ގާފަރު މުބާރާތް ފެށީ ބޮޑު މޮޅަކުން، ދިއްފުށިން ގުރައިދޫ ބަލިކޮށްފި

ދިއްފުއްޓާއި ގުރައިދޫ ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ/ ގޯލްޑެން ފުޓްސަލް އެސޯސިއޭޝަން

ގޯލްޑެން ފުޓްސަލް ޗެލެންޖުގައި ކ. އޮތޮޅުގެ ފުރަތަމަ ބުރުގެ މެޗުތަކުގައި ގާފަރުން ފަސޭހަކަމާއެކު ތުލުސްދޫ ބަލިކުރިއިރު ދިއްފުށި ގުރައިދޫގެ މައްޗަށް ކުރި ހޯދައިފިއެވެ.

ރޭ ހުޅުމާލެ ރެހެނދި ދަނޑުގައި ކުޅު މެޗުގައި ގާފަރު ވަނީ ތުލުސްދޫކޮޅަށް އަށް ގޯލު ޖަހައިފައެވެ. އެ މެޗުގައި ގާފަރުފެ ގޯލުތައް ޖެހީ އިބްރާހީމް ރިމާހު، އަލީ މާއިސް، ސަނީމް އަލީ، އަޒްޔަން އިބްރާހީމްގެ އިތުރުން ސާމިން މުހައްމަދު ނަސީރެވެ. މެޗުގައި ރިމާހުއާއި މާއިސް ވަނީ ދެ ގޯލު ޖަހައިފައެވެ.

މީގެ އިތުރުން ދިއްފުށިން ގުރައިދޫގެ މައްޗަށް ކުރި ހޯދީ 4-1 ގެ ނަތީޖާއަކުންނެވެ. އެ މެޗުގައި ދިއްފުށީގެ އަހުމަދު މާޒިން ދެ ގޯލު ޖެހިއިރު ހަސަން ސާހިލްއާއި ރިލްވާން ރަޝީދު ވަނީ ގޯލެއް ޖަހައިދައެވެ. މެޗުގައި ގުރައިދޫގެ ހަމައެކަނީ ގޯލު ޖަހައިދިނީ މުހައްމަދެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖަކީ މީހުން ދިރިއުޅޭ ކޮންމެ ރަށަކުން ވެސް އެރަށަކަށް ނިސްބަތްވާ އެއް ޓީމަށް ހުޅުވާލައިގެން ކުރިއަށްގެންދާ މުބާރާތެކެވެ. ނަމަވެސް މާލެއާއި ފުވައްމުލަކުގެ ކޮންމެ އަވަށަކުން ޓީމެއް ބައިވެރިކުރުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލައިފައެވެ.

ގާފަރާއި ތުލުސްދޫ ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ/ ގޯލްޑެން ފުޓްސަލް އެސޯސިއޭޝަން

މިއަހަރުގެ ގޯލްޑެން ފުޓްސަލް ޗެލެންޖުގައި 102 ޓީމު ވަނީ ބައިވެރިވެފައެވެ. އެ މުބާރާތުގައި މި އަހަރު 242 މެޗު ކުޅުމަށް ވަނީ ހަމަޖެހިފައެވެ.

މިފަހަރުގެ މުބާރާތްވެސް ކުރިއަށްދާނީ ކުރިންވެސް މުބާރާތް ކުރިއަށް ގެންދިޔަ އުސޫލުންނެވެ. ފުރަތަމަ އެ އަތޮޅެއް ނިސްބަތްވާ އަތޮޅު ބުރެއް ކުޅެން ޖެހޭއިރު އެ ބުރުން އެންމެ މޮޅު ޓީމުތައް ވާދަކުރަން ޖެހޭނީ ޒޯން ބުރުގައެވެ. ޒޯން ބުރުން އެންމެ މޮޅު 16 ޓީމު ދެން ވާދަކުރަން ޖެހޭނީ މުބަރާތުގެ ގަދަ 16ގައެވެ. އަދި އެ ބުރުން ކާމިޔާބު ހޯދާ ޓީމުތައް ކުއާޓާ، ސެމީ އަދި ފައިނަލް ކުޅެ މުބަރާތުގެ އެންމެ މޮޅު ޓީމެއް ހޮވޭނެއެވެ.

މިއަހަރު ކުޅޭ ގޯލްޑެން ފުޓްސަލް ޗެލެންޖުގެ ބްރޯޑްކާސްޓިން ޕާޓްނަރެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ ސަން ސިޔާމް މީޑިއާއެވެ.

comment ކޮމެންޓް