީޗަރުތަކުގެ މަސައްކަތުގައި ހިމެނޭ މުވައްޒަފުންގެ 80 ޕަސެންޓަކީ ހުސް އަންހެނުންނެވެ. މީގެތެރޭގައި ޑިޒައިން ކުރުމާއި ޑިވެލޮޕްކުރުން ވެސް ހިމެނެއެވެ.

"މި ކުންފުންނަށް މެނުފެކްޗަރާއިންނާއި ސަޕްލަޔަރުން ހޯދި އިރު ފެނިގެން ދިޔައީ އަންހެނުން ކޮށްފައި ހުންނަ މަސައްކަތްތަކުގައި ޑިޒައިނަށް ދީފައި ހުންނަ ސަމާލުކަން އިތުރުކަން. އަދި ހަމަ އެއާއެކު ފިނިޝިންގެ ފެންވަރު ވެސް ރަނގަޅު ކަމަށް ފާހަގަކުރެވުނު،" ދެމަފިރިންގެ ކުންފުންޏަށް އަންހެން މުވައްޒަފުން އިތުރު ކުރުމުގެ ފަހަތުގައިވާ ސަބަބު ހިއްސާކުރަމުން ހަމްދޫން ކިޔައިދިނެވެ.

ރާއްޖޭގައި ފަރުނީޗަރުގެ މަސައްކަތްތައް ކުރުމުގައި ފިރިހެނުން އުޅުނު ނަމަވެސް އިންޑޮނޭޝިއާ ފަދަ ގައުމުތަކުގައި މި މަސައްކަތުގައި އެންމެ އިސްކޮށް އުޅެނީ އަންހެނުންނެވެ. މިފަދަ ކަމެއް ރާއްޖޭގައި ވެސް ކުރެވޭނެ ކަމުގެ އިތުރު ޔަގީންކަމެއް ދެމަފިރިންނަށް ލިބިގެން ދިޔައީ އެހާ ހިސާބުންނެވެ. އަދި އޭގެ އިތުރުން އަންހެނުންނަށް މި ދާއިރާއިން އިތުރަށް ފުރުސަތުތައް ފަހިކޮށްދިނުމަށްޓަކައި މަސައްކަތް ފެށީ އަންހެނުންނަށް ބޮޑު އިސްކަމެއް ދޭ ވިސްނުމުގައެވެ.

މި މަސައްކަތުގެ ދަށުން މުވައްޒަފުން އިތުރަށް ތަމްރީނު ކޮށްދިނުމަށްޓަކައި ދެމަފިރިން މަސައްކަތް ކުރެއެވެ. އަދި ހަމައެއާއެކު ބޭރުގެ އެހެން ޑިޒައިނަރުންނާ ގުޅިގެން މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ.

ހައުސް އޮފް މާކަނާއިން ފަރުނީޗަރާއި ޑެކޯ އަދި ބަދިގެ ސާމާނުތައް އުފައްދާއިރު ޑިޒައިންގެ އަލިއަޅުވާލަން ބޭނުންވާ އެކި ކަހަލަ ސްޓައިލްތައް ހިމެނެއެވެ. އޭގެތެރޭގައި ޕިއޭ ޖަރަނޭޓް އަދި ހޭންޑް ވެގްނާ ފަދަ ޑިޒައިނަރުން ފާހަގަކޮށްލެވެއެވެ.

ޕިއޭގެ 1950ގެ "ޗަންދީގަޅު" ޑިޒައިން އަކީ އިންޑިއާގެ އެކި ކަހަލަ ސްޓައިލްތަކަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ކަލެކްޝަނެކެވެ. މި ކަލެކްޝަންގައި ހިމެނޭ ބައެއް ޕްރޮޑަކްޓުތަކަކީ ކުރީން ރާއްޖޭގެ ގެތަކުން ވެސް ފެނުނު ސްޓައިލްގެ ޕްރޮޑަކްޓުތަކެކެވެ. އެއާއެކު ހަމްދޫން އާއި ނާދިޔާ ވެސް ބޭނުންވީ އެ ޑިޒައިން އަނބުރާ ގެނައުމަށެވެ. ހައުސް އޮފް މާކަނާގެ ކަލެކްޝަންގައި ޗަންދީގަޅުގެ ޑިޒައިނަށް ބިނާކޮށް އުފައްދާފައިވާ ޕްރޮޑަކްޓު ހިމެނޭނެއެވެ.

ދިވެހިންގެ ދިރިއުޅުމާއި މާހައުލަށް ބިނާކޮށް ތަފާތު ޕްރޮޑަކްޓުތައް އުފެއްދުމަކީ ވަރަށް ބޮޑަށް ސަމާލުކަން ދޭން ޖެހޭ ކަމެއް ކަމުގައި ދެމަފިރިން ފާހަގަކުރެއެވެ. އެގޮތުން ގިނަ ބަޔަކަށް ބޭނުންކުރެވޭނެ، އަދި ކުޑަ ތަންކޮޅެއްގައި ރީތިކޮށް ޑިޒައިން ކުރެވޭނެ ފަދަ ޕްރޮޑަކްޓު އުފެއްދުމަކީ މިވަގުތު އެންމެ ވަގުތު ހޭދަވާ އަދި ދަތިތަކާ ކުރިމަތިވާ ކަންތައް ކަމަށް ދެމަފިރިން ފާހަގަކުރެއެވެ.

ނަމަވެސް ހުރިހާ މައްސަލައަކަށް ވެސް ޓީމު އެއްކޮށް މަޝްވަރާކޮށް އިތުރު ހައްލެއް ހޯދުމަށް މަސައްކަތް ކުރެއެވެ. މި ވިސްނުމާއެކު ހައުސް އޮފް މާކަނާއިން އަމާޒުކުރަނީ ދުނިޔޭގެ އިތުރަށް ފާހަގަކުރެވޭ ސްޓައިލުތަކަށް ބިނާކޮށް ދިވެހިންނާ ގުޅޭނެ ޕްރޮޑަކްތައް އުފައްދައި ދިވެހިން ފަހުރުވެރިވާނެ ބްރޭންޑަކަށް ވުމަށެވެ.

comment ކޮމެންޓް