''ފްރޯޒެން'' އާއި ''ޓޯއި ސްޓޯރީ'' ސީކުއެލް ހަދަނީ

ގިނަ ކުޑަކުދިންތަކެއް ބޮޑުވަމުން އައިއިރުން ފެށިގެން ބަލަމުން އައި ބޮޑެތި ފްރެންޗައިޒްތައް ކަމަށްވާ "ފްރޯޒެން" އާއި "ޓޯއި ސްޓޯރީ"ގެ އާ ސީކުއެލްތަކުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ޑިޒްނީއިން ހާމަކޮށްފިއެވެ.

ޑިޒްނީގެ އެންމެ މަގުބޫލު ފްރެންޗައިޒްތަކުގެ ތެރޭގައި ހިމެނޭ ބައެއް ފްރެންޗައިޒް އަކީ ފްރޯޒެން އާއި ޓޯއި ސްޓޯރީއެވެ. އެގޮތުން މި ދެ ފްރެންޗައިޒް ވަނީ ޑިޒްނީއަށް ބޮޑު އާމްދަނީއެއް ހޯދައިދީފައެވެ. އެގޮތުން ފްރޯޒެންގެ ދެ ފިލްމު ވަނީ 2.5 ބިލިއަން ޑޮލަރުގެ އަމްދަނީއެއް ހޯދާފައެވެ. އަދި ޓޯއި ސްޓޯރީގެ ހަތަރު ފިލްމު ވަނީ ތިން ބިލިއަން ޑޮލަރަށް ވުރެ ބޮޑު އާމްދަނީއެއް ހޯދާފައެވެ.

އެއާއެކު ޑިޒްނީއިން ވިސްނަނީ ފްރެންޗައިޒްތަކުގެ އާ ސީކުއެލްތައް އުފައްދާށެވެ.

ޑިޒްނީގެ އާ ސީއީއޯ ބޮބް އައިގާ ދާދިފަހުން ހާމަކޮށްފައިވަނީ ދެ ފްރެންޗައިޒްގެ ގިނަ ޕްރޮޑަކްޓުތަކެއް މުސްތަގުބަލުގައި އުފައްދާނެ ކަމަށެވެ.

އަދި އާ ސީކުއެލްތަކާ ގުޅޭ އިތުރު މައުލޫމާތު ކުރިއަށް އޮތް ތަނުގައި ހިއްސާ ކުރާނެ ކަމަށް އައި ވަނީ ފާހަގަކޮށްފައެވެ. އެހެންވީމާ އާ ސީކުއެލްތައް ނެރޭނެ ދުވަހެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

ފްރޯޒެންގެ ފުރަތަމަ ފިލްމު 2013 ވަނަ އަހަރު ނެރެފައިވާއިރު ދެވަނަ ފިލްމު ނެރުނީ 2019 ވަނަ އަހަރުގައެވެ. ފުރަތަމަ ފިލްމަށް ވުރެ ދެވަނަ ފިލްމަށް ވަނީ ބޮޑު އާމްދަނީއެއް ލިބިފައެވެ.

ޓޯއި ސްޓޯރީގެ ފުރަތަމަ ބައި ނެރެފައިވަނީ 1995 ވަނަ އަހަރުގައެވެ. އެއަށްފަހު އޮރިޖިނަލް ފިލްމު ސީރީޒްގެ ޖުމްލަ ހަތަރު ފިލްމު ނެރެފައިވާއިރު ތަފާތު ސްޕިން އޮފް ސީރީޒްތަކާއި ފިލްމުތައް ވެސް ވަނީ އުފައްދާފައެވެ. އެންމެ ފަހުން ފެނިފައިވަނީ މިިދިޔަ އަހަރު ނެރުނު ސްޕިން އޮފް ފިލްމު "ލައިޓް އިޔާ" އެވެ. މިއީ އޮރިޖިނަލް ފިލްމު ސީރީޒްގެ ކެރެކްޓަރަކަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ.

comment ކޮމެންޓް
ގުޅޭ ޚަބަރު