ރިއާނާ މިއުޒިކަށް ނިކުމެ ބޮޑު ޓުއާއަކަށް ދަނީ!

ހޮލީވުޑްގެ އެންމެ މަގުބޫލު ލަވަކިޔުންތެރިންގެ ތެރޭގައި ހިމެނޭ ރިއާނާ، އަހަރުތަކަކަށް ފަހު އޭނާގެ މިއުޒިކާއެކު ނިކުމެ ބޮޑު ޓުއާއަކަށް ދާން ތައްޔާރުވެއްޖެއެވެ.

ރިއާނާގެ ފޭނުން އޭނާގެ ލަވައެއް ނެރުމަށް ގޮވާލައި އިންތިޒާރު ކުރަމުން އަންނަތާ އެތައް އަހަރެއް ވެއްޖެއެވެ. އެކަމަށް އެތައް އަހަރެއް ވަންދެން ރިއާނާ ދެމުން އައި ޖަވާބަކީ "ވަރަށް އަވަހަށް" އާ މިއުޒިކް ނެރޭނެ ކަމަށެވެ. އެއަށްފަހު ހަ އަހަރު ވީއިރު އޭނާގެ ކޮސްމެޓިކް ލައިނެއް ވަރުގަދަކޮށް، ދަރިއެއް ހޯދައި އާއިލާއެއް ވެސް ވަނީ ފަށާފައެވެ.

އެންމެފަހުން އޭނާގެ މިއުޒިކް ފެންނާނެ ކަމުގެ އިޝާރާތް ކޮށްފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. ކުރިއަށް އޮތް އެންއެފްއެލްގެ ސުޕަބޯލްއިން އޭނާ ފެނިގެންދާނެކަން ރިއާނާ ވަނީ ހާމަކޮށްފައެވެ.

މިއީ 2016 ވަނަ އަހަރަށް ފަހު އޭނާ ޕާފޯމް ވެސް ކުރާ ފުރަތަމަ ފަހަރެވެ. އެއާއެކު ފޭނުން ތިބީ ވަރަށް ކެތްމަދުވެފައެވެ. އަދި ރިއާނާގެ ފަރާތުން އާ މިއުޒިކް ފެންނާނެ ކަމުގެ އުންމީދުގައި ފޭނުންގެ އިންތިޒާރު ވަނީ ކޮޅުން ލާފައެވެ.

އެއަށްފަހު މިދިޔަ އަހަރު ނެރުނު ފިލްމު "ބްލެކް ޕެންތާ: ވަކަންޑާ ފޮރެވާ" އަށް ރިއާނާ ވަނީ ލަވައެއް ކިޔާފައެވެ. ނަމަވެސް އަދިވެސް ފޭނުން ތިބީ އޭނާގެ އަމިއްލަ މިއުޒިކް ނެރޭނެ ދުވަހެއްގެ އިންތިޒާރުގައެވެ. އެއާއެކު މިފަހަރު މި އިވުނީ ތަފާތު ވާހަކައެކެވެ. އެއީ މިއަހަރުގެ ސުޕަބޯލްގައި ޕަފޯމް ކުރުމަށްފަހު ރިއާނާ ދެން ފެންނާނީ ޓުއާއަކަށް ދާ ތަން ކަމަށް ބައެއް ނޫސްތަކުން އަންނަނީ ބުނަމުންނެވެ.

މައުލޫމާތު ލިބޭގޮތުގައި ރިއާނާ ޓުއާ އިއުލާނު ކުރާނީ ސުޕަބޯލް ނިންމާލާ ގޮތަށެވެ. އެއަށްފަހު މިއަހަރުގެ މެދުތެރޭގައި ޓުއާ ފަށާނެ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. މި ޓުއާއަކީ އެމެރިކާގެ އިތުރުން ދުނިޔޭގެ ބައެއް އިތުރު ސަރަހައްދުތަކުގައި ވެސް ކުރިއަށްދާނެ ޓުއާ އެއް ކަމަށް މައުލޫމާތު ލިބެއެވެ.

comment ކޮމެންޓް
ގުޅޭ ޚަބަރު