މާލާގެ މައްސަލައިގައި އަދި އެއްވެސް މީހަކު ހައްޔަރެއް ނުކުރޭ، ތަހުގީގު ކުރިއަށް

މާލާ ރާއްޖޭގައި: އޭނާގެ މައްސަލަ އަންނަނީ ބަލަމުން-- ފޮޓޯ/ މާލާ ފޭސްބުކް

އަޑު އިވުމުން މަހްރޫމް ވެފައިތިބޭ މީހުންނާއި ވާހަކަ ނުދެއްކޭ މީހުން ރަނގަޅު ކުރާކަމަށް ބުނެ ސޯޝަލް މީޑިއާގައި މަޝްހޫރުކަން ހޯދި އިރާގުގެ ރައްޔިތެއް ކަމަށްވާ މާލާ އަލީގެ މައްސަލައިގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައިނުވާ ކަމަށް ހެލްތު މިނިސްޓްރީން މިއަދު ބުނެފިއެވެ.

ހެލްތް މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު އާމިނަތު ޝަތުފާ ޝަފީއު "ސަން"އަށް ވިދާޅުވީ، މާލާ އަލީ ރާއްޖެ އައިސް ބައެއް ދިވެހީންނަށް ފަރުވާ ދިން މައްސަލަ އެ މިނިސްޓްރީން ބަލަމުން ދާ ކަމަށެވެ. އޭނާ ރާއްޖެ އައިސްފައިވަނީ ޓޫރިސްޓް ވިސާގައެވެ. ޓޫރިސްޓް ވިސާގައި ރާއްޖެ އައިސް ހުއްދަ ނުނަގައި އެބާވަތުގެ ކަންކަން ނުކުރެވޭނޭ ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.

ޝަތުފާ ވިދާޅުވީ މާލާއާއެކު ރަށްރަށަށް ޒިޔާރަތް ކުރުމުގައި ހަރަކާތްތެރިވެފައި ވަނީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށެވެ. ނަމަވެސް އޭނާ މިވަގުތު ހުރީ ރާއްޖޭގައި ކަމެއް ނުވަތަ ރާއްޖޭން ބޭރުގައި ކަމެއް އަދި ކަށަވަރުވެފައެއް ނުވެއެވެ. އެ މައްސަލަ އަދިވެސް ތަހުގީގު ކުރަމުންދާއިރު މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށް ވެސް ޝަތުފާ ވިދާޅުވިއެވެ.

މާލާ އަލީ މަހުމޫދުގެ މައްސަލަ ބަލަން ފަށާފައިވާއިރު، އޭނާ މިހާރު ވަނީ ރާއްޖެއިން ފުރާފައެވެ.

މާލާ އަލީގެ ފޭސްބުކް ޕޭޖުގައިވާ ގޮތުން، މިދިޔަ މަހުގެ 29 ވަނަ ދުވަހު އޭނާ ވަނީ ރާއްޖެ އައިސްފައެވެ. އަދި އޭނާ ބައެއް ދިވެހީންނަށް ފަރުވާދިންކަން އޭނާގެ ފޭސްބުކް ޕޭޖަށް ލާފައިހުރި ފޮޓޯތަކުން ދޭހަވެއެވެ.

އެގޮތުން ފަރުވާދިން މީހަކު ރަނގަޅުވުމުން އެކަމުގެ އަގުވަޒަން ކުރުމުގެ ގޮތުން މާލާއަށް ހަދިޔާ ދޭ ފޮޓޯތަކެއް ވެސް އޭނާގެ ފޭސްބުކް ޕޭޖުގައި ވަނީ އާއްމުކޮށްފައެވެ. ނަމަވެސް އޭނާ ފަރުވާދިން މީހާ ރަނގަޅުވެފައިނުވާކަމަށް އާއިލާއިން ބުނެފައިވެއެވެ.

މާލާ، ސޯޝަލް މީޑިއާގައި އާންމުކުރި ވީޑިއޯއަކުން ފެންނަނީ މަންމަން ކުއްޖަކު ރަނގަޅުކުރާކަމަށް ދައްކާ މަންޒަރެވެ. އެގޮތުން އެ ކުއްޖާގެ އަނގައިގެ ތެރެއަށް އޭނާގެ އިނގިލި ލުމާއި ކޮނޑުގައި ޖެހުން ފަދަ ކަންކަން ކުރުމުން އެ ކުއްޖާއަށް ވާހަކަ ދެއްކޭ ކަމަށް ދައްކައެވެ.

ކުއްޖާގެ ބައްޕަ ހާރިސް އަހްމަދު "ސަން"އަށް ކިޔައިދިން ގޮތުގައި މާލާގެ މުޅި އެ ވީޑިއޯއިން ވެސް ފެންނަނީ މުޅިން ހަގީގަތާ ޚިލާފު ކަންތައްތަކެވެ.

އެގޮތުން އެއްވެސް އިރެއްގައި އޭނާގެ ދަރިފުޅަކީ މަންމަން ކުއްޖެއް ނޫން ކަމަށާއި، އެފަދަ އެއްވެސް ނުކުޅެދުންތެރިކަމެއް އޭނާގެ ދަރިފުޅުގެ ކިބައިގައި ނެތްކަމަށް ބުންޏެވެ.

އަދި އެންމެ ފުރަތަމަ ފަރުވާ ދޭން ފެށިއިރު ވީޑިއޯ ކުރަމުން އައިކަން ނާންގާ ކަމަށާއި އެކަން ވެސް ހާމަވީ މާ ފަހުން ކަމަށް ހާރިސް ބުންޏެވެ.

"އެ ވަގުތު އެ ތަން ހަމަ ފުރިފައި އޮތީ. އެހެންވެ ދަރިފުޅު ވެސް ހުރީ ހަމަ ބިރުން. ދެން އެގަޑީގައި ރޯން ވެސް ފަށައިފި ދަރިފުޅު. ދެން އޭނަ ހިތަށް އަރާނީ ވާހަކަ ނުދެއްކެނީކަމަށް. ދެން އެހެންވިޔަސް ވެސް ބުނިން މިއީ ނޯމަލް ކުއްޖެކޭ. އެކަމަކު ރެކޯޑިން ހެދިއިރު އެ އިންނަނަނީ އެ ހަދާފައި ލިޔެފައި ވާހަކަނުދެއްކޭ ކުއްޖަކަށް ވާހަކަ ދެއްކުނޭ. އެހެންވީމާ ފުރަތަމަ ވެސް އެ ގޯސްވީ،" ހާރިސް ކިޔައިދިނެވެ.

އެހެެންނަމަވެސް އޭނާގެ ދަރިފުޅަށް ބައެއް ފަހަރުތަކުގައި ރޫހާނީ ގޮތުން އެކި އުނދަގޫތައް ކުރިމަތިވަމުން އައިކަމަށް ބުންޏެވެ. އަދި އެކަމަށް ހައްލެއް ބޭނުންވެފައިވަނިކޮށް އިވުނީ މާލާ ރާއްޖެ އައިސް އުޅޭ ޚަބަރުކަމަށް ހާރިސް ބުންޏެވެ. އެހެންވެ އޭނާ ގާތަށް ދިޔައީ ރޫހާނީ ގޮތުން ކުރިމަތިވި އުނދަގޫތަކަށް ހައްލު ހޯދުމަށް ކަމަށް ހާރިސް ބުންޏެވެ.

ހަމައެއާއެކު އިތުރަށް އޮޅުވާލުމަށް ވެސް ގިނަ ކަންތައްތަކެއް ކުރިކަމަށް އޭނާ ބުންޏެވެ. އެއީ މާލާ ގާތަށް ދިޔަ އެންމެންގެ ވެސް ތަޖުރިބާއެެވެ. މިކަން އެންމެންގެ ސަމާލުކަމަށް އައީ ސޯޝަލް މީޑިއާގައި މާލާ މީހުންނަށް ފަރުވާ ދޭން އުޅޭ ވީޑިއޯތައް އާންމުވުމާއެކުގައެވެ.

މީގެ ކުރިން ސައުދީ އަރަބިއާއިން ވަނީ މާލާ ޑީޕޯޓްކޮށްފައެވެ. އޭނާ ސައުދީން ޑީޕޯޓްކުރި ސަބަބެއް ކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފައިވަނީ، މަކަރާއި ހީލަތް ހެދުމެވެ.

comment ކޮމެންޓް