އަމީނީ މަގު ހަދާ ގޮތާމެދު އަނެއްކާވެސް މޭޔަރު މުއިއްޒު ކަންބޮޑުވުން ފާޅުކުރައްވައިފި

މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު --- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ

އަމީނީ މަގު ހެދުމުގެ މަސައްކަތް މިހާރު ކުރިއަށް ގެންދާ ގޮތުން މަގުގައި ދެކޮޅަށް ދުއްވުމަށް ދާއިމީ ގޮތެއްގައި ދަތިވާނެ ކަމަށް ވިދާޅުވެ މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އެކަމާމެދު އަނެއްކާވެސް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

މޭޔަރުގެ އެންމެ ބޮޑު ކަންބޮޑުވުމަކީ އަމީނީ މަގު ހަދަމުންދާއިރު މަގުގައި އުޅަނދު ދުއްވަން އޮންނަ ބައި ހަނިކޮށް, ދުވާރު ފުޅާކުރުމެވެ. މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުވެސް މޭޔަރު ވަނީ އެކަމާމެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

މިކަމާ ގުޅިގެން ޑރ. މުއިއްޒު "ސަން"އަށް ވިދާޅުވީ ސިޓީ ކައުންސިލްގެ އިންޖިނިއަރުންނާއި ޕްރޮޖެކްޓް މެނޭޖަރުންވެސް ހައުސިން މިނިސްޓްރީ އާއި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާއެކު އެކަމާ ބެހޭގޮތުން މަޝްވަރާ ކޮށްފައިވާނެ ކަމަށާއި، ޚުދު މޭޔަރުވެސް އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވަމުން ގެންދަވާ ކަމަށެވެ.

އެގޮތުން، މިމަޝްރޫއު ހަދަން ނިންމާފައިވާ ގޮތަށްވުރެ މިހާރު މަގުން ތިން ފޫޓު ދެ އިންޗި ހަނިވާކަމަށާއި، އެހާ ބާރު ބޮޑު މަގެއްގައި ދުއްވާ އެއްޗިއްސަށް ދަތިވާއިރު އެކަމުގެ އަސަރު ދާއިމަށް މާލޭގެ ޓްރެފިކަށް ކުރާނެ ކަމަށް ޑރ. މުއިއްޒު ވިދާޅުވިއެވެ. އަދި، އަމީނީ މަގަކީ މަޖީދީ މަގު ފިޔަވައި މާލޭގެ އެންމެ ބާރު ބޮޑު އަދި މުހިންމު މަގުކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ، މިހާ ފަސޭހައިން ކަން ކުރެވޭނެ ގޮތް ކަނޑައެޅިފައި އޮއްވައި އެއާ ޚިލާފަށް އަމަލުކުރަނީ ކީއްވެކަން ނުވިސްނޭ ކަމަށެވެ.

މިދައްކަނީ މެއިން ރޯޑެއްގެ ވާހަކަ. ވަން ވޭ އެއްވެސް ނޫން. އެއްގޮތަކަށްވެސް އަޅުގަނޑުމެންގެ އަޑެއް ނާހާ. ގާނޫނީ ގޮތުން ބެލިކަމުގައި ވީނަމަވެސް މާލޭ ސިޓީ ކައުންސިލްއަކީ ޕްރޮޖެކްޓްގެ ސްޓޭކްހޯލްޑަރުންގެ ތެރޭގައިވެސް އެންމެ މުހިންމު ފަރާތް. މި ހުރިހާ ހަމަތަކެއް ހުރީމަވެސް އަޅުގަނޑުމެންގެ އަޑެއް އެއްގޮތަކަށްވެސް ނާހާ. މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު

އަމީނީ މަގު 39 މިލިއަން ރުފިޔާއަށް ހެދެން އޮއްވާ މިހާރު ހަދަމުންދަނީ 84 މިލިއަން ރުފިޔާއަށް ކަމަށް ޑރ. މުއިއްޒު ވިދާޅުވިއެވެ. އަމީނީ މަގުގައި އުޅަނދުތައް ދުއްވުމަށް ޚާއްސަކޮށްފައިވާ ބައިގެ މިހާރުގެ ފުޅާމިނަކީ 25 ފޫޓެވެ. ނަމަވެސް މަގު ހަދާ ނިމުމުން 21 ފޫޓް 10 އިންޗިއަށް ފުޅާމިން ކުޑަވާނެއެވެ.

ޑރ. މުއިއްޒު ވިދާޅުވީ މަގު ޑިޒައިނާ އެއްގޮތަށް ބަދަލުކުރުމުގެ ފުރުސަތު އަދިވެސް އެބައޮތް ކަމަށެވެ.

ތާރުއަޅައިގެން އަމީނީ މަގު ހެދުމުގެ އަމަލީ މަސައްކަތް އިފުތިތާހް ކުރީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 30 ވަނަ ދުވަހުއެވެ. އެމަގުގެ ހަތަރުވަނަ ސެގްމެންޓްގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.

comment ކޮމެންޓް